Roadha Mihaaru
އަދީބު ދޫކޮށްލުމުން މަޖިލީހަށް ކުއްލި މައްސަލައެއް

އަދީބަށް ބަންދު އިތުރުކޮށް ނުދިނުމުން މަޖިލީހަށް ކުއްލި މައްސަލައެއް

05 އޯގަސްޓް 2019

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލަވައި އިންޑިއާ އަށް ވަޑައިގަންނަވަން އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ރޭ އަމުރު ނެރުމުން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ފިއްލަވައި އިންޑިއާ އަށް ވަޑައިގަންނަވަން އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ރޭ އަމުރު ނެރުމުން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓަގެއްގައި ފިއްލަވައިގެން އަދީބު ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބޭރުން އިންޑިއާގެ ސިފައިން އަދީބު އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދީބު ފިއްލެވި މައްސަލައިގައި އިންޑިއާގެ ސަލާމަތީ ބާރުތަކުން އެމަނިކުފާނާ ގިނަ އިރުތަކެއް ވަންދެން ޓަގް ބޯޓުގައި ހިފަހައްޓައި ސުވާލު ކުރި އެވެ.

އޭގެ ފަހުން، އިންޑިއާ އިން ވަނީ އަދީބު ރާއްޖޭގެ ސަލާމަތީ ބާރުތަކާ ހަވާލުކޮށްފަ އެވެ. ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން އަދީބު ރާއްޖެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

އަދީބު ފިއްލަވައިގެން ދަތުރުކުރެއްވި ޓަގް ބޯޓު އިންޑިއާގެ ޓުޓިކޮރިން ބަނދަރުގައި.

އަދީބު ފިއްލަވައިގެން ދަތުރުކުރެއްވި ޓަގް ބޯޓު އިންޑިއާގެ ޓުޓިކޮރިން ބަނދަރުގައި.

ކޯޓުން އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކުރީ ޓަގުގައި ފިލައިގެން ދިއުމުން އަދީބު ފުރަތަމަ ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި، އެ ސަރަހައްދަށް ރާއްޖޭގެ ގާނޫނުތައް ނުހިނގާނެތީ އެވެ. ފުލުހުން އަދީބު ހައްޔަރުކުރަން ދިޔައީ ކޯޓު އަމުރެއް ހިފައިގެން ނަމަވެސް ރާއްޖޭގެ ސަރަހައްދުން ބޭރުން އަދީބު ހައްޔަރުކުރުމުން އެ އަމުރަށް ރާއްޖޭގެ ގާނޫނީ ބާރެއް ނުހިނގާނެ އެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އޮންނަ އުޅަނދަކަށް ހިނގާނީ އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ގައުމެއްގެ ގާނޫނުތައް ކަމަށާއި އަދީބު ހައްޔަރުކުރީ އިންޑިއާ ދިދަ ނަގާފައިވާ އުޅަނދެއްގައި ހުއްޓާ ކަމަށް ފުލުހުންނާއި ޕީޖީން ކޯޓުގައި ބުނިކަން ގާޒީ ފާހަގަކުރެއްވި އެވެ.

އެހެންވެ އެއީ ގާނޫނާ ޚިލާފު ހައްޔަރެއް ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ދަންވަރު އަމުރެއް ނުދިނެވެ. އެއާ އެކު، އަދީބު ވަނީ މިނިވަންވެފަ އެވެ. ނަމަވެސް އަދީބު ދޫކޮށްލިތާ މާ ގިނަ އިރުތަކެއް ނުވަނީސް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްގެން މިހާރު ވަނީ ދޫނިދޫ އަށް ގެންގޮސްފަ އެވެ. އަދި ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު އަލުން ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އަދީބު ފުލުހުންގެ ބަންދުން ފިއްލަވައިގެން އުޅުއްވަނިކޮށް ދިވެހި ފުލުހުން އެމަނިކުފާނު ހައްޔަރުކޮށް ރާއްޖޭގެ ކްރިމިނަލް ކޯޓަށް ގެނައުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް އެ ކޯޓުން ބުނެ އެމަނިކުފާނު ދޫކޮށްލާފައިވާ ކަމަށެވެ.

މިކަމާ މަޖިލިސް އިންތިހާ އަށް ކަންބޮޑުވާ ކަމަށާއި މި މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށްޓަކައި ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުއްވީ ކަމަށް އެ މައްސަލައިގައިވެ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ އެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން ފަނޑިޔާރަކު އޭނާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔުއަކާ ގުޅިގެން ނުވަތަ ކުރި އަމުރަކާ ގުޅިގެން ނުވަތަ ހުކުމަކާ ގުޅިގެން، އިސްތިއުނާފުކުރުމުގެ އުސޫލުން ބޭރުން ނުވަތަ ފަނޑިޔާރުންގެ ސުލޫކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން އެއްވެސް ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެ އެވެ.

އަދީބުގެ މައްޗަށް ތުހުމަތުކުރަނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގަތުމާއި ޖިނާއީ މައްސަލައެއްގައި ކުށަށް އިއުތިރާފުވެ، ކޯޓަށް ހާޒިރުވެ ހެކި ބަސް ދެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު ފިއްލެވި ކަމަށް ބުނެ އެވެ.

އަދީބު ހައްޔަރުކުރީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން ވަނީ ކޯޓުގައި ވެސް އިއުތިރާފް ވެފަ އެވެ. ރާއްޖޭގެ ގާނޫނީ ބާރު ހިނގާނީ ރާއްޖޭގެ ސަރަހައްދުގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ.

އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރަން ފުލުހުންގެ ވެހިކަލެއްގައި ރޭ ދަންވަރު ކްރިމިނަލް ކޯޓަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަދީބުގެ ބަންދުގެ މުއްދަތު އިތުރު ކުރަން ފުލުހުންގެ ވެހިކަލެއްގައި ރޭ ދަންވަރު ކްރިމިނަލް ކޯޓަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ބޮޑެތި އެހެން މައްސަލަތަކުގެ ތުހުމަތު އެޅިފައިވާ އަދީބު މިދިޔަ ހޮނިހިރު ދުވަހު ފިއްލެވީ ތިން މައްސަލައެއް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް ކޯޓުން އަމުރުކޮށް، އަދި އެއް މައްސަލައެއްގެ އިސްތިއުނާފު ހިނގަމުން ދާތީ ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށެވެ. އަދީބު ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނުތާ ދެ މަސް ވީއިރު ވެސް އެ އަމުރާ މެދު ގޮތެއް ނުނިންމާ އޮއްވަ އެވެ.

އިންޑިއާ އަށް ދަތުރުކުރަމުން ދިޔަ ޓަގުގައި ހުންނެވި އަދީބު އަތުލައިގަތީ އެ ގައުމުގެ ސިފައިންނެވެ. އެ ޓަގު ބޯޓަކީ އިންޑިއާ އިން ހިލަ ހިފައިގެން ރާއްޖެ އަންނަ ބޯޓެކެވެ. އަދީބު އިންޑިއާ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމުން އޭނާ ވަނީ ރާއްޖޭގައި ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިންޑިއާ އިން އަދީބަށް ހިމާޔަތް ނުދީ ދިވެހި ސިފައިންނާ ކަނޑުމަތިން ހަވާލުކުރީ އެވެ.