Roadha Mihaaru
އައިއެސްގެ މައުލޫމާތު ފަތުރާ ވަޒީރު މަރާލައިފި

އައިއެސްގެ މައުލޫމާތު ފަތުރާ ވަޒީރު މަރާލައިފި

17 ސެޕްޓެމްބަރ 2016

ވޮޝިންޓަން (ސެޕްޓެމްބަރު 17) - އެމެރިކާގެ ވައިގެ ހަމަލާތަކެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޕްރޮޕެގެންޑާ ފެތުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުގެ އިންފޮމޭޝަން މިނިސްޓަރު ވައިލް އާދިލް ހަސަން ސަލްމާން އަލް ފަޔާދު ސީރިއާ އިން މަރާލާފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އައިއެސްގެ ޕްރޮޕަގެންޑާ ވީޑިއޯތަކާއި މީހުން މަރާ ވީޑިއޯތައް ތައްޔާރުކޮށް ދައްކަމުން ދަނީ ޑރ. ވައިލްގެ ނަމުން މަޝްހޫރު ފަޔާދުގެ ބެލުމުގެ ދަށުން ކަމަށް ޕެންޓަގަނުން ބުނެ އެވެ. އޭނާ މަރާލީ މި މަހު 7 ވަނަ ދުވަހު ރައްގާއާ ކައިރި ހިސާބުތަކަށް ދިން ވައިގެ ހަމަލާތަކެއްގައި ކަމަށް ވެސް ޕެންޓަގަނުން ބުނެފައިވެ އެވެ.

ފަޔާދަކީ އެމެރިކާ އިން ހަމަލާދީ މިދިޔަ މަހު މަރާލި އައިއެސްގެ ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނު އަބޫ މުހައްމަދު އަލް އަދުނާނީގެ ވަރަށް ގާތް މީހެއް ކަމަށްވެ އެވެ. އަދުނާނީގެ ބޮލަށް އެމެރިކާ އިިން ވަނީ ފަސް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.

"އައިއެސްގެ އިސް ލީޑަރުން މަރަމުން ގެންދިއުމަކީ އެ މީހުން އަތުލާފައިވާ ބިންތަކުގައި ތިބުމަށާއި ކުރިއަށް ކަންކަން ރޭވުމާއި ފައިސާ ހޯދުން އަދި އިރާގާއީ ސީރިއާގެ އެތެރެ އާއި ބޭރުގައި ހަމަލާތައް ދިނުމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއް،" ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޕީޓާ ކުކް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. "އައިއެސް އެކުގައި ނެތިގެން ދަންދެން ކޯލީޝަން ޕާޓްނަރުންނާ އެކު މަސައްކަތް ކުރާނަން."

ކުކް ވިދާޅުވީ އެމެރިކާގެ ވައިގެ ހަމަލާތަކުގައި މަރާލި ފަޔާދަކީ އައިއެސްގެ ލީޑަޝިޕް ގްރޫޕް ނުވަތަ ޝޫރާ ކައުންސިލުގެ މެންބަރެއް ވެސް މެ އެވެ.