Roadha Mihaaru
ވޯޓު، ތަރައްގީއާ ގުޅުވުމުން އީވާ ހިތްހަމަނުޖެހިއްޖެ

ތަރައްގީ ކުރެވޭނީ ސަރުކާރު ބޭނުންވާ ގޮތަށް ވޯޓުދިނީމައޭ ބުނުން ހުތުރު: އީވާ

26 މެއި 2019

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމުގެ ވޯޓު، ތަރައްގީގެ މަޝްރޫއުތަކާ ގުޅުވުން ހުތުރު ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމުގެ ވޯޓު، ތަރައްގީގެ މަޝްރޫއުތަކާ ގުޅުވުން ހުތުރު ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ބޭނުންވާ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި މާދަމާ ރޭ ނަގާ ވޯޓުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. މަޖިލީހުގެ ރިޔާސަތަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެެރެއިން އެންމެ ވާދަވެރީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފްގެ ނަމެވެ.

އީވާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތަރައްގީގެ މަޝްރޫއު ހިންގާނީ ވަޒީރު ނުވަތަ ސަރުކާރު ބުނާ ގޮތަކަށް ވޯޓު ދެއްވުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގާތު ވިދާޅުވުމަކީ ހުތުރު ކަމެއް ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް އީވާ ވިދާޅެއް ނުވެ އެވެ.

އީވާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރީ، އެ ގޮތް ކަމުނުދާތީ، އެ އަޑު ނޭހުމަށެވެ.

"މަޖިލީސް މެމްބަރުން ސިހޭކަށް ނުޖެހޭ،" އީވާ ވިދާޅުވި އެވެ.

އީވާގެ ޓުވީޓް.

އީވާ އެ އިޝާރާތް ކުރެއްވީ، މަޖިލީހުގެ ރައީސަކަށް އަފީފް ހޮވުމަށް، އެމްޑީޕީގެ ތެރޭގައި ނަގާ ވޯޓު ކާމިޔާބު ކުރުމަށް ސަރުކާރުގެ އިސް ބޭފުޅުން ކުރައްވާ މަސައްކަތަށް ކަމަށް ބެލެވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތީ، އަފީފަށެވެ.

އަފީފަށް ވޯޓު ހޯދަން، ސަރުކާރުގެ އިސް ބައެއް ބޭފުޅުން މަޖިލީހުގެ ބައެއް މެމްބަރުންނަށް ގުޅުއްވައި ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރު ހިންގުމުގައި އެއްބާރުލުން ދެއްވަން އެދިވަޑައިގަންނަވަމުން އަންނަ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މަޖިލީސް ރައީސަކަށް ތާއީދު ކުރައްވާ ބޭފުޅެއްގެ ނަން ރައީސް ހާމަކުރެއްވުމުގެ ކުރިން، އެ މަގާމަށް އެމްޑީޕީން އެންމެ ގާބިލް އެއް ބޭފުޅަކީ އަސްލަމް ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީސް ރައީސަކު ހޮވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު، ދެ ނަމެއް ޚިޔާރުކުރެއްވުމުން، އެމްޑީޕީގެ ތެރޭގައި ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ ސާފު އަޣުލަބިއްޔަތު ހޯދައިފަ އެވެ. މަޖިލީހުގެ 87 ދާއިރާގެ ތެރެއިން، އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކުރި އެވެ.

އަސްލަމާއި އަފީފް ވެސް ވިދާޅުވަނީ، މަޖިލީސް ރައީސް ކަން ކާމިޔާބު ކުރެއްވޭ ވަރަށް ޕާޓީ ތެރެއިން ވޯޓު ކަށަވަރު ކުރެއްވިފައިވާ ކަމަށެވެ. އެ ވޯޓު ނަގާނީ ސިއްރުންތޯ ނުވަތަ ހުޅުވާލައިގެންތޯ އަދި ނުނިންމަ އެވެ. އެއީ، ވެސް މެމްބަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުމެކެވެ.