Roadha Mihaaru
ސާރީ ދޫކޮށްލަން ޗެލްސީން ނިންމައިފި

ސާރީ ދޫކޮށްލަން ޗެލްސީން ނިންމައިފި

04 ޖޫން 2019

ލަންޑަން (ޖޫން 4) - މިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވެ އެ ޓީމަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ އެދުނު ގޮތަށް އޭނާ ދޫކޮށްލަން އެ ކްލަބުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖޫން 4) - މިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވެ އެ ޓީމަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ އެދުނު ގޮތަށް އޭނާ ދޫކޮށްލަން އެ ކްލަބުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ޖުލައި މަހު އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކިކޮށް ޗެލްސީގެ ކޯޗަކަށް ސާރީ ހަމަޖެއްސީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފާއިތުވި ހަފްތާގައި ޗެލްސީގެ ޑިރެކްޓަރު މާރިއާ ގަރަނޯވްސްކިއާއާ އެކު ބޭއްވި ބައްދަލުވުމުގައި ސާރީ ވަނީ އޭނާ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް އަންގައިފަ އެވެ. އެ ބައްދަލުވުމުގައި ސާރީ ވަނީ އޭނާ ކްލަބްގައި މަޑުކުރާނީ އެ ޓީމުގެ ބޯޑު މެމްބަރުންގެ ސަޕޯޓު އޮތްކަން ރަސްމީ ސިފައެއްގައި ކްލަބުން މީޑިއާގައި ހާމަކުރުމުން ކަމަށެވެ. އެހެން ނަމަވެސް ޗެލްސީގެ ބޯޑް މެމްބަރުން ސާރީގެ އެ ޑިމާންޑާ އެއްގޮތަށް އަމަލުނުކޮށް އޭނާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ސްކައިސްޕޯޓްސް އިން ރިޕޯތްކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާއި ސާރީއާ ދެމެދު މައްސަލަ ގޯސްވީ ޕްރިމިއާ ލީގުގެ ބައެއް މެޗުތަކުން ޗެލްސީ ތަފާތު ބޮޑުކޮށް ބަލިވުމުގެ އިތުރުން ފީފާ އިން ޗެލްސީ އަށް ދީފައިވާ ޓްރާންސްފާ ސަސްޕެންޝަން ތަންފީޒުކުރުމުގެ ކުރިން ސާރީ ބޭނުންވާ ކުޅުންތެރިން ހޯދަން މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ބަޖެޓެއް ނުދިނުމުންނެވެ.

މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދައި ޗެލްސީން ވަނީ ލީގު ކަޕް ފައިނަލުގައި ވެސް ކުޅެފަ އެވެ. ސާރީގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ލިބުނު ކާމިޔާބީ އަކީ މި ސީޒަނުގެ ޔޫރޮޕާ ލީގު ތަށްޓެވެ. ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ސާރީ ވަނީ އިނގިރޭސި ފުޓްބޯޅަ ދެކެ އޭނާ ލޯބިވާ ކަމަށާއި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ފަހުން ޔުވެންޓަސްގެ ހުށަހެޅުން ލިބުމުން އެ ޓީމާ ގުޅެން ނިންމީ އެވެ.

ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ އެންމެ ފުރަތަމަ އެ މަސައްކަތްކުރީ ބޭންކެއްގައި ވަޒީފާއަދާކުރަމުން ހުސް ގަޑީގަ އެވެ. އޭނާ ފުލްޓައިމްކޮށް ކޯޗިން އަށް ވަނީ 1999 ވަނަ އަހަރެވެ. އޭނާ ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ. ފަހުން ނަޕޯލީއާ ހަވާލުވެ ޔުވެންޓަސްއާ ވާދަކުރި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްއާ ހަވާލުވާން ސާރީ ވަނީ އެ ޓީމާ އެކު ބާއްވަން ޖެހޭ ހުރިހާ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ ޓީމުން މެސިމޯ އަލެގްރީ ދޫކޮށްލަން ނިންމުމުންނެވެ.

ޔުވެންޓަސްއާ އެކު ބޭއްވި ބައްދަލުވުމުގައި ސާރީ ވަނީ އެ ޓީމުގެ ބައެއް ޓްރާންސްފާތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން ޔުވެންޓަސް އަށް މި ސީޒަނުގައި ކުޅުނު ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ އެ ޓީމުގައި މަޑުނުކުރަން ނިންމާފައިވާއިރު، އެ މަގާމަށް ޓޮޓެންހަމްގެ އިންގްލެންޑް ފުލްބެކް ކިއެރަން ޓްރިޕިއޭ ގެންނަން ސާރީ ވަނީ ލަފާދީފަ އެވެ. އެކަމަކު ޓްރިޕިއޭ އިނގިރޭސި މީޑިއާ އަށް ބުނީ އޭނާގެ ވިސްނުން ހުރީ ކްލަބް ބަދަލުކުރި ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި މަޑުކުރުމަށް ކަމަށެވެ.