Roadha Mihaaru
ދެ ރަށެއްގައި ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

ދެ ރަށެއްގައި ހައުސިން ޔުނިޓް އަޅަން 150 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

10 ޖުލައި 2019

ބ. ތުޅާދޫ އާއި ޅ. ނައިފަރުގައި، ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް އަޅަން 150 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބ. ތުޅާދޫ އާއި ޅ. ނައިފަރުގައި، ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް އަޅަން 150 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަން 79،682،850.00ރ. ކަނޑައަޅާފައިވާ އިރު، ނައިފަރުގައި 100 ހައުސިން ޔުނިޓް އަޅަން ހަރަދުކުރަނީ 71،403،200.60ރ. އެވެ. މި ދެ މަޝްރޫއަށް ޖުމްލަ 151،086،050.60ރ. އަރަ އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ނައިފަރުގައި ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރީ ޑަބްލިިއު އެންޑް އޭ އޯވަސީސް ކުންފުންޏާ އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލު ނުވަތަ އަމިއްލަ އަށް ޑިޒައިންކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 311 ދުވަހުގެ ތެރޭގައި ފުރިހަމަކުރާ ގޮތަށެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެތަނުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ސޮއިކުރެއްވި އިރު، ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އަޖުހަދު އަބްދުﷲ ޒުހެއިރެވެ.

ދެ މަޝްރޫއާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން ކުރި ޓްވީޓް

ތުޅާދޫގެ ހައުސިން ޔުނިޓްތައް ވެސް އަޅަން ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުންނެވެ. އެ މަސައްކަތް 363 ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ހަވާލުކުރީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އާ އެވެ. މި އެއްބަސްވުމުގައި ވެސް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދެވެ. އަދި އެ ކުންފުނީގެ ފަރާތުން މެނޭޖިން ޑައިރެކްޓަރު ޕީ ޑަބްލިއު ތިލަކަރަންތެވެ.

މި ދެ ރަށުގައި ވެސް އަޅަން ނިންމާފައި ވަނީ 1،100 އަކަ ފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ. ހައުސިން މިނިސްޓްރީން ބުނީ އެއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ އަށް ހާއްސަ ތަންކޮޅެއް ވެސް ހުންނާނެ ކަމަށެވެ.

ނައިފަރުގައި ހައުސިން ޔުނިޓްތައް އިމާރާތްކުރަން ކަނޑައަޅާފައި ވަނީ ތިން ބުރި ނުވަތަ ހަތަރު ބުރީގެ އިމާރާތްތަކެއްގައި އެޕާޓްމެންޓްތަކެއްގެ ގޮތަށެވެ. ނަމަވެސް ތުޅާދޫގައި މި ޔުނިޓްތައް އަޅާނީ ގެތަކެއްގެ ގޮތަށެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.