Roadha Mihaaru
ޝުޖޫނާއި އަޒްމިރަލްދާ އަށް ކޮމިޓީން ރުހުން ދީފި

ޝުޖޫނާއި އަޒްމިރަލްދާ އަށް މަޖިލިހުގެ ކޮމިޓީން ރުހުން ދީފި

27 އޯގަސްޓް 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ރޭ ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ރޭ ނިންމައިފި އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ހުށަހަޅުއްވައި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ރުހުން ދީފައިވާ މި ދެ ބޭފުޅުންނާއި ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ވެސް ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް މަޖިލިހަށް ފޮނުއްވީ ރޭގަ އެވެ. އަދި ދެ ބޭފުޅުންނަށް ކޮމިޓީން ރުހުން ދީފައި ވަނީ ވެސް ރޭ ވަރަށް ލަސްވި ފަހުންނެވެ.

މި ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ކޮމިޓީން ނިންމީ އިންޓަވިއުކުރުމަކާ ނުލަ އެވެ. ޖޭއެސްސީން ވަނީ ވަނީ ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނާ ކުރިން އިންޓަވިއުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެން ކުރިމަތިލެއްވީ ހައި ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޝުއައިބް ހުސައިން ޒަކަރިއްޔާ، އާއި މުހައްމަދު ނިޔާޒުގެ އިތުރުން އަލީ ސަމީރެވެ. ފަނޑިޔާރު އަބްދުﷲ ހަމީދު ކުރިމަތިލެއްވި ނަމަވެސް އިންޓަވިއު އަށް ވަޑައި ނުގަންނަވާ ކަމަށް އެނގިފައިވެ އެވެ.

އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ބެންޗުގައި މިހާތަނަށް ހިމެނުނު ހަމައެކަނި އަންހެން ފަނޑިޔާރެވެ. ފަނޑިޔާރުކަމުން 2016 ގައި އިސްތިއުފާ ދެއްވި އަޒްމިރަލްދާ އަކީ ޕީއެޗްޑީއެއް ހާސިލް ކުރައްވައިގެން ރާއްޖޭގައި ފަނޑިޔާރު ކަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރު ޝުޖޫނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދެ މަގާމަށް ޝުޖޫނާއި އަލްމިރަލްދާ އައްޔަން ކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެކަމަކު، ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ދެބަސްވުން އުފެދިފަ އެވެ.

ބައެއް އިލްމުވެރިން ދަނީ އިސްލާމް ދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށް ބުނަމުންނެވެ. އެކަމަކު، އެއަށް ރައްދުދީ އެހެން ބައެއް އިލްމުވެރިންނާއި އެހެން ބައެއް ބޭފުޅުން ވިދާޅުވަނީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ދީނުގެ އަސްލަކާ ހިލާފު ކަމެއް ނޫން ކަމަށެވެ.