Roadha Mihaaru
ރަނިލް ތަގްރީރު ކުރެއްވުމުގެ ދައުވަތުދޭން ފާސްކޮށްފި

މަޖިލިހުގައި ރަނިލް ތަގްރީރު ކުރެއްވުމުގެ ދައުވަތު ދޭން ފާސްކޮށްފި

27 އޯގަސްޓް 2019

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރެއްވުމުގެ ދައުވަތު އަރުވަން މަޖިލިހުން މިރޭ ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރެއްވުމުގެ ދައުވަތު އަރުވަން މަޖިލިހުން މިރޭ ފާސްކޮށްފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް އަންނަ ހޯމަ ދުވަހު އެވެ. މަޖިލިހުގެ ރިޔާސަތުން އިއުލާން ކުރެއްވި ގޮތުން ނަމަ، ރަނިލް މަޖިލިހަށް ވަޑައިގެން ތަގްރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހު ހެނދުނެވެ.

މަޖިލިހުގައި ތަގްރީރު ކުރެއްވުމުގެ ފުރުސަތު ރަނިލް އަށް ދޭން މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެންނެވެ.

ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރަނިލްގެ އަނބިކަނބަލުން ޕްރޮފެސާ މައިތިރީ ވިކްރަމަސިންހަ އާއި ކެބިނެޓްގެ ހަތަރު މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާ އަށް ވަޑައިގެން، ރަނިލް އާއި އެ ގައުމުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅުގައި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާ ވެސް ބައްދަލުކުރެއްވި އެވެ.

މިރޭގެ ޖަލްސާގައި ވަނީ ބައިނަލްއަގްވާމީ ހަތަރު މުއާހަދާއެއްގައި ރާއްޖެ އިން ސޮއިކުރަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި މައްސަލަ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހު، މަޖިލިހަށް ހުށަހެޅީ ޔުނައިޓެޑް ނޭޝަންސް އާމްސް ޓްރޭޑް ޓްރީޓީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓާ މިއުނިކޭޝަންސް ޕްރޮސީޖާ، ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއާ ވެޕަންސް، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރޮސީޖާ، އިސްލާމީ ދައުލަތްތަކުގެ އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރު ކުރުމާބެހޭ މުއާހަދާ އެވެ.