Roadha Mihaaru
އުގައިލްގެ ކަރުދާހަށް އެތައް ބައެއްގެ ޝައުގުވެރިކަން

އުގައިލްގެ ކަރުދާހަށް އެތައް ބައެއްގެ ޝައުގުވެރިކަން

05 ސެޕްޓެމްބަރ 2019

މިދިއަ މަހު އއ. އުކުޅަހުގައި ބޭއްވި ސައިންސްވެރިންގެ ކޮންފަރެންސަށް ހުށައެޅި ކަރުދާސްތަކުގެ ތެރެއިން ޕްރޮފެސަރު ހަސަން އުގައިލްގެ ޓީމުން މިހާރު ކުރަމުން އަންނަ މަސައްކަތާ ބެހޭ ކަރުދާހަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިއަ މަހު އއ. އުކުޅަހުގައި ބޭއްވި ސައިންސްވެރިންގެ ކޮންފަރެންސަށް ހުށައެޅި ކަރުދާސްތަކުގެ ތެރެއިން ޕްރޮފެސަރު ހަސަން އުގައިލްގެ ޓީމުން މިހާރު ކުރަމުން އަންނަ މަސައްކަތާ ބެހޭ ކަރުދާހަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނެވެ.

އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވަސިޓީގައި މަސައްކަތް ކުރައްވަމުން އަންނަ އުގައިލް އާއި އޭނާގެ ޓީމުން އަންނަނީ އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗުއެސް) ގެ މަޝްރޫއުއެއްގެ ދަށުން އާންމު ސިއްހަތާ ބެހޭ ހާއްސަ އެޕްލިކޭޝަނެއް ތަރައްގީކުރަމުންނެވެ. އެ މަސައްކަތާ ބެހޭ ހާއްސަ ކަރުދާސް، އުކުޅަހު ކޮންފަރެންސަށް އުގައިލް ހުށައެޅުއްވީ އޭނާގެ ޓީމުގެ އެހެން މެމްބަރެއް ކަމަށްވާ މަރިޔަން ހާޑީއާ އެކުވެގެންނެވެ.

އުގެއިލްގެ ޓީމުން މަސައްކަތްކުރަނީ ސިއްހަތަށް ގެއްލުންވާ ވަރަށް ފަލަވުން ހުއްޓުވަން، މީހުންގެ ޝައުގުވެރިކަން ބޮޑުކޮށްދޭނެ އެޕްލިކޭޝަނެއް ހަދާށެވެ.

"އިނގިރޭސިވިލާތުގައި ވެސް އަދި މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑު ވަބާއަކަށް ކަހަލަ ގޮތަކަށް ވެފައި މިއޮތީ މީހުން ފަލަވުން. އާދަޔާ ހިލާފަށް ފަލަވުން،" އެޕްލިކޭޝަންގެ މަސައްކަތް ޔުނިވާސިޓީއަށް ލިބުނު ގޮތާ ބެހޭ މެދު ވާހަކަ ދައްކަވަމުން އުގައިލް ވިދާޅުވި އެވެ.

"އޭގެ ސަބަބުން ނޭދެވޭ އެތައް ބަލިތަކެއް ޖެހި، ގައުމީ ސިއްހީ ނިޒާމުން ވަރަށް ބޮޑު ހަރަދެއް ހިނގާ. އެއަށް ފަރުވާތަކެއް ހޯދަން ތަފާތު މަސައްކަތްތަކެއް ކުރެވޭ."

އުގައިލް ވިދާޅުވީ މަޝްރޫއުގައި އުފައްދާ އެޕްލިކޭޝަނުން ކޮށްދޭނެ ކަމަކީ ކެއުމަށާއި ކަސްރަތަށް ނުބަލާ އުޅޭ މީހުންނަށް އަހަރުތަކެއް ފަހުން ކުރިމަތިލާން ޖެހޭނެ ކަންތައްތައް ވީހާވެސް ބޮޑަށް އެކަމަކު ހަގީގަތާ އެއްގޮތަށް ދައްކައިލަ ދިނުން ކަމަށެވެ. އޭރުން އާންމުން އެކަމާ މެދު ފުންކޮށް ވިސްނާނެ ކަމަށް އުގައިލް އާއި އޭނާއާ އެކު މަސައްކަތް ކުރައްވާ އެހެން ސައިންޓިސްޓުން ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެންގެ އައިޑިއާއަކީ ހިނގާބަލާށޭ މީހާ މިހާރު ހުރި ގޮތް ފޮޓޯތަކުން ނަގާފައި ތްރީޑީކޮށް އެމީހާ ދައްކާލަން އެމީހަކަށް. ދެން އަޅުގަނޑުމެންގެ މި އެޕުން ބުނާނީ ތިޔަ ލައިފް ސްޓައިލްގައި އުޅެންޏާ މީގެ ފަސް އަހަރު ފަހުން ހުންނާނީ މިި ގޮތަށޭ. މީގެ ފަސް އަހަރު ފަހުން މިކަހަލަ ބަލިތައް ޖެހޭނެ ކަމަށް ލަފާކުރެވެއޭ،" އުގައިލް ވިދާޅުވި އެވެ.

ރަނގަޅު ސިއްހަތެއްގައި ދެމިހުންނާނެ ގޮތާ މެދު އުގައިލް ލިއުއްވި ފޮތް ބަޔަކު ހޯދަނީ

ރަނގަޅު ސިއްހަތެއްގައި ދެމިހުންނާނެ ގޮތާ މެދު އުގައިލް ލިއުއްވި ފޮތް ބަޔަކު ހޯދަނީ

އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުގައި ހިމެނެނީ ހަމައެކަނި އެޕެއް ޑިޒައިންކުރުމެއް ނޫނެވެ. އެކަމަށް ބޭނުންވާ ކްލިނިކަލް ދިރާސާތައް ކުރުމަކީ ވެސް އޭގެ ބައެކެވެ. އެ ދިރާސާތައް ކުރަނީ އާންމުންގެ ތެރެއިން ބަޔަކު ގެނެސް، އެ މަސައްކަތް ކުރިއަށް ދާ ގޮތް ދައްކައި، އެމީހުންގެ ބައިވެރިވުން ވެސް ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

"އަދި އެބަ އޮތް ބާކީ ދެ އަހަރު މި މަޝްރޫއު ނިންމަން،" އުގައިލް ވިދާޅުވި އެވެ.

ދުޅެހެޔޮ ސިއްހަތެއްގަައި ދެމިތިބުމަށް ކެއިން ބުއިމާއި ކަސްރަތުކުރުން ފަދަ ކަންތައްތައް ކުރިއަށް ގެންދެވިދާނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ހިމަނުއްވައިގެން އުގައިލް ވަނީ ދިވެހި ބަހުން ކުރިން ފޮތެއް ވެސް ނެރުއްވައިފަ އެވެ. އަމިއްލަ ތަޖުރިބާ އާއި ސިއްހީ މާހިރުންގެ ދިސާރާތަކުގެ އަލީގައި "ސިއްހީ ހަދިޔާ"ގެ ނަމުގައި ލިއުއްވި އެ ފޮތަށް ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުނެވެ.

އުގައިލް ވިދާޅުވީ އެފޮތް ބޭނުންވެގެން ބައެއް ފަރާތްތަކުން އަދިވެސް އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން އޭގެ ކޮޕީ އިތުރަށް ޗާޕްކުރައްވަން ވިސްނަވާ ކަމަށް ވިދާޅުވި އެވެ.

އުކުޅަހު ކޮންފަރެންސަށް ސައިންސްވެރިންގެ އެކި ޓީމުތަކުން 48 ކަރުދާސް ހުށައެޅި އެވެ. އޭގެ ތެރޭގައި ބައެއް ގައުމުތަކުން ދެމުން އަންނަ ބައެއް ހިދުމަތްތަކާ ބެހޭ ކަރުދާސްތަކާއި ގަދީމީ ބައެއް އުފެއްދުންތައް އޭގެ އަސްލު ނެތިނުދާ ގޮތަށް އަލުން މަރާމާތުކުރާނެ އާ ގޮތްތަކާ ބެހޭ ކަރުދާސް ވެސް ހިމެނެ އެވެ.