Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

21 މެއި 2019

ސްޓާ ޕްލަސް އިން މިހާރު ދައްކަން ތައްޔާރުވަމުން އަންނަަ އާ ސިލްސިލާ "ކަހާ ހަމް ކަހާ ތުމް" ގެ ފުރަތަމަ ޕްރޮމޯ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާނާ އެކު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން މިހާރު ދައްކަން ތައްޔާރުވަމުން އަންނަަ އާ ސިލްސިލާ "ކަހާ ހަމް ކަހާ ތުމް" ގެ ފުރަތަމަ ޕްރޮމޯ ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާނާ އެކު ދައްކާލައިފި އެވެ.

މި ސިލްސިލާ އަކީ ކަލާޒުން މިދިޔަ އަހަރު ގެނެސް ދިން ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 ކާމިޔާބު ކުރި ބަތަލާ ދިޕިކާ ކައްކަރު އާއި ކަރަން ވީ ގްރޯވާ ލީޑް ރޯލް ފެނިގެން ދާނެ އެއްޗެކެވެ.

"ކަހާ ހަމް ކަހާ ތުމް" އަށް ބެލުންތެރިންގެ ސަމާލުކަން ހޯދަން ސައިފް ބޭނުންކޮށްފައިވާ އިރު، ފުރަތަމަ ޕްރޮމޯގައި އޭނާ ވަނީ މީގެ މައިގަނޑު ދެ ކެރެކްޓާ މަޖާ ގޮތަކަށް ނެރޭޓްކޮށް ދެމުން ތައާރަފުކޮށް ދީފަ އެވެ. ދިޕިކާ ސިލްސިލާގައި ފެނިގެން ދާނީ ސޮނާކްޝީ ކިޔާ ކެރެކްޓާއަކުންނެވެ. ކަރަންގެ ކެރެކްޓާގެ ނަމަކީ ރޯހިތެވެ.

"ކަހާ ހަމް ކަހާ ތުމް" ދައްކަން ފަށާނީ އަންނަ މަހުގެ 17 އިން ފެށިގެންނެވެ.

ސްޓާ ޕްލަސް އިން މިހާރު ދައްކާ "ކަސޯޓީ" ވެސް ފެށުމުގެ ކުރިން ވަނީ ޝާހްރުކް ހާން ހިމަނައިގެން ޕްރޮމޯތަކެއް ގެނެސް ދީފަ އެވެ.

"ނޭވީ ޑޭ" އަކީ ހަގީގީ ހާދިސާއެއް

މީގެ ދެ އަހަރު ކުރިން ގެނެސް ދިން މަގުބޫލު ފިލްމު "ތުމާރޫީ ސޫލޫ" ގެ ޕްރޮޑިއުސަރުން ކަމަށްވާ ބުޝަން ކުމާރާއި އަތުލް ކަސްކޭބަރު ގުޅިގެން އަނެއްކާ ވެސް ފިލްމެއް ގެނެސް ދޭން ނިންމައިފި އެވެ.

މި ފަހަރުގެ ފިލްމަށް ދީފައިވާ ނަމަކީ "ނޭވީ ޑޭ" އެވެ. މިއީ 1971 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ހަނގުރާމައިގެ ތެރޭގައި ކަރާޗީ ބަނދަރަށް އިންޑިއާ ނޭވީން ދިން ބޮމުގެ ހަމަލާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

އަންނަ އަހަރު ޝޫޓިން ފަށާ ފިލްމުގެ ޑައިރެކްޓަރަކީ ގިނަ އަދަދެއްގެ ޓީވީ ކޮމާޝަލްތައް ހަދާފައިވާ ރަޒްނީޝް ގާއީ އެވެ.

"ނޭވީ ޑޭ" ގެ ކާސްޓާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ޑްރައިވް" އަންނަ މަހު ރިލީޒެއް ނުކުރާނެ

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމުތަކުގެ ތެރެއިން މިހާތަނަށް ރިލީޒް ނުކުރެވި އެންމެ ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމަކީ "ޑްރައިވް" އެވެ.

މި ފިލްމު ރިލީޒްކުރާނެ ކަމަށް އެންމެ ފަހުން އިއުލާންކޮށްފައިވާ ތާރީހަކީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ތާރީހުގައި ފިލްމު ރިލީޒް ކުރާކަން އިއުލާން ކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އަދިވެސް ކަރަން ހިތްހަމަޖެހޭ ވަރަށް "ޑްރައިވް" ގެ މަސައްކަތް ކުރެވިފައި ނުވާތީ މި ފިލްމު އަންނަ މަހު ރިލީޒެއް ނުކުރާނެ އެވެ. ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ފިލްމުގެ ވަރަށް ގިނަ އެކްޝަން މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ޖެހޭ ކަމަށެވެ. "ޑްރައިވް" އަކީ ފުރަތަމަ މިދިޔަ ގެނެސް ދޭން އުޅުނު ފިލްމެކެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ 2008 ގެ "ދޯސްތާނާ" ގެނެސް ދިން ތަރުން މަންސުކާނީ އެވެ. "ޑްރައިވް" ގެ ތަރިންނަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ޖެކްލިން ފެނަންޑޭޒެވެ.

ބޫމީ އާއި ރާޖްގެ ޖޯޑު ފިލްމަކަށް

ރާޖްކުމާރު ރާއޯ އާއި ބޫމީ ޕެޑްނޭކަރު، ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ ލޯބީގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް އެކަމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނެތެވެ. ބޫމީ އާއި ރާޖް ވަނީ ކަރަންގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ 6 ވަނަ ސީޒަނުގައި ވެސް އެކީގައި ބައިވެރިވެފަ އެވެ. އެކަމަކު ދެ ތަރިން މިހާތަނަށް އަދި ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ.

ބޫމީއަކީ ކަރަންގެ ކުރިއަށް އޮތް ފިލްމު "ތަހުތު" ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ. އަދި ރާޖް މިހާތަނަށް ކަރަން ޕްރޮޑިއުސް ކުރި ފިލްމެއްގައި މަސައްކަތެއް ނުކުރެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ބޫމީ އާއި ރާޖްގެ ފިލްމު ވަރަށް އަވަހަށް ކަރަން އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.