Roadha Mihaaru
ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް ބިލު ބަދަލުކޮށްފި

ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް ކޮމިޓީން ބިލު ބަދަލުކޮށްފި

03 ސެޕްޓެމްބަރ 2019

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ބަދަލުކޮށްފަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ބަދަލުކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ބިލް، އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި އިރު، ބިލަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެންމެ ބޮޑު ބަދަލަކީ ޔަޒީދުގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑު އަލުން އެކުލަވައިލަން ހިމަނާފައި އޮތުމެވެ.

ކޮމިޓީން ގެނައި އެންމެ ބޮޑު ބަދަލަކީ ބިލަށް އަމަލު ކުރާ ތާރީޚުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ބޯޑަށް އާ މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ނިންމުމެވެ. މި ބިލް މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު އޮތީ ޔަޒީދާއި މީރާގައި ތިއްބެވި ބޯޑުގެ މެމްބަރުން ވަކިވާ ގޮތަކަށް ނޫނެވެ.

އިސްލާހުގައި ވަނީ ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ވާނެ ކަމަށެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަކަށް މިހާރު ހުންނެވީ ހަސަން ޒަރީރެވެ.

ބިލްގައިވާ ގޮތުން، މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ މީހަކާއި ރައީސް އައްޔަން ކުރާ ފަސް މެމްބަރުންނާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. އެކަމަކު، އެ މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން މީރާގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އެގޮތުން، އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލާ މީހުންގެ ނަންތައް ފޮނުވައި މަޖިލިހުން ރުހުން ހޯދަން ވާނެ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.

ބިލްގައި ވަނީ މީރާގެ އެންމެ އިސް ދެ މަގާމުގައި ތިއްބަވާ ބޭފުޅުން ވަކިކުރެވޭނެ އުސޫލުތައް ބަދަލުކޮށްފަ އެވެ. މިހާރު އޮންނަ ގޮތުން ކޮމިޝަނަރުގެ މަގާމުން ވަކި ކުރުމަށް ރައީސް އަށް ފެނިއްޖެ ހާލަތެއްގައި މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރެވިދާނެ އެވެ.

އިލްޔާސް ހުށަހެޅުއްވި އިސްލާހުގައިވާ ދެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވި ކަމަށް ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ކަމަށް ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް މަޖިލީހުގެ ކޮމިޓީއަށް ފެނިގެން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅިދާނެ އެވެ.

ކޮމިޓީން ބިލަށް ބަދަލުތަކެއް ގެނައި ނަމަވެސް، ބިލް ފާސް ކުރެވޭނީ މަޖިލިހުގެ ތަޅުމުގައި ވޯޓަކަށް ގޮސްގެންނެވެ. ވޯޓަކަށް ދިއުމުގެ ކުރިން ތަޅުމުގައި މެމްބަރުންނަށް އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ބެލެވޭ ގޮތުގައި އެ ބިލަށް މަޖިލިހުގެ ތަޅުމުގައި އިސްލާހު ހުށަހަޅާނެ އެވެ.