Roadha Mihaaru
އަފީފް: އަޅުގަނޑު ކުރިމަތީ އޮންނާނީ ގާނޫނާއި ގަވާއިދު

އަފީފް: އަޅުގަނޑުގެ ކުރިމަތީ އޮންނާނީ ގާނޫނާއި ގަވާއިދު

14 މެއި 2019

ރައްޔިތުންގެ މަޖިލީސް ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހެ އެވެ. ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ޖެހެ އެވެ. މެމްބަރުން ޒިންމާދާރުވެ، ނަތީޖާ ނެރެދޭން ވެސް ޖެހެ އެވެ. މި މަހުގެ 28 ގައި ހުވާކުރާ، 19 ވަނަ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރީ މި އުއްމީދުތަކާ އެކުގަ އެވެ. ދެން އޮތީ އެންމެ އިޚްލާސްތެރިކަމާ އެކު އެ މަގަށް މަޖިލީހުގެ މިސްރާބު ބަދަލު ކުރައްވާނެ ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް ހޮވުމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީސް ގާނޫނީ އިމުގެ ތެރެއަށް ވައްދަން ޖެހެ އެވެ. ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ޖެހެ އެވެ. މެމްބަރުން ޒިންމާދާރުވެ، ނަތީޖާ ނެރެދޭން ވެސް ޖެހެ އެވެ. މި މަހުގެ 28 ގައި ހުވާކުރާ، 19 ވަނަ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރީ މި އުއްމީދުތަކާ އެކުގަ އެވެ. ދެން އޮތީ އެންމެ އިޚްލާސްތެރިކަމާ އެކު އެ މަގަށް މަޖިލީހުގެ މިސްރާބު ބަދަލު ކުރައްވާނެ ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް ހޮވުމެވެ.

ވާދަވެރި ލިސްޓުގައި އޮތް އެއް ނަމަކީ، ވިލުފުށީ ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފެވެ.

ރައްޔިތުންގެ މަޖިލީހަށް އާ ބޭފުޅެއް ނޫނެވެ؛

ބަރުލަމާނީ ހަޔާތް، 1990 ގައި ފެއްޓެވި އަފީފް، މަޖިލީހުގައި ތ. އަތޮޅު މެމްބަރުކަން 20 އަހަރު ވަންދެން ކުރެއްވި އެވެ. ނޫ ގާނޫނުއަސާސީ އިސްލާހުކުރި އިރު އަދި މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި އިރު ވެސް ޚާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މެމްބަރުކަން ކުރެއްވި އެވެ. އޭނާ އަކީ، އެންމެ ފުރަތަމަ އެކުލަވާލި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރެއް ވެސް މެ އެވެ.

ސުޕަ މެޖޯރިޓީ އަކީ ބޭނުންހާ ގޮތަކަށް ކަންކަން ކުރުމެއް ނޫން. މަޖިލީހުގެ ކަންކަން ނިންމަން ޖެހޭނީ މައިނޯރިޓީ އަށް ވެސް އިހްތިރާމްކޮށް، އިހްސާސްތައް ދަނެގެން. --އަފީފް

މެދުކެނޑުމަކަށް ފަހު، ރައްޔިތުންގެ މަޖިލީހަށް ވެންނެވުމުގެ ވިސްނުން އައީ، އަފީފް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގައި ރީއްޗަށް ތަރުތީބުކުރި، ވެރިކަމުގެ ތިން ބާރު މައްސުނިކޮށް ހިންގި ގޯސްތައް އިސްލާހުކުރަން ޖެހޭ ކަމަށް ފެނިވަޑައިގެންނެވެ. ބަރުލަމާނީ ހަޔާތުގެ ތަޖުރިބާއާ އެކު ރައްޔިތުންނަށް ޚިދުމަތްތަކެއް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަަމަށް ގަބޫލުކުރައްވަ އެވެ.

އެމްޑީޕީން ސާފު އަޣުލަބިއްޔަތު ހޯދި 19 ވަނަ މަޖިލީހަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކަށް ވުމަކީ މަޖިލީހުގެ ރައީސް ކަމަށް އަފީފް، ޝައުގުވެރިވެވަޑައިގަތް އެއް ސަބަބެވެ. އޭނާގެ އިތުރުން ވެސް ގިނަ ބޭފުޅުންތަކެއް ރިޔާސަތަށް ވާދަކުރައްވަ އެވެ.

މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގެންނެވި އެމްޑީޕީގެ ބޭފުޅުން. (ކ-ވ) މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިންތިޚާބީ މެމްބަރު ހަސަން އަފީފް އަދި އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް --- ފޮޓޯ: މިހާރު

މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގެންނެވި އެމްޑީޕީގެ ބޭފުޅުން. (ކ-ވ) މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިންތިޚާބީ މެމްބަރު ހަސަން އަފީފް އަދި އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް --- ފޮޓޯ: މިހާރު

މަޖިލީހުގެ ރައީސް ކަމަށް އަފީފް ހޮއްވަވައިފި ނަމަ، މަޖިލީހުގެ ކަންކަން ހަމަ މަގަށް އަޅުއްވަން ގެންގުޅުއްވާނެ ވިސްނުން "މިހާރު" އަށް ވިދާޅުވެ ދެއްވި އެވެ.

ރައީސް ދިފާއުކުރުން، އެންމެ ބޮޑު ގޯސް!

ސިޔާސީ ބައެއް ތަޖުރިބާކާރުން ވިދާޅުވަމުން އަންނަ ގޮތަށް، އަފީފް ވެސް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް، ގާނޫނުއަސާސީއާ އެންމެ ބޮޑަށް ޚިލާފުވި، އެންމެ ލަދުވެތި އަމަލުތައް ހިންގި، ރައްޔިތުންނަށް ބޮޑެތި ގެއްލުން ދިނީ މި މަހު ދައުރު ހަމަވާ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްގައި އޮވެ، ރިޔާސަތުގައި އަބްދުﷲ މަސީހް އިންނެވި އިރު، ކޮންޓްރޯލް އޮތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގަ އެވެ. އެކި ނުފޫޒުތަކުގައި ފިތި ބާރުވެފައި ތިބި މެމްބަރުން، މަޖިލީހުގެ ގޮނޑި ހޫނުކޮށްލުމާއި އޯޑަރާ އެއްގޮތަށް ބަޓަނަށް އޮބާލުން ފިޔަވައި މާ ބޮޑު ބާރެއް ނެތެވެ. ހުށަހަޅާ ބިލްތައް ބެލުމެއް، ބަހުސްކުރުމެއް ނެތި ފަޓާސް ބަރިއެއްހެން ފާސްކޮށް ނިންމާލީ އެވެ. ހުރިހާ ގެއްލުމެއް ރައްޔިތުންނަށެވެ.

އަފީފް ވިދާޅުވި ގޮތުގައި، ޖާގަ ނުދޭންވީ، އެފަދަ އަމަލުތަކަށެވެ. މަޖިލީހުގައި ބަދަލުކުރަންވީ އެ ވިސްނުމެވެ.

އަފީފްގެ ނަޒަރުގައި، ނިމިގެން ދިޔަ މަޖިލީހުގެ އެންމެ ބޮޑު ގޯހަކީ، ޔާމީންގެ ވެރިކަން ދަމަހައްޓަން ހިންގި ގާނޫނާ ޚިލާފު އަމަލުތަކެވެ.

"މަޖިލީހުގެ އަޣުލަބިއްޔަތު އޮވެފައި، ކޯޓުތަކަށް ނުފޫޒު ފޯރުވައި، ސަލާމަތީ ބާރުތައް މެދުވެރިކޮށް ހިތުހުރި ގޮތަކަށް އަމަލުކުރުމުން ވެރިކަމުގައި ހުންނެވި ބޭފުޅާ އަށް އެއްވެސް ގޮތެއް ރައްޔިތުންނަށް ނުހެދޭނެ ކަމަށް ހީފުޅުވީ. އޭގެތެރޭގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ، މި ގޮތް ގަބޫލުކުރުން އެންމެ ބޮޑު ގޯހަކީ،" އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިން ބާރު ވަކިކޮށް، ވެރިންގެ ގޮތުގައި އައްޔަންކޮށްފައިވާ ބޭފުޅުންނަކީ ވެސް ވަކި ބާރެއްގެ ގޮތުގައި ނިމިގެން ދިޔަ ސަރުކާރުގައި ބަލައިގަތެވެ.

"މިސާލަކަށް، ބައެއް ބޭފުޅުން ވިދާޅުވާނެ އުއްތަމަ ފަނޑިޔާރަކީ އަދުލު އިންސާފުގެ އެންމެ އިސް ވެރިޔާއޭ، އެކަމަކު އެއީ، ވަކި ބާރެއް ނޫން. ގާނޫނުއަސާސީގައިވާ ގޮތުން އުއްތަމަ ފަނޑިޔާރަށް ބޭނުންހާ ގޮތަކަށް ކަންކަން ކުރެއްވޭކަށް ނޯންނާނެ،" އަފީފް ވިދާޅުވި އެވެ.

މަޖިލީހުގައި ނުކުރާ މަސައްކަތަށް މިހާރު އެ އޮންނަ ގޮތުން އުޖޫރަ އެބަ ލިބޭ. އެކަން ރަނގަޅުކުރަން އަޅުގަނޑު މަސައްކަތް ކުރާނަން.

ހިތުހުރި ގޮތަކަށް ކަންކަމެއް ނުކުރެއްވޭނެ

މަޖިލީހުގެ ރައީސްގެ ޒިންމާއަކީ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުމެވެ. ޖަލްސާތައް ކުރިއަށް ގެންދަން ޖެހެނީ، ސާފުކޮށް ލިއެފައި އޮންނަ މަޖިލީހުގެ ގަވާއިދާ އެއްގޮތަށެވެ.

އެކަމަކު ގަވާއިދާ ޚިލާފަށް މަޖިލީސް ކުރިއަށް ގެންދިއުމަކީ ނިމިގެން މިދާ މަޖިލީހުގައި ވަރަށް އާދައިގެ ކަމެކެވެ. ރިޔާސަތު ވަށައިގެން ސިފައިން އަތުރައިގެން ޖަލްސާތައް ބޭއްވި އެވެ. މެމްބަރުންނާއި ރިޔާސަތާ ދޭތެރޭ އުސް ފާރެއް ރާނައިގެން ވެސް ޖަލްސާ ކުރިއަށް ގެންދިޔަ އެވެ. މެމްބަރުންނާ މެދު ވެސް އުސޫލުން ބޭރުގައި އިންތިހާ އަށް ތަފާތުކުރުން ގެންގުޅުނެވެ. ބައެއް މެމްބަރުން، ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ހައްގު ވެސް ނިގުޅައިގަތެވެ.

ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ އެކު އަފީފް: އޭނާ ވަނީ 20 އަހަރު ވަންދެން މަޖިލީހުގައި ތ. އަތޮޅު މެމްބަރު ކަން ކުރައްވާފައި.

ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ އެކު އަފީފް: އޭނާ ވަނީ 20 އަހަރު ވަންދެން މަޖިލީހުގައި ތ. އަތޮޅު މެމްބަރު ކަން ކުރައްވާފައި.

އަފީފް ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ހަމަހަމަވާނެ އެވެ. ހައްގުތަކާއި އިޚްތިޔާރުތައް ލިބިވަޑައިގަތުމުގައި އެއްވެސް މެމްބަރެއްގެ ދަރަޖަ މައްޗެއް ނުވާނެ އެވެ.

"އަޅުގަނޑު ހޮއްވަވައިފި ނަމަ، ކަށަވަރު ކުރާނެ އެއް ކަމަކީ އެއީ،" އަފީފް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މަޖިލީހުގައި މިހާރު އަމަލުކުރަމުންދާ ބައެއް އުސޫލްތަކަށް ބަދަލު ގެންނަން ޖެހެ އެވެ. އޭނާގެ އެއް ކަންބޮޑުވުމަކީ ކޮމިޓީ އެލަވަންސް މިހާރު ދޭ ގޮތެވެ.

ކޮމިޓީތަކުގެ މަސައްކަތް އޮންނަނީ ފުނިޖެހިފަ އެވެ. އެކަމަކު އެ މަސައްކަތް ނުކުރައްވައި މުސާރައާ އެކު ކޮމިޓީ އެލަވަންސް ނެންގެވުމަކީ ގޯހެއް ކަމަށް އަފީފް ވިދާޅުވި އެވެ.

"ކޮމިޓީ އެލަވަންސަކީ ވަކި އެއްޗެއް، ކޮމިޓީ އަށް ވަޑައިގަތީމަ އެލަވަންސް ލިބިވަޑައިގަންނަވަން ވާނީ. ނުކުރާ މަސައްކަތަށް މިހާރު އެ އޮންނަ ގޮތުން އުޖޫރަ އެބަ ލިބޭ. އެބައި ރަނގަޅުކުރަން އަޅުގަނޑު މަސައްކަތް ކުރާނަން،" އަފީފް ވިދާޅުވި އެވެ.

"ނުފޫޒެއް ނުފޯރުވޭނެ، ގާނޫނާ ޚިލާފެއް ނުވާނަން"

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 65 ގޮނޑިއާ އެކު، ސާފު އަޣުލަބިއްޔަތު ރައްޔިތުން ދިނީ އެމްޑީޕީ އަށެވެ. އެއް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ އޮވެ، ކުރި ތަޖުރިބާތަކާ ވެސް އެކު އެވެ. މި އަޣުލަބިއްޔަތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ކަންކަން ނުކުރާނެ ކަމުގެ ބިރު ފިލައިގެނެއް ނުދެ އެވެ.

ރައްޔިތުންގެ މަޖިލީސް އަނެއްކާވެސް ގޮނޑި ކޮއްކޮ އަށް ހަދާފާނެ ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރާނީ މަޖިލީހުގެ ރައީސާ ހިސާބުންނެވެ.

އަފީފް ދެއްވި ޔަގީން ކަމަކީ މިއެވެ؛

"އަޅުގަނޑުގެ ކުރިމަތީގައި އޮންނާނީ ގާނޫނާއި މަޖިލީހުގެ ގަވާއިދު. އަޅުގަނޑެއް ގަބޫލެއް ނުކުރަން ކުރީގެ ސަރުކާރުގައި ކަން ކުރެއްވި ގޮތަކަށް މި ސަރުކާރުން މެޖޯރިޓީގެ ބޭނުން ހިއްޕަވައިގެން އޭގެ ނާޖާއިޒު ފައިދާ ނަންގަވަން މަސައްކަތް ކުރައްވަފާނެ ކަމަކަށް. އަދި އެގޮތަށް އަޅުގަނޑަށް ރިކުއެސްޓެއް އަޔަސް އަޅުގަނޑެއް ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނަން."

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސްލަހަތުތަކާއި އެ ނޫން މަސްލަހަތުތައް ވެސް ކުރިއަށް ނެރެވޭނީ މަޖިލީހުގެ ގަވާއިދު ތަންދޭ މިންވަރަކުންނެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ހުށަހެޅި ކަންކަން ތަންފީޒުކުރަން ޖެހޭ ކަން ފާހަގަކުރައްވައި އަފީފް ވިދާޅުވީ، ހުށަހަޅާ ބިލްތަކުގެ ތެރެއިން އަވަހަށް ނިންމަން ޖެހޭ ގާނޫނުތަކަށް އިސްކަންދޭން ޖެހެ އެވެ. އެކަމަކު، ވަގުތު އޮއްވައި އެ ބިލްތައް ހުށަހަޅައި، ކޮމިޓީ އަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.

އަފީފް، މިދިޔަ ހަފުތާހައި "މިހާރު" ގެ ސުވާލުތައް އައްސަވަނީ: މަޖިލިހުގައި މައިނޯރިޓީ އަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަފީފް، މިދިޔަ ހަފުތާހައި "މިހާރު" ގެ ސުވާލުތައް އައްސަވަނީ: މަޖިލިހުގައި މައިނޯރިޓީ އަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މަޖިލީހުގެ ކޮމިޓީތަކާ މަޝްވަރާކޮށްގެން އަދި މަޖިލީހުގައި ތިއްބަވާ އެހެން ޕާޓީތަކުގެ ޕާލަމެންްޓްރީ ގްރޫޕުގެ މެމްބަރުންނާ މަޝްވަރާކޮށްގެން އަޅުގަނޑު މަޖިލީހުގެ ކަންކަން ކުރިއަށް ގެންދާނީ. ހަމައެއާ އެކު މަޖިލީހަށް ހުށަހެޅޭ ކޮންމެ ކަމެއްގައި މެމްބަރުންގެ ހިޔާލު ހުށަހެޅުމަށް ފުރުސަތު ދޭނަން. ބަހުސް ކުއްލިއަކަށް ހުއްޓައެއް ނުލާނަން. ބަހުސްކުރުމަށް ފަހު އެ ހިޔާލުތަކުގެ މައްޗަށް ކޮމިޓީން އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވާ ނަމަ އެކަމަށް ވެސް ފުރުސަތު އޮންނާނެ. ހުރިހާ ބޭފުޅުންގެ އިރުޝާދާ އެކު މަޖިލީސް ހިނގާނީ،" އަފީފް ވިދާޅުވި އެވެ.

މަޖިލީހުގެ ކަންކަން ކުރަން ޖެހެނީ، އަފީފް ވިދާޅުވި ގޮތުގައި، ހަމައެކަނި މަޖިލީހުގެ ރައީސް ނުވަތަ މެޖޯރިޓީ އޮތް ޕާޓީގެ މެމްބަރުންގެ ވިސްނުމަކަށް ނޫނެވެ.

"ސުޕަ މެޖޯރިޓީ އަކީ ބޭނުންހާ ގޮތަކަށް ކަންކަން ކުރުމެއް ނޫން. މަޖިލީހުގެ ކަންކަން ނިންމަން ޖެހޭނީ މައިނޯރިޓީ އަށް އިހްތިރާމްކޮށް، އިހްސާސްތައް ދަނެގެން،" އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަނީ ސަރުކާރުގެ ތެރެއިން އޮންނަ ނާޖާއިޒު ފައިދާތަކެއް ނަގަން ކަމަށެވެ. އެ ވިސްނުމުގައި ތިއްބަވާ މެމްބަރުންގެ ފަރާތުން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ވެސް ބަދަލުކުރަން ޖެހޭ ވިސްނުމެއް،" އަފީފް ވިދާޅުވި އެވެ.

އޭނާ ދެމިހުންނަވާނީ، އަފީފް ވިދާޅުވި ގޮތުގައި، ރައްޔިތުން ހަވާލުކުރި ޒިންމާ އަމާނާތްތެރިކަމާ އެކު އަދާކުރެއްވުމުގަ އެވެ. މަޖިލީހުގެ ރައީސް ކަމަށް ހޮއްވަވައިފި ނަމަ ވެސް އެގޮތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.