Roadha Mihaaru

ވަގަށް ވެހިކަލް އެތެރެކުރާ މައްސަލަ ތަހުގީގުކުރަނީ

ވަގަށް ރާއްޖެއަށް ވެހިކަލް އެތެރެކުރާ މައްސަލަ ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ތަހުގީގުކުރަމުން އަންނަކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މިއަދު ވިދާޅުވެއްޖެ އެވެ.

ވަގަށް ވެހިކަލް އެތެރެކުރާ މައްސަލަ ތަހުގީގުކުރަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

31 އޯގަސްޓް 2019

ވަގަށް ރާއްޖެއަށް ވެހިކަލް އެތެރެކުރާ މައްސަލަ ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ތަހުގީގުކުރަމުން އަންނަކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ނުބަލާ އެއްވެސް ކަމެއް ދޫނުކޮށްލާނެ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ސިއްރު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ވަގަށް ވެހިކަލް އެތެރެކުރާ މައްސަލަ ބަލަން ފެށިއިރު، މިދިޔަ ހަފުތާގައި ވަގަށް އެތެރެކުރި 21 އުޅަނދެއް ހޯދާފައި ވެ އެވެ. އެ އެއްޗެހިި ވަގަށް ގެނައީ ލަކުޑި އެތެރެކުރުމުގެ ނަމުގަ އެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ވަނީ އަތުލައިގެންފަ އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ވަނީ ކަސްޓަމްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމްކޮށް ނެގެހެއްޓުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ފަސްޖެހުމެއްނެތި އަޅާނެކަމުގެ ޔަގީންކަން ދީފަ އެވެ.