Roadha Mihaaru
ރައީސްގެ ލިސްޓުގައި މެމްބަރު ޔަޒްމީދާއި ސަފްވަތު ނެތް!

ރައީސްގެ ލިސްޓުގައި އޭސީސީގެ މެމްބަރު ޔަޒްމީދާއި ސަފްވަތުގެ ނަމެއް ނެތް!

11 ޖުލައި 2019

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެނިވަޑައިގެންނެވި ނަންތަކުގެ ތެރޭގައި ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން ޔަޒްމީދު މުހައްމަދާއި ސޮފްވަތު މުހައްމަދު ހިމެނިވަޑައިނުގެންނެވި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެނިވަޑައިގެންނެވި ނަންތަކުގެ ތެރޭގައި ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން ޔަޒްމީދު މުހައްމަދާއި ސޮފްވަތު މުހައްމަދު ހިމެނިވަޑައިނުގެންނެވި އެވެ.

އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި 68 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރޭގައި އޭސީސީގައި މަސައްކަތް ކުރައްވާ މިހާރުގެ ބައެއް މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ހިމެނިވަޑައިގަންނަވަ އެވެ. ކޮމިޝަނަށް ކުރިމަތިލި ހުރިހާ އެންމެންގެ ނަންތައް ވެސް ރައީސް ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ. އެކަމަކު، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ 12 ބޭފުޅެއްގެ ނަމެއް އޭގެ ތެރޭގައި ހިމެނެ އެވެ.

އޭސީސީ އަކީ ވެސް މިދިޔަ ފަސް އަހަރު ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ކޮމިޝަނެކެވެ.

އޭސީސީގެ މެމްބަރު ޔަޒްމީދު ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީން އެކައުންޓިން ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި 2010 އިން ފެށިގެން ޔަޒްމީދަކީ ޕްރޮފެޝަނަލް ޗާޓަޑް ސަޓިފައިޑް އެކައުންޓަންޓެކެވެ. ސެޕްޓެމްބަރު 9، 2014 ގައި އޭސީސީގެ މެމްބަރު ކަމަށް ވަޑައިގެންނެވި ޔަޒްމީދު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ.

މެމްބަރު ސަފްވަތު ވަނީ މިސްރުގެ އަޒުހަރު ޔުނިވަސިޓީގައި އެކައުންޓިންގެ ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އޮޑިޓަ ޖެނެރަލް އޮފީހުގެ އިސް މަގާމުތަކެއް އަދާކުރެއްވި ސަފްވަތު އޭސީސީއާ ގުޅިވަޑައިގަތީ އިންވެސްޓިގޭޓަރެއްގެ ގޮތުގައި 2011 ވަނަ އަހަރެވެ. އޭސީސީގެ ދެ ވަނަ ދައުރުގައި ސަފްވަތު މެމްބަރު ކަމަށް ވަޑައިގެންނެވީ ވެސް ސެޕްޓެމްބަރު 9، 2014 ގަ އެވެ.

އޭސީސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް އަށް ފެނިވަޑައިގެންނެވި ބައެއް ނަންތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮޑިޓަ ޖެނެރަލް ކަން ކުރެއްވި ނިޔާޒް އިބްރާހިމާއި އޭސީސީގެ ސެކްރެޓަރީ ޖެނެރަލަކަށް ކުރިން ހުންނެވި މުޖުތަބާ ހަމީދާއި އޭސީސީގެ މިހާރުގެ ބައެއް މުވައްޒަފުން ކަމަށްވާ އާރިފް ރަޝީދާއި ޒީނިޔާ އަބްދުﷲ އާއި އަބްދުﷲ މިޒްއާނާއި އާދަމް ޝާމިލް އެވެ. އޭގެތެރެއިން ޒީނިޔާ އަކީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދާއި ނައިބު ރައީސާ އައިމިނަތު މިންނާ ހިމެނިވަޑައެއް ނުގަންނަވަ އެވެ. އޭސީސީގެ ރައީސް ކަމުގައި ކުރިން ހުންނެވި ހަސަން ލަތީފް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭސީސީގެ ގާނޫނު ބުނާ ގޮތުން ކޮމިޝަންގައި އެންމެ ގިނަވެގެން ހުރެވޭނީ ދެ ދައުރުގެ މުއްދަތަށެވެ. އަންނަ ސެޕްޓެމްބަރު މަހު މުއައްވިޒު ދެ ދައުރު ފުރިހަމަ ކުރައްވާނެތީ އޭނާ އަށް އިތުރު ދައުރަކު ކުރިމައްޗެއް ނުލެއްވެ އެވެ. އެކަމަކު، މިންނާ ސެޕްޓެމްބަރުގައި ފުރިހަމަ ކުރައްވާނީ އެއް ދައުރެވެ.

އޭސީސީ އަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ގާނޫނީ މިނިވަން ޝަހްސެވެ. އެކަމަކު، ވޭތުވެދިޔަ އަހަރުތަކުގައި އެކަށީގެންވާ ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމުގެ ޝަކުވާ ވަރަށް ބޮޑުވި އެވެ. އަދި އެ ކޮމިޝަންގެ މެމްބަރުން ތިއްބެވީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގައި ކަމަށް ބުނެ، މެމްބަރުންނަށް ތަފާތު ފާޑުކިޔުންތައް ކުރިން ވަނީ އަމާޒުވެފަ އެވެ.