Roadha Mihaaru
އެޕަލް އާ އެކު ޖޮނީ އައިވް ދެމިހުންނާނެ

އެޕަލް އަށް ނުފޫޒުފޯރުވޭ ފަށުގައި ޖޮނީ އައިވް ދެމިހުންނާނެ

01 ޖުލައި 2019

އެޕަލްގައި ޖޮނީ އައިވް އަދާކުރާ ވަޒީފާ ދޫކޮށްލަން އުޅޭ ކަމަށް ބުނެ އިންޓަނެޓްގައި ފެތުރު ޚަބަރުތަކަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. ސަބަބަކީ، އޭނާ އަކީ އެޕަލް އަށް ވަރަށް މުހިންމު މީހަކަށް ވުމެވެ. އެޕަލްގެ އުފެއްދުންތަކުން މިހާރު ފެންނަ ޒަމާނީ ޑިޒައިންތައް އުފެއްދީ ޖޮނީ އައިވް ކަމަށް ވުމެވެ. އައިފޯން، އައިޕެޑް، އައިޕޮޑް، މެކްޕްރޯ އަދި އެޕަލް ޕާކް މިހާރު ފެންނަން އެ ހުރީ އޭނާ އުފަންކުރި ފެޝަނަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލްގައި ޖޮނީ އައިވް އަދާކުރާ ވަޒީފާ ދޫކޮށްލަން އުޅޭ ކަމަށް ބުނެ އިންޓަނެޓްގައި ފެތުރު ޚަބަރުތަކަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. ސަބަބަކީ، އޭނާ އަކީ އެޕަލް އަށް ވަރަށް މުހިންމު މީހަކަށް ވުމެވެ. އެޕަލްގެ އުފެއްދުންތަކުން މިހާރު ފެންނަ ޒަމާނީ ޑިޒައިންތައް އުފެއްދީ ޖޮނީ އައިވް ކަމަށް ވުމެވެ. އައިފޯން، އައިޕެޑް، އައިޕޮޑް، މެކްޕްރޯ އަދި އެޕަލް ޕާކް މިހާރު ފެންނަން އެ ހުރީ އޭނާ އުފަންކުރި ފެޝަނަށެވެ.

ޖޮނީ އައިވްގެ ނަން، މި އަހަރަށް ފަހު، އެޕަލްގެ މުވައްޒަފުންގެ ލިސްޓުން އުނިކުރާނެ އެވެ. ނަމަވެސް، އެޕަލްގެ ހުރިހާ ކަމަކަށް ނުފޫޒުފޯރުވޭ ފެންވަރުގެ މީހެއް ގޮތުގައި އޭނާ ދެމިހުންނާނެ އެވެ.

އެޕަލް އަށް ކިތަންމެ މުހިންމު މީހަކަށް ޖޮނީ އައިވް ވިޔަސް، މިއީ މިފަދަ ބަދަލެއް ކުންފުންޏަށް ގެންނަން ވަރަށް ރަނގަޅު ދަނޑިވަޅެކެވެ. އެޕަލްގެ އުފެއްދުންތަކުގައި، ވާދަވެރިންނާ ފައިހަމަކުރެވޭ ވަރުގެ ފެޝަނެއް ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ގިނަވުމަކީ ވެސް އެޕަލް އަށް ވިސްނަންޖެހިފައި އޮތް ކަމެކެވެ.

އެޕަލްގެ ވަޒީފާ ދޫކޮށްލުމަށް ފަހު ޖޮނީ އައިވް އެހެން ކުންފުންޏެއް ހުޅުވާނެ އެވެ. އޭނާ ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އެއީ ޑިޒައިން ފާމެކެވެ. ނަމަކީ "ލަވްފްރޮމް" އެވެ. މަސައްކަތަކީ ޕްރޮޖެކްޓް އުސޫލުން ކުންފުނިތަކަށް ޑިޒައިންކޮށްދިނުމެވެ. މި ކަމުގައި އޭނާ އަށް އޮތް ފައިދާ އަކީ އެޕަލް ނޫން ކުންފުނިތަކަށް ޑިޒައިންކޮށްދޭން ފުރުސަތު ލިބުމެވެ. ޓެކްނޮލޮޖީ ސިނާއަތުގެ އެހެން ދިމަދިމާއިން ވެސް އޭނާގެ ޑިޒައިންތައް ފެންނަން ފެށުމެވެ.

ޖޮނީ އައިވްގެ އާ ކުންފުނި ހުޅުވާއިރު ވެސް، ޕްރޮޖެކްޓްތައް ހުރީ ލިބިފަ އެވެ. އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ވަނީ އެޕަލް އިން ލިބިފައި ހުރި ޕްރޮޖެކްޓްތަކަށެވެ. އެހެންކަމުން، މި އަންނަ އަހަރު އެޕަލް އިން ނެރޭ ޑިވައިސްތައް، ތަފާތު ޑިޒައިނަކަށް ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޖޮނީ އައިވްގެ އާ ކުންފުނީގައި އެހެން ޑިޒައިނަރުން ވެސް މަސައްކަތްކުރާނެ އެވެ. އޭނާ އަށް ވަނީ އޮސްޓްރޭލިޔާއިން ވެސް ފަންނީ ޑިޒައިނަރުން ލިބިފަ އެވެ. ޖޮނީ އައިވްއާ އެއް ފެންވަރުގެ ޑިޒައިނަރުންގެ ހިއްސާ އެޕަލް އަށް ލިބެން ފެށުމުން، އެޕަލްގެ މިސްރާބު ބަދަލުވެގެން ދާނެ އެވެ. އެހެންކަމުން، މިއީ އެޕަލްގެ ތެރޭގައި ވާހަކަދެކެވި، މަޝްވަރާކުރެވިގެން ހިނގި ކަމެއް ކަމަށް ބެލެވެ އެވެ.

ވާދަވެރި މާކެޓެއްގައި "ހާޑްވެއާ ޑިވައިސްތަކުން" މާ ބޮޑު ފައިދާއެއް އެޕަލް އަށް ދެން ލިބޭނެ ކަމަކަށް އެ މީހުން ނުވިސްނަ އެވެ. ވާދަވެރިން ވިއްކާހާ ހެޔޮ އަގުތަކުގައި އުފެއްދުންތައް ވިއްކޭނެ ގޮތެއް ވެސް އެޕަލް އަށް ފަހިވެފައެއް ނުވެ އެވެ. މިކަންކަމުން މާނަކުރެވެނީ އެޕަލްގެ މިސްރާބު އެހެން ދިމާއަކަށް ބަދަލުކުރަން ވިސްނާކަމެވެ. މިހެން ކަން ވެއްޖެ ނަމަ، ޖޮނީ އައިވް ކަހަލަ އަގު ބޮޑު ޑިޒައިނަރެއްގެ މާ ބޮޑު ބޭނުމެއް އެޕަލްއަކަށް ނޯންނާނެ އެވެ. އަދި ޖޮނީ އައިވް އަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އޭނާ އަށް ލިބިފައި ހުރި ހުނަރު ބޭނުންހިފޭނެ އެހެން ދިމާއަކަށް އަމާޒުކުރުމެވެ.