Roadha Mihaaru
އައިއޯއައިޖީގެ ތަރިންނަށް ހޫނު މަރުހަބާއެއް ކިޔަނީ

އައިއޯއައިޖީގެ ތަރިންނަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވެފައި

29 ޖުލައި 2019

މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ އަށް ޝަރަފްވެރި ވަނަތައް ހޯދައިދިން ކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔަން ކުޅިވަރު އާއިލާ އާއި ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ އަށް ޝަރަފްވެރި ވަނަތައް ހޯދައިދިން ކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔަން ކުޅިވަރު އާއިލާ އާއި ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭން މި ފަހަރުގެ ގޭމްސް އަށް ކަނޑައެޅި ޓާގެޓަކީ 15 މެޑަލް ހޯދުމެވެ. ޓީމު މިއަދު އެނބުރި އަންނަނީ އެ ޓާގެޓް ހާސިލްކޮށްގެންނެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖެ އަށް މެޑަލް ހޯދައިދިން ކުޅިވަރުތަކަކީ ޓޭބަލް ޓެނިސް، ބެޑްމިންޓަން، ބީޗް ވޮލީ އަދި އެތުލެޓިކްސް އެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންތައް ގުޅިގެން މިއަދު ހަވީރު ޖުމްހޫރީ މައިދާން ސަރަހައްދުގައި، އައިއޯއައިޖީން މެޑަލް ހޯދި ކުޅުންތެރިންނަށް މަރުހަބާ ކިޔުން އޮންނާނެ އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ކުޅިވަރު އާއިލާ އާއި ސަރުކާރުގެ ވެސް ވަރަށް ބޮޑު އެދުމެކެވެ.

މޮރިޝަސްގައި މި ފަހަރު ބޭއްވި ގޭމްސްގައި ރާއްޖޭން ވަނީ ހަތަރު ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. އެއީ އަންހެން ސިންގަލްސް ބައިން ފާތިމަތު ދީމާ ހޯދި ރަން މެޑަލާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ. ރާއްޖެ އަށް ދެން ލިބުނު ރަން މެޑަލް ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ. މިއީ ބެޑްމިންޓަން ތާރީހުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ.

ރާއްޖޭން މި ފަހަރު ވަނީ ހަތަރު ރިހި މެޑަލް ހޯދައިފަ އެވެ. އެއީ ޓޭބަލް ޓެނިހުގެ ވިމެންސް ޑަބަލްސް އިން މުއީނާ އާއި ޖުމާނާ ހޯދި ރިހި މެޑެއްޔާއި ވިމެންސް ސިންގަލްސް އިން ރަފާ ހޯދި ރިހި މެޑެއްޔާއި ބެޑްމިންޓަނުގެ ވިމެންސް ޑަބަލްސް އިން ނަބީހާ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ހޯދި ރިހި މެޑެއްޔާއި ބީޗް ވޮލީބޯޅައިން ޓީމު އިވެންޓުން ހޯދި ރިހި މެޑެއްޔެވެ.

މި ފަހަރު ވަނީ ހަތް ލޯ މެޑަލް ހޯދައިފަ އެވެ. އެތުލެޓިކްސްގެ 200 މީޓަރު ދުވުމުން ހަސަން ސާއިދު، ޕެރެ 100 މީޓަރު ދުވުމުން މުހައްމަދު މާޒިން އަދި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި އެވެ. އަނެއް ހަތަރު ލޯ މެޑެއްޔަކީ ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓުންނާއި ފިރިހެން ޓީމު އިވެންޓުން އަދި މިކްސް ޑަބަލްސް އިވެންޓުން މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ހޯދި ލޯ މެޑަލް އަދި ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް އިވެންޓުން ޝިއުނާޒް އަބްދުލްވާހިދު (މަންކޭ) އަދި އާދަމް ނަސީމް (އެޑަމް) ހޯދި ލޯ މެޑެއްޔެވެ.

ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރެވެ. އެކަމަކު ނިމުމުގެ ރަސްމިއްޔާތުގައި ދިދަ އުފުލީ ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓުގެ ޝަރަފް ހޯދާފައިވާ އުމުރުން 11 އަހަރުގެ ދީމާ އެވެ.

ރާއްޖޭން ވަނީ 2023 ވަނަ އަހަރު އައިއޯއައިޖީ ބޭއްވުމުގެ ބިޑް ވެސް ކާމިޔާބު ކޮށްފަ އެވެ. ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އާއި ކުޅިވަރު އާއިލާ އެކުވެގެން ކުރި މަސައްކަތުން، އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިގެންދިޔައިރު، މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި ސްޕޯޓްސް ކުޅިވަރު މުބާރާތެވެ.

އިއްޔެ ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އައިއޯއައިޖީގެ ދިދައާ ހަވާލުވީ ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހުމަަދު މަހުލޫފެވެ. ރާއްޖެ އަށް އައިއޯއައިޖީގެ ބިޑް ކާމިޔާބުކުރުމަށް ސްޕޯޓްސް މިނިސްޓަރު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ މަންދޫބުންގެ ގޮތުގައި ބުރަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އަދި މި ފަހަރުގެ އައިއޯއައިޖީ ފެށިގެން ނިމެންދެން އެތުލީޓުންނަށް ހިތްވަރު ދެއްވުމުގައި މިނިސްޓަރު މަހުލޫފް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭން 2023 ވަަނަ އަހަރުގެ އައިއޯއައިޖީ ބާއްވާއިރު، އެކަމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭނުގެ ތެރެއިންނެވެ. އެ ގޮތުން ފަސް ސަރަހައްދެއް ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރާނެ އެވެ.