Roadha Mihaaru
ކަރެކްޝަން އޮފިސަރުން ރިހެބިލިޓޭޓް ކުރަންޖެހޭ: ކޮމިޝަނާ

ކަރެކްޝަން އޮފިސަރުން ރިހެބިލިޓޭޓް ކުރަން ޖެހޭ: ކޮމިޝަނާ

22 ޖޫން 2019

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ބަލަހައްޓާ އޮފިސަރުން ރިހެބިލިޓޭޓް ކުރަން ޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ބަލަހައްޓާ އޮފިސަރުން ރިހެބިލިޓޭޓް ކުރަން ޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިރޭ ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގެ ދެ ގޮޅިއަކުން މިދިޔަ ބުރާސްފަތި ދުވަހު ހަތް ގައިދީން ނެރެ އެ މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރި މައްސަލާގައި މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން މުނާޒް މިރޭ ވިދާޅުވީ އަނިޔާ ކުރުމާ ކަމަށް ލޭބަލް ކުރެވިފައިވާ އޮފިސަރުން ތިބޭ ކަމަށެވެ.

"އެގޮތަށް ލޭބަލް ކުރެވިފައިވާ އޮފިސަރުން ތިބޭނީ ގައިދީންނާ ދިމާނުވާ ވަޒީފާތަކަށް ލާފައި. އެ މީހުންނާމެދު ސީދާ ފިޔަވަޅެއް ނޭޅިފައި ވަނީ ހުރިހާ އޮފިސަރުން އެއް ފަހަރާ ކަނޑާލެވެން ނެތިގެން،" އަނިޔާ ކުރާ ކަމަށް ފާހަގަ ކުރެވޭ އޮފިސަރުން ތިބިތޯ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލުގެ ޖަވާބުގައި މުނާޒް ވިދާޅުވި އެވެ. "ގައިދީންނަށް ރިހެބިލިޓޭޝަން ދޭގޮތަށް އޮފްސަރުންނަށް ވެސް އެބަޖެހޭ ރިހެބިލިޓޭޝަން ދޭން. ކުރީގައި އެ މީހުން އަމަލު ކުރަމުންދިޔަ، ހަރުލާފައި ހުރި ސިފަތައް ބަދަލުކޮށް ކަރެކްޝަން އޮފިސަރުންގެ ގޮތުގައި ގެންނަން ޖެހޭ."

ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ކޮމިޝަނާ އޮފް ޕްރިޒަންސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ކޮމިޝަނާ އޮފް ޕްރިޒަންސް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް

މި ފަހަރު ހަމަނުޖެހުން ހިނގާފައި ވަނީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރާ ރިމާންޑް ޖަލެއްގަ އެވެ. ކޮމިޝަނާ ވިދާޅުވީ ހުކުމެއް ނެތި އެހާ ގިނަ ދުވަހު ބަންދުގައި ތިބެން ޖެހޭތީ ގައިދީން އަބަދުވެސް ތިބެނީ ރުންކުރުވެ، ކުރިމަތިލުމެއް ހިންގަން ބޭނުންވެފައި ކަމަށެވެ.

އެގޮތަށް ގިނަ ދުވަހު ރިމާންޑުގައި ތިބެންޖެހޭ މައްސަލަ ހައްލު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އާއި ސުޕްރީމް ކޯޓާ މީގެ ކުރިން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުނާޒް ވިދާޅުވީ މީގެ ކުރިން އަމަލު ކުރަމުން އައީ ހުކުމް ކުރެވޭ ހިސާބުން އެ މީހަކު "ކޮއްޓެއް" ކަހަލަ ތަނެއްގައި ބަންދުކޮށްގެން ގެންގުޅޭ އުސޫލަށް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ކުށްވެރިން އަނބުރާ މުޖުތަމަ އަށް ނުކުންނައިރު އެމީހުން އިސްލާހު ވެގެން އަންނާނެ ގޮތް ހެދުމަށް ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"އެކަން ބާރުމިނުގައި ގެންދެވޭ ގޮތަކަށް ނޫން ތަނުގެ އިމާރާތްތައް ވެސް ހުރީކީ. ތަނުގެ އޮފިސަރުންގެ އަދަދު ވެސް ހުރީ. އަޅުގަނޑުމެން އަމަލުކުރާ އުސޫލުތައް ވެސް ބަދަލުކޮށްގެން ގެންދަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ސަރުކާރުތަކުގައި ޖަލުތަކަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ. އެކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ޖަލުގެ ކަންކަން ރަނގަޅު ކުރަން ވަރަށް ގިނަ ކަންކަން ކުރަން ޖެހޭ ކަމަށާއި އެ މައުލޫމާތު ދެއްވަން ބޭނުންފުޅު ވަނީ ކޮމިޓީ ސިއްރުކޮށްގެން ކަމަށް މުނާޒް ވިދާޅުވި އެވެ. އެގޮތުން އިތުރު ތަފްސީލްތައް ދީފައި ވަނީ ކޮމިޓީ ސިއްރުކޮށްގެންނެވެ.