Roadha Mihaaru
ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ލަފާދީފި

ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ލަފާދީފި

08 ޖުލައި 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އޭނާގެ މައްސަލަ ތަހުގީގު ކުރި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ޓީމުން ލަފާދީފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އޭނާގެ މައްސަލަ ތަހުގީގު ކުރި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ޓީމުން ލަފާދީފި އެވެ.

ނަމަވެސް ފަނޑިޔާރުކަމުން ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ޖޭއެސްސީންނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާ ބަލައި ނިންމި ގޮތުގެ ރިޕޯޓް ކޮމިޝަނަށް ބަލައި ގަތުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެ ރިޕޯޓްގައި ވަނީ އެ ފަނޑިޔާރު ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އެ ރިޕޯޓަށް ޖަވާބުދާރީ ވުމަށް މާދަމާ އިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ޑީޑީ އަށް ދޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީން އެ މައްސަލާގައި ގޮތެއް ނިންމާނީ އެ 30 ދުވަހުގެ މުއްދަތަށް ފަހުގަ އެވެ.

ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިންއިރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ. ތުހުމަތު ކުރެވޭ މީހާ އާއި ޑީޑީއާ ގާތްގުޅުމެއް އޮންނަ ކަމަށް މެސެޖްތަކުގެ އިބާރާތްތަކުން އެނގެ އެވެ.

ޑީޑީ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑީޑީ ސަސްޕެންޑު ކޮށްފަ އެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ ފަސް މެމްބަރުން ބެލި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފުލުހުން ފޮނުވި ސިޓީއަކާ ހަވާލާދީ ފެންމަތިވި އެހެން މައްސަލައެއްގައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމާ ބެހޭގޮތުން މީހަކު "ސަސްޕެކްޓް 1" އާ މުއާމަލާތް ކުރަމުން ދިޔައިރު، ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު ފަނޑިޔާރު ޑީޑީއާ ހިއްސާކުރި ކަމަށެވެ.

އޭގެ ތެރެއިން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުވައިދު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިިންމައި، އޭނާ ދޫކޮށްލަން އޭރު ކްރިމިނަލް ކޯޓުން ނިންމީ ފަނޑިޔާރު ޑީޑީ ކަމަށް ތުހުމަތު ކުރެ އެވެ.

ފުލުހުންގެ ސިޓީގައިވާ ގޮތުން ފަނޑިޔާރު ޑީޑީ އެދިވަޑައިގެންފައިވާ ބޭފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުކަން ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެން، ސަސްޕެކްޓް 1 އަށް މެސެޖް ކުރައްވާފައިވެ އެވެ. ބެލެވޭ ގޮތުގައި އެ ސިޓީގައި އިޝާރާތް ކުރަނީ ދާދިފަހަކާ ޖެހެން އެ މަގާމުގައި ހުންނެވީ ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުން ޣާނިއާ އަބްދުލްޣަފޫރަށެވެ. ފަހުން ވަނީ ޣާނިއާ މަގާމުން ވަކިކޮށްފަ އެވެ.

އާންމުކޮށް ބޭއްވި ތަހުގީގުގައި ޑީޑީ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ކުރިން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ.