ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ރައްޔިތުން ކަންބޮޑުވާ ވަރުގެ ކަމެއް ނޯންނާނެ ކަމަށާއި އެ ބިލުގައި ބޮޑެތި ހައްގުތަކެއް ހިފަހައްޓާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފް ރޭ ވިދާޅުވެއްޖެ އެވެ.
17 ސެޕްޓެމްބަރ 2019
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ރައްޔިތުން ކަންބޮޑުވާ ވަރުގެ ކަމެއް ނޯންނާނެ ކަމަށާއި އެ ބިލުގައި ބޮޑެތި ހައްގުތަކެއް ހިފަހައްޓާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އަފީފް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހައްގުތައް ހިފަހައްޓާފައިވާ ވަރަށް ވެސް، މި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ޓެރަރިޒަމްގެ ބިލުގައި ހައްގުތައް ހިފަހައްޓާފައި ނުވާނެ ކަމަށެވެ. ޓެރަރިޒަމްގެ އަމަލުތަކަކީ އާދައިގެ ކުށްތަކަކަށް ނުވާ އިރު، އެފަދަ ކުށްތައް ކުރުމުގެ ކުރިން ހުއްޓުވުމަށް ގައުމުތަކުގައި ބައެއް އަސާސީ ހައްގުތައް ހިފަހައްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމުގެ ސަލާމަތާއި ރައްޔިތުންގެ މުދަލާއި ފުރާނަ އާއި އިގްތިސާދީ މަސްލަހަތުތަކަށް ގެއްލުންވާ ގޮތަށް ހަމަލާތައް ދިނުމާ ގުޅޭ ކުށްތަކުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ،" ޓެރަރިޒަމްގެ ބިލްގައި ބައެއް ހައްގުތައް ހަނިކޮށްފައިވާ ކަން އެއްބަސްވެވަޑައިގެން ހުންނަވައި އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވި ގޮތުގައި ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިވެފައި އޮތް މިންވަރަށް ބަލާ އިރު، އެ ނުރައްކަލާ ކުރިމަތިލުމަށް ކޮންމެހެން ވެސް ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރުން މުހިންމެވެ.
ސަރުކާރަށް މި ވަގުތު ގަބޫލު ކުރެވެނީ މި ބާވަތުގެ އިސްލާހުތަކެއް ގެނެސްގެން ނޫނީ ރާއްޖެ އަށް ކުރިމަތިވެފައި އޮތް ޓެރަރިޒަމްގެ ނުރައްކަލުން އަޅުގަނޑުމެންނަށް ސަލާމަތެއް ނުވެވޭނެ،" އަފީފް ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅީ ޓެރަރިޒަމްގެ ހާލަތު ބެލުމަށް ފަހު، ކޮންމެހެން ގެންނަން ޖެހޭ ބަދަލުތަކަށްވީމަ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
ބިލުން މިސާލު ނަންގަވައި އަފީފް ވިދާޅުވީ ބޭރު ދުނިޔޭގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުންނާ މެދު އަމަލު ކުރާނެ ގޮތެއް ޓެރަރިޒަމްގެ ގާނޫނުގައި ނެތް ކަމަށެވެ. އެކަމަކު، މަޖިލިހަށް ހުށަހެޅި އިސްލާހު އޮތީ ރިހިބިލިޓޭޓް ކުރެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ ބިލުން ޓެރަރިޒަމްގެ ކުށް ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށާއި ކުރީގައި ގާނޫނު އޮތް ގޮތުން ސިޔާސީ ޕޯޑިއަމްގައި ނުވަތަ އެއްވުމެއްގައި ދައްކާ ވާހަކައަކުން އެމީހަކު ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ ގޮތަށް އޮތް ނަމަވެސް، ބިލުން އެކަން މަނާވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުޒާހަރާއަކުން ނުވަތަ އެއްވުމަކުން ނަގާ މީހަކު ވެސް ޓެރަރިޒަމްގެ ދައުވާ އެބަ ކުރެވޭ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނޭ ކިޔާފައި. އެހެން މިހާރަކު ނުވާނެ. އެއްވެސް މީހަކު ޕޯޑިއަމްގައި ދައްކާ ވާހަކައަކުން ޓެރަރިޒަމްގެ ކުށުގެ ތެރެއަށް ނުވެއްދޭނެ. އެއްވުމުގެ ތެރޭގައި މީހަކު ކުރާ ކަމަކުން، ޓެރަރިޒަމްގެ ތުހުމަތުކޮށް ބަންދެއް ނުކުރެވޭނެ،" އަފީފް ވިދާޅުވި އެވެ.
އަފީފް ސިފަ ކުރެއްވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޓެރަރިޒަމްގެ ގާނޫނު ބޭނުން ކުރީ ސިޔާސީ ބޭފުޅުން ޖަލަށްލުމަށް ބޭނުން ކުރި ހަތިޔާރެއްގެ ގޮތުގަ އެވެ. ޓެރަރިޒަމްގެ ބިލުން އެކަން ވެސް އެއްކޮށް ނިމިގެން ދާނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
މީގެއިތުރުން އަފީފް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރެވޭނެ ހާލަތްތަކެއް ފުލުހުންނަށް ލިބިދީފައި އޮތް އިރު، އާދަޔާ ހިލާފު ބޮޑެތި ބާރުތަކެއް ފުލުހުންނަށް ބިލުން ލިބިނުދޭ ކަމަށެވެ. އަދި ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ހަމައެކަނި ލިބިދެނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މި ހިނދުން މިހިނދަށް ގެންނަން ޖެހޭ ބިލެއް،" ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ސަރުކާރު ހުށަހެޅި ބިލް ދިފާއު ކުރައްވައި އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ ތަހުގީގު ކުރިއަށްދާ އިރު، ގާނޫނީ ވަކީލުންނާ އެކީގައި ކުރިއަށް ދިއުމަށް ބިލުން ހުރަސް ނާޅާނެ ކަމަށެވެ.
އެކަމަކު، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެފައި އޮންނަ ދަނޑިވަޅުގައި އެކަމުން ސަލާމަތްވުމަށް ކުރަން ޖެހޭ މަސައްކަތަށް ހުރަސް އެޅިދާނެ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ ހާލަތުގައި އެކަހެރި ބައްދަލުވުން ދިނުން މަނާ ކުރުމަކީ ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.
"އެ ހައްގު ދިނުމުގެ ސަބަބުން އާންމުންނަށް ނުރައްކާ ބޮޑުވެއްޖެ ނަމަ، މިކަހަލަ ކުށްތަކުގައި މި ކަހަލަ ހައްގުތައް ލިމިޓްކޮށްލުމަކީ ނުކުރެވޭނެ ކަމެއް ނޫން،" އަފީފް ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޚިޔާލު ފާޅުކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.
އާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެހެން ބަދަލުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކަފާލާތުގެ ދަށުން ބަންދުން ދޫނުކުރެވޭ ގޮތަށް ކަނޑައެޅުމުގެ އިތުރުން ޓެރަރިޒަމްގެ ބައެއް ކުށްތައް ސާބިތުވާ މީހުންގެ އަދަބު ލުއިކޮށް އަދި މާފުނުދެވޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ.
ޝަރީފާއި އަފީފްގެ ނަޒަރުން، ޓެރަރިޒަމްގެ ބިލް
ޓެރަރިޒަމްގެ މައުލޫމާތު ސިއްރު ކުރުން ކުށަކަށް ހަދަނީ!
ފުލުހުންނަށް ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް ފާސްކޮށްފި
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ
ގާނޫނު ބޭނުންކޮށްގެން ބޭނުން އެއްޗެއް ނަހަދާނެ: ޣަފޫރު
ހަނގުރާމަވެރިން ބަންދުކުރަން ވަގުތީ މަރުކަޒުތައް ހަދަނީ
ހަރުކަށި ފިކުރުގެ މީހުންގެ އަތް ބަންނަންޖެހޭ: ހުސެއިން
ހަރުކަށި ފިކުރާ ގުޅެނީ މުޖުރިމުން: އާދަމް ޝަރީފް
މެމްބަރުންގެ ރުޅިގަނޑު ހަރުކަށި މީހުންނަށް!
އަނދިރި ދައުލަތަށް ދީލާލަދިޔަ ދީގެން ނުވާނެ: އީވާ