Roadha Mihaaru
ޒަހްރާންއާ ގުޅުން ހުރި ތިން މީހަކު ހައްޔަރުކޮށްފި

ބޮން ގޮއްވި ޒަހްރާންއާ ގުޅުން ހުރި ތިން މީހަކު ހައްޔަރުކޮށްފި

06 އޯގަސްޓް 2019

ކޮލަމްބޯ (އޮގަސްޓް 6) - އަމިއްލަ އަށް މަރުވެގެން ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާގެ އިސް މޭސްތިރިޔާ ޒަހްރާން ހާޝިމްއާ ގުޅުން ހުރި ކަމަށް ބެލޭ ތިން މީހަކު ލަންކާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮގަސްޓް 6) - އަމިއްލަ އަށް މަރުވެގެން ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާގެ އިސް މޭސްތިރިޔާ ޒަހްރާން ހާޝިމްއާ ގުޅުން ހުރި ކަމަށް ބެލޭ ތިން މީހަކު ލަންކާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ ލީޑަރު ޒަހްރާންއާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށްގެން ހައްޔަރުކޮށްފައި ވަނީ ޖަމާއަތޭ މިއްލަތު އިބްރާހިމް (ޖޭއެމްއައި) ގެ ތިން މެންބަރެކެވެ. އެ ތިން މީހުން ހައްޔަރު ކުރީ އަމްޕަރާ ޕޮލިހުންނެވެ. ފުލުހުން ބުނީ ހައްޔަރުކުރި ތިން މީހުން ވަނީ ނޫރަލިޔާ އާއި ހަމްބަންޓޯޓާގައި ތަމްރީނު ހަދާފައިވާ ކަމަށެވެ. އެ މީހުން ތަމްރީނު ހަދާފައި ވަނީ ޒަހްރާން ހާޝިމްގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މީހުންނާ މިހާރު ސުވާލު ކުރަމުންދާ ކަމަށެވެ.

ޒަހްރާން މަރުވެފައި ވަނީ ޝަންގްރިއްލާ ހޮޓަލަށް ދިން ހަމަލާގަ އެވެ. އޭނާއާ އެކު އެ ހޮޓަލަށް އަމިއްލަ އަށް މަރުވެގެން، ދެން ހަމަލާ ދިނީ އިލްހާމް އަހުމަދު އިބްރާހިމް ކިޔާ މީހެކެވެ. ޝަންގްރިއްލާ އަށް ދިން ހަމަލާގައި އެ ހޮޓަލުން 36 މީހުން މަރުވި އެވެ. އޭގެ ތެރޭގައި 12 ބިދޭސީއަކު ހިމެނެ އެވެ.

ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލެއްގައި އެޕްރީލް 21 ވަނަ ދުވަހު ހަމަލާ ދީފައި ވަނީ ނުވަ މީހެކެވެ. ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި 40 ބިދޭސީއަކު ވެސް ހިމެނެ އެވެ. ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. ލަންކާ ސަރުކާރުން ބުނެފައި ވަނީ ހަމަލާ ދިނީ އެންޓީޖޭގެ މެންބަރުން ކަމަށެވެ.