Roadha Mihaaru
ހައްޖު ހުއްދަ ދިނުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ހައްޖު ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް ނިންމައިފި

04 ޖުލައި 2019

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކޮށްފައި ވަނީ މާލިއްޔަތުގެ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، އެ ކޮމިޝަނުން މިއަދު ބުނީ ހައްޖު ގްރޫޕުތަކަށް ޕޮއިންޓު ދީފައި ވަނީ ގަސްތުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްދެވޭނެ ކަމަށް ނުފެންނާތީ އެ މައްސަލައިގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް 18 ކުންފުންޏަކުން މި ފަހަރު ޕްރޮޕޯޒަލް ހުށަހެޅި އެވެ. އޭގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނާ އެކު އިތުރު ފަސް ކުންފުންޏަކަށެވެ.

އޭސީސީން ބުނިގޮތުގައި، ބައެއް ލިޔުންތައް ނެތް ނަމަވެސް ޕްރޮޕޯޒަލްތައް ބަލައިގަނެ، އެކަމުގެ ލިޔުން ވަނީ ދީފަ އެވެ. އޭގެ ފަހުން، އިވެލުއޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ފަހު، އެ ޕްރޮޕޯޒަލްގައި ހިމެނޭ ލިޔުންތައް އިދާރީ މުވައްޒަފުން ލައްވައި އަލުން ބަލާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އިވެލުއޭޝަން ކޮމިޓީގައި ހިމެނޭ އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ސެކްޝަންގެ މުވައްޒަފެއްގެ ހާޒިރުގައި އިވެލުއޭޓް ކޮށްފައިވާ ޕްރޮޕޯޒަލްތައް އޭސީސީން ޗެކްކުރި އެވެ. އެގޮތަށް ޗެކްކުރިއިރު، ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައި ބަޔާން ކޮށްފައިވާ އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު އެނގޭނެ ލިޔުން ހުށަހަޅާފައި ނެތް ކަމަށް އޭސީސީން ބުންޏެވެ. އެހެން ކުންފުުންޏަކުން ވެސް އިސްވެރިޔާ އާއި އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅައިފައެއް ނުވެ އެވެ. އެއީ، އިވެލުއޭޝަން ކޮމިޓީން ބާތިލް ކުރަންޖެހޭ ދެ ޕްރޮޕޯޒަލަށް ވީ ނަމަވެސް އެކަން ކޮމިޓީން ނުކުރާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުންޏެވެ.

"މި މައްސަލައާ ގުޅިގެން މި ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާގައި، އިވެލުއޭޝަން ކޮމިޓީން ޕްރޮޕޯޒަލްތަކަށް ޕޮއިންޓު ދީފައި ވަނީ މައުލޫމާތު ޝީޓާ ހިލާފަށް ކަމަށް ބުނެފައިވީ ނަމަވެސް، ހައްޖަށް ގެންދިއުމަށް ހުށަހަޅާ އަގުގެ ބަޔަށް ޕޮއިންޓް ދީފައި ވަނީ ހައްޖަށް ގެންދިއުމަށް ބޮލަކަށް ނެގުމަށް ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިން އެންމެ ދށް އަގަށް އެ ބަޔަކަށް ކަނޑަަޅާފައިވާ ޖުމްލަ ޕޮއިންޓް ދީގެން އަގު ބޮޑުވާ ވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަން ފާހަގަކުރެވެ އެވެ،" އޭސީސީގެ ބަޔާނުގައި ވެ އެވެ.

"ތަޖުރިބާގެ ބަޔަކަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮންމެ ދާއިރާއަކަށް ވެސް ލިބިފައިވާ ތަޖުރިބާ އެނގޭނެ ލިޔުންތަކުން ތަޖުރިބާ ލިބިފައިވާ އަހަރުގެ އަދަދަށް ބަލައިގެން އެންމެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަށް އެ ދާއިރާއަކަށް ކަނޑައަޅާފައިވާ ޕޮއިންޓް ފުރިހަމަ އަށް ލިބޭގޮތަށް އަދި ތަޖުރިބާގެ އަހަރު މަދުވާވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަން ފާހަގަކުރެވެ އެވެ."

އެ ކަންތަކަށް ފަހު، އޭސީސީން ވަނީ މައިގަނޑު ތިން ކަމެއް އިސްލާހު ކުރަން އިސްލާމިކް މިނިސްޓްރީ އަށް އަންގައިފަ އެވެ. އޭގެ ތެރޭގައި މައުލޫމާތުތައް ފުރިހަމަ ނޫން ޕްރޮޕޯޒަލްތައް ބަލައި ނުގަތުމާއި ޕްރޮޕޯޒަލްތަކާ ގުޅިގެން މީގެ ފަހުން ތައްޔާރުކުރާ ހުރިހާ ޗެކް ލިސްޓުތަކެއްގައި ޗެކްކުރި މުވައްޒަފު ސޮއިކޮށް، ތާރީޚާއި ގަޑި ލިޔެ، ލިޔުންތައް ބެލެހެއްޓުން ހިމެނެ އެވެ. އަދި ޕްރޮޕޯޒަލްތަކަށް ޕޮއިންޓް ދޭނެ މިންގަނޑު ކަނޑައަޅާއިރު، ސަބްޖެކްޓިވްކޮށް މާކްސް ދޭންޖެހޭ ގޮތަށް ކަނޑައެޅުމުގެ ބަދަލުގައި މައުލޫމާތު ޝީޓުގައި ތަފްސީލުކޮށް ޕޮއިންޓް ދޭނެ ގޮތް ބަޔާން ކުރަން އޭސީސީން ލަފާދިނެވެ.

މީގެ ކުރިން، ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރަނީ އެ ވަގުތަކު ހުންނެވި އިސްލާމިކް މިނިސްޓަރު ކަނޑައަޅުއްވާ ކޮމިޓީ އަކުންނެވެ. ނަމަވެސް އެކަން ބަދަލުކޮށް، ފަސް މެމްބަރުން ހިމެނޭ ހައްޖު އިވެލުއޭޝަން ކޮމިޓީގައި މި ފަހަރު ހިމެނެނީ އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް އަދި އިސްލާމިކް މިނިސްޓްރީގެ ދެ ބޭފުޅުންނެވެ.