Roadha Mihaaru
ތަހުގީގު އާންމުކޮށް ހުޅުވާލަން ޑީޑީ އެދިވަޑައިގެންފި

ފަނޑިޔާރު ޑީޑީގެ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ގެންދަން އޭނާ އެދިވަޑައިގެންފި

18 ޖޫން 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ކުރިއަށް ގެންދާ މައްސަލައިގެ ތަހުގީގު އާންމުންނާއި މީޑިއާ އަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެމަނިކުފާނު މިރޭ އެދިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ކުރިއަށް ގެންދާ މައްސަލައިގެ ތަހުގީގު އާންމުންނާއި މީޑިއާ އަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެމަނިކުފާނު މިރޭ އެދިވަޑައިގެންފި އެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑު ކުރަން އެ ކޮމިޝަނުން ވަނީ މިދިޔަ ހަފުތާގައި ނިންމައިފަ އެވެ. އެކަމަކު އެ ނިންމުމަށް އަމަލުކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލައިގައި ނާޅަން ސުޕްރީމް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ނަމަވެސް، އެ އަމުރު ބަލައިނުގަތުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީގެ ތަހުގީގަށް މިރޭ ފަނޑިޔާރު ޑީޑީ ވަކީލުންނާ އެކު ހާޒިރުވެ ވަޑައިގަތުމަށް ފަހު، ނުކުމެވަޑައިގެން ފަނޑިޔާރު ޑީޑީގެ ވަކީލް އާދަމް އާސިފް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު އާންމުންނާއި މީޑިއާ އަށް ހުޅުވާލައިގެން ގެންދަން ފަނޑިޔާރު ޑީޑީ ޖޭޭއެސްސީގައި އެދިވަޑައިގަތް ކަމަށެވެ. އެކަމަކު، އެކަމުގައި ގޮތެއް ނިންމޭނީ އެ ކޮމިޝަންގެ ޖަލްސާއަކުން ކަމަށް ތަހުގީގު ކޮމިޓީން ބުނި ކަމަށާއި އެހެންވެ، އެކަމުގައި ގޮތެއް ނިންމުމަށް ފަހު އެހެން ދުވަހަކަށް ތަހުގީގު ފަސްކުރަން ކޮމިޓީން މިރޭ ނިންމީ ކަމަށް އާސިފް ވިދާޅުވި އެވެ.

"ފަނޑިޔާރު އަބްދުﷲ ދީދީ ބޭނުންފުޅުވެ ވަޑައިގަތީ އާންމުންނަށް ހުޅުވާލައިގެން އަދި މީޑިއާ އަށް ވެސް ބައިވެރިވެވޭ ގޮތަށް، އެ ބޭފުޅާގެ ނަޒާހަތްތެރިކަމާއި އަދި ތަހުގީގު ކުރިއަށް ދާ ގޮތް ރައްޔިތުންނަށް ވެސް އެނގޭ ގޮތަށް، ކަށަވަރުކޮށްދެވޭ ގޮތަށް މި ތަހުގީގު ކުރިއަށް ގެންދިއުމަށް،" އާސިފް ވިދާޅުވި އެވެ.

ފަނޑިޔާރު ޑީޑީ ޖޭއެސްސީ އަށް މިރޭ ހާޒިރުވެވަޑައިގަތުމަށް ފަހު، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ އެކު ނުކުމެވަޑައިގަންނަވަނީ -- މިހާރު ފޮޓޯ/ހުސައިން ވަހީދު

ފަނޑިޔާރު ޑީޑީ ޖޭއެސްސީ އަށް މިރޭ ހާޒިރުވެވަޑައިގަތުމަށް ފަހު، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ އެކު ނުކުމެވަޑައިގަންނަވަނީ -- މިހާރު ފޮޓޯ/ހުސައިން ވަހީދު

އޭނާ ވިދާޅުވި ގޮތުގައި، ފަނޑިޔާރު ޑީޑީ ހުންނެވީ ތަހުގީގަށް އެއްބާރުލުން ދެއްވަން ތައްޔާރަށެވެ. އަދި މިރޭ ޖޭއެސްސީން މިރޭ ވެސް ކުރު ނޯޓިހެއް ފޮނުވުމުން އެ އެންގުމާ އެއްގޮތަށް ފަނޑިޔާރު ޑީޑީ އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތީ ކަމަށް އާސިފް ވިދާޅުވި އެވެ. ވަރަށް އަވަހަށް އެ ތަހުގީގަށް ފަނޑިޔާރު ޑީޑީ ހާޒިރުވެވަޑައިގަތުމަށް އަނެއްކާވެސް ޖެހިދާނެ ކަމަށާއި އަދި ރަށުން ބޭރަށް ވަޑައިގަންނަވާ ނަމަ، ޖޭއެސްސީ އަށް އެންގުމަށް ފަހު ވަޑައިގަތުމަށް ވެސް ތަހުގީގު ކޮމިޓީން އެންގި ކަމަށް އާސިފް ވިދާޅުވި އެވެ.

"އެހެންވީމާ ޑީޑީ އާއި ޑީޑީގެ ވަކީލުންގެ ޓީމުގެ ފަރާތުން ޖޭއެސްސީގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ،" އާސިފް ވިދާޅުވި އެވެ.

ފަނޑިޔާރު ޑީޑީގެ ވަކީލް އާސިފް މިރޭ މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފަނޑިޔާރު ޑީޑީގެ ވަކީލް އާސިފް މިރޭ މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރެއްވި ފަނޑިޔާރު ޑީޑީގެ މައްސަލަ ބަލަން ޖޭއެސްސީގެ ފަސް މެމްބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ.

ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން މީޑިއާ އަށް މިރޭ ވިދާޅުވީ، އެ ކޮމިޝަންގެ މެމްބަރުންގެ ރޫހަކީ ވެސް ފަނޑިޔާރު ޑީޑީ އެދިވަޑައިގެންނެވި ގޮތަށް އާންމުކޮށް ހުޅުވާލައިގެން އެމަނިކުފާނުގެ ތަހުގީގު ކުރިއަށް ގެންދިއުން ކަމަށެވެ. އެކަމަކު، އެއީ ޖޭއެސްސީގެ މެމްބަރުންގެ ޖަލްސާ އަކުން ނިންމަންޖެހޭ ކަމަކަށް ވާތީ އެކަމާ މެދު ވަރަށް އަވަހަށް ގޮތެއް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ ޑިރެކްޓަރު ޒަހީން، ފަނޑިޔާރު ޑީޑީއާ ގުޅޭ މައްސަލައިގެ މައުލޫމާތު މިރޭ މީޑިއާއާ ހިއްސާ ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖޭއެސްސީގެ ޑިރެކްޓަރު ޒަހީން، ފަނޑިޔާރު ޑީޑީއާ ގުޅޭ މައްސަލައިގެ މައުލޫމާތު މިރޭ މީޑިއާއާ ހިއްސާ ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖޭއެސްސީން މިރޭ ބުނެފައިވާ ގޮތުގައި ފަނޑިޔާރު ޑީޑީގެ ދެ މައްސަލަ އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެއީ އެމަނިކުފާނުގެ މައްސަލައެއް ފުލުހުން ބަލަމުންދާތީ އެ މައްސަލަ އާއި އެމަނިކުފާނު ސަސްޕެންޑު ކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނުކުމެ ވަޑައިގަންނަވާތީ އެ މައްސަލަ ކަމަށް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރު ޑީޑީގެ މައްސަލާގެ ތަހުގީގަށް ޖޭއެސްސީ އަށް މިރޭ ހާޒިރު ކުރިއިރު، ސުޕްރީމް ކޯޓުން މިއަދު ވަނީ އިތުރު އަމުރެއް ނެރެ، އެ ކޯޓުގެ ކުރީގެ އަމުރާ ޚިލާފަށް ޖޭއެސްސީން ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައިފަ އެވެ.