Roadha Mihaaru
ސްނައިޕަރު ގެނައި މައްސަލާގައި ފަޒީލާ ދެކޮޅަށް ހެކިބަސް

"އެއް ޝޮޓުން މިކަން ނިމުނު ނަމަ ނިމުނީސް ކަމަށް ދައުވާލިބޭ ފަޒީލް ބުނި"

19 ސެޕްޓެމްބަރ 2016

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްނައިޕާ ޝޫޓަރެއް ރާއްޖެ ގެނައި ކަމަށް ބުނާ މައްސަލާގައި، ދައުވާލިބޭ މީހަކު "އެއް ޝޮޓުން އެކަން ނިންމާލެވުނު ނަމަ ނިމުނީހޭ" ބުނި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްނައިޕާ ޝޫޓަރެއް ރާއްޖެ ގެނައި ކަމަށް ބުނާ މައްސަލާގައި، ދައުވާލިބޭ މީހަކު "އެއް ޝޮޓުން އެކަން ނިންމާލެވުނު ނަމަ ނިމުނީހޭ" ބުނި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލުމަށްޓަކައި، ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖެހުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ބުނާ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަޑިޝަންކަރު ރާއްޖެ ގެނައި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ ސްނައިޕަރު ކަމަށް ބުނާ މަޑިޝަންކަރާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މ. ލިލީޕާކް ފަޒީލް ހަމީދާއި ގ. އޮއިވާލި އިސްހާގު ހުސައިންގެ މައްޗަށެވެ.

ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިން އެއް ހެކިވެރިއަކު ބުނީ "އެއް ޝޮޓުން މިކަން ނިންމާލެވުނު ނަމަ ނިމުނީހޭ" ދައުވާލިބޭ ފަޒީލް ބުނި އަޑުއިވުނު ކަމަށެވެ. އެހެން ފަޒީލް ބުނީ ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާގައި" އެއްޗެއް ގޮއްވާލިތާ ޖެހިގެން އައި ދުވަހު ކަމަށާއި އެކަމަކު އެހެން ބުނީ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގޭ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ދެވަނައަށް ހެކިބަސް ދިނީ އަދީބު އަންގައިގެން ފަޒީލަށް ފައިސާތަކެއް ދިން ކަމަށް އިސްހާގު ބުނި ހެކިބަސް ދިން މީހެކެވެ. އެ ހެކިވެރިޔާ ބުނީ އަދީބު ބުނެގެން ފަޒީލަށް 20،000 ޑޮލަރު ދީފައިވާ ކަމަށް، ގްރޫޕަކާ އެކު ރެސްޓޯރެންޓެއްގައި ކޮފީއެއްގައި އިނދެފައި އިސްހާގު ބުނި ކަމަށެވެ. އަދި އަދީބު ބުނެގެން އެކި މީހުން އަބަދުވެސް ފައިސާ ބަހާ ކަމަށް ވެސް އިސްހާގު ބުނި ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިއަދު ނަގާފައިވަނީ ދެ ހެއްކެއްގެ ހެކިބަހެވެ. ބާކީ ތިބި މީހުންގެ ހެކިބަސް އަދި ނުނަގަ އެވެ.

ދައުވާގައިވާ ގޮތުން ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވީ އަދީބާއި ފަޒީލާއި އިތުރު ބައެކެވެ. އިސްހާގުގެ ދައުރަކީ އެކަމަށް ބޭނުންވާ ފައިސާ އެކި ފަރާތްތަކަށް ފޯރުކޮށް ދިނުން ކަމަށް ދައުވާގައި ބުނާއިރު މަޑިޝަންކަރު އެކަމަށް އެއްބަސްވެގެން އެ ހަމަލާދޭން ރާއްޖެ އައީ ކަމަށް ދައުވާގައިވެ އެވެ.

ބަޑި ޖަހައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ އަދީބަށް ދައުވާ ކުރާއިރު ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލާގައި އޭނާ ޖަލަށްލާން ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެކި މައްސަލަތަކާ އެކު ޖުމްލަ 33 އަހަރުގެ ހުކުމެއް އޭނާއަށް މިހާރު އައިސްފައިވާއިރު އިތުރު މައްސަލަތަކެއް ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.