Roadha Mihaaru
އިސްތަންބޫލްގެ އިންތިޚާބު އުރުދުޣާން އަށް ނާކާމިޔާބު

ދެ ވަނަ ފަހަރަށް ބޭއްވި އިންތިޚާބުން ވެސް އުރުދުޣާންގެ ޕާޓީ އަށް ނާކާމިޔާބު

24 ޖޫން 2019

އިސްތަންބޫލް (ޖޫން 24) - އިސްތަންބޫލްގެ މޭޔަރު ހޮވުމުގެ އިންތިޚާބު ދެ ވަނަ ފަހަރަށް ބޭއްވުމުން ވެސް ރައީސް ރަޖަބް އުރުދުޣާންގެ ޕާޓީ އަށް ނާކާމިޔާބު ވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (ޖޫން 24) - އިސްތަންބޫލްގެ މޭޔަރު ހޮވުމުގެ އިންތިޚާބު ދެ ވަނަ ފަހަރަށް ބޭއްވުމުން ވެސް ރައީސް ރަޖަބް އުރުދުޣާންގެ ޕާޓީ އަށް ނާކާމިޔާބު ވެއްޖެ އެވެ.

ގާތްގަނޑަކަށް ހުރިހާ ވޯޓެއް ގުނާ ނިމުނު އިރު އިދިކޮޅު ކެންޑިޑޭޓް އިކްރާމް އިމަމޮގްލޫ ވަނީ ވޯޓުގެ 54 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ. މާޗު މަހު ބޭއްވި ފުރަތަމަ އިންތިޚާބުގައި ވެސް ވެރިކަންކުރާ އޭކޭ ޕާޓީގެ މައްޗަށް އިމަމޮގްލޫ ވަނީ ކުރި ހޯއްދަވައިފަ އެވެ. ނަމަވެސް އެ ފަހަރުގެ ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އުރުދުޣާންގެ ޕާޓީން މައްސަލަ ޖައްސައިގެން އިންތިޚާބު ވަނީ ބާތިލްކޮށްފަ އެވެ. ގިނަ ބަޔަކު ތުހުމަތުކޮށްފައި ވަނީ ނަތީޖާގެ ފަރަގު ކުޑަވުމުން އިލެކްޝަން ބޯޑަށް އުރުދުޣާން ނުފޫޒް ފޯރުވައިގެން އިންތިޚާބު ބާތިލް ކުރީ ކަމަށެވެ.

އޭކޭ ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް މިހާރު ވަނީ ބަލި ގަބޫލް ކުރައްވައިފަ އެވެ. އަދި ރައީސް އުރުދުޣާން ވެސް ވަނީ އިންތިޚާބު ކާމިޔާބުކުރި ފަރާތަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނަމަވެސް މި ނަތީޖާއަކީ އުރުދުޣާން އަށް ވެސް ލިބުނު ނާކާމިޔާބީއެކެވެ. އެމަނިކުފާން ކުރިން ވިދާޅުވެފައި ވަނީ "އިސްތަންބޫލް އިންތިޚާބު ކާމިޔާބުކުރާ މީހަކު ތުރުކީ ކާމިޔާބުކޮށްފި" ކަމަށެވެ.

ކާމިޔާބީގެ ތަގްރީރުގައި ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ އިމަމޮގްލޫ، 49، ވިދާޅުވީ އިސްތަންބޫލްގެ ނަތީޖާ އިން ދައްކާފައި ވަނީ ސިޓީ އާއި ގައުމަށް ކުރިއަށް އޮތީ އާ ފެށުމެއް ކަމަށެވެ.

"އިސްތަންބޫލްގައި އާ ސަފްހާއެއް މި ހުޅުވަނީ. މި އާ ސަފުހާގައި އަދުލް އިންސާފާއި ހަމަހަމަ ކަމާއި ލޯބި ދެމި އޮންނާނެ،" އިމަމޮގްލޫ ވިދާޅުވި އެވެ.

އޭނާ ވަނީ ރައީސް އުރުދުޣާންއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

ދެ ވަނަ ފަހަރަށް ބޭއްވި އިންތިޚާބު އިމަމޮގްލޫ ވަނީ މާބޮޑުތަނުން ކާމިޔާބުކުރައްވައިފަ އެވެ. މާޗް މަހު ބޭއްވި އިންތިޚާބު އޭނާ ކާމިޔާބުކުރެއްވީ 13،000 ވޯޓުގެ ތަފާތުން ނަމަވެސް މި ފަހަރު ވަނީ 775،000 ވޯޓު އިތުރަށް ހޯއްދަވައިފަ އެވެ.