Roadha Mihaaru
ގޭމް އޮފް ތުރޯންސްގެ ފަހު ސީޒަން އަލުން ހަދަން އެދެނީ

"ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން އަލުން ހަދަން ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި

19 މެއި 2019

އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" 8 ވަނަ އަދި ފަހު ސީޒަން ނިންމައިލި އިރު، އެޕިސޯޑްތައް ފީކަޅާކަމުން ހިތްހަމަނުޖެހުން ފާޅުކޮށް، ފަހު ސީޒަން އަލުން ހެދުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" 8 ވަނަ އަދި ފަހު ސީޒަން ނިންމައިލި އިރު، އެޕިސޯޑްތައް ފީކަޅާކަމުން ހިތްހަމަނުޖެހުން ފާޅުކޮށް، ފަހު ސީޒަން އަލުން ހެދުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ޑައިލަން ޑީ ކިޔާ މީހަކު އިސްކޮށް ހުރެގެން "ރިމޭކް ގޭމް އޮފް ތުރޯންސް ސީޒަން 8 ވިތު ކޮމްޕިޓެންޓް ރައިޓާޒް" ގެ ނަމުގައި ޗޭންޖް.އޯގްގައި ކުރިއަށް ގެންދާ ޕެޓިޝަނުގައި ބުނީ އެހެން ސްކްރީން ރައިޓަރުންތަކެއް ބޭނުންކޮށްގެން ސިލްސިލާގެ ސްކްރިޕްޓް ހަމަޖެހޭ އެއްޗަކަށް ހަދައި، 8 ވަނަ ސީޒަންގެ ހުރިހާ އެޕިސޯޑެއް އަލުން ހަދަން ގޮވައިލާ ކަމަށެވެ.

އަދި މިއީ "ގޭމް އޮފް ތުރޯންސް" ގެ ވަފާތެރި ފޭނުންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި މި ސިލްސިލާ ގެނެސް ދިން ދެ މޭސްތިރިން ކަމަށްވާ ޑޭވިޑް ބެނިއޯފާއި ޑީބީ ވެއިޒް ވަނީ ސިލްސިލާގެ ވާހަކަ އެއްކޮށް ހަލާކުކޮށްލާފައި ކަމަށް ވެސް ޕެޓިޝަނުގައި ބުންޏެވެ.

އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ފަހު ސީޒަންގެ ހަ އެޕިސޯޑް ވެސް އުންމީދު ކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް ފީކަޅާވެފައި، މީގައި ހެދިފައި ހުރި ގޯސްތައް ވެސް ގިނަ އެވެ. އަދި އެއީ ފަރުވާ ކުޑަކަމުގެ ނަތީޖާ ކަމަށާއި އެޗްބީއޯ އިން މިކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނައި، ފޭނުންނަށް ޖަވާބެއް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންޏެވެ.

ޕެޓިޝަނުގައި މިހާތަނަށް 800،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

އާރްއާރް މާޓިންގެ "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ" ވާހަކަ ސީރީޒަށް ބިނާކޮށް ގެނެސް ދިން "ގޭމް އޮފް ތުރޯންސް" 8 ވަނަ ސީޒަނާ އެކު ނިންމައިލި އިރު ޖުމްލަ 73 އެޕިސޯޑް ގެނެސް ދީފައިވެ އެވެ.

ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ މި ސިލްސިލާ ދައްކަން ފެށީ 2011 ގަ އެވެ.

އެޗްބީއޯ އިން ވަނީ "ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލްއެއް ގެނެސް ދޭން ނިންމައި، އޭގެ މައިގަނޑު ބައެއް ކާސްޓުން ވެސް އިއުލާންކޮށްފަ އެވެ.