Roadha Mihaaru
ޓޫރިޒަމް ކުރިއެރީ ދިވެހިންގެ ހިނިތުންވުމާ ހެދި:ފައިސަލް

ރާއްޖޭގެ ޓޫރިޒަމް ކުރިއެރީ ދިވެހިންގެ ހިނިތުންވުމާ ހެދި: ނައިބު ރައީސް

26 ސެޕްޓެމްބަރ 2019

ރާއްޖޭގެ ޓޫރިޒަމް ކުރިއެރީ، ދިވެހިންގެ ހިނިތުންވުމުގެ ސަބަބުން ކަމަށާއި ދިވެހިން މި ދޭ މެހެމާންދާރީ މިގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ޓޫރިސްޓުންނަށް ދޭންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ވ. ތިނަދޫން ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ޓޫރިޒަމް ކުރިއެރީ، ދިވެހިންގެ ހިނިތުންވުމުގެ ސަބަބުން ކަމަށާއި ދިވެހިން މި ދޭ މެހެމާންދާރީ މިގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ޓޫރިސްޓުންނަށް ދޭންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ވ. ތިނަދޫގައި ބޭއްވި "ޖަޒީރާ ކެނޯ ރޭސް" ފެށުމުގެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ރާއްޖޭގެ ތިމާވެއްޓާ ގުދުރަތީ ރީތި ކަމަށް ވުރެ، ދިވެހިންގެ މެހެމާންދާރީ އަކީ، މުޅި ދުނިޔެ އަށް ރާއްޖެ ރީތިވުމުގެ އެންމެ ބޮޑު ސިއްރު ކަމަށެވެ. ފައިސަލް ވިދާޅުވީ، މިކަން މިހެން އޮތް ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ރާއްޖޭގެ ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ އެއްޗެއް ބީވެގެން ނުދަނީސް އަޅުގަނޑުމެން އެކަމާ ދޭތެރޭ ވިސްނާ އެކަމަށް ފިޔަވަޅުތައް އަޅަން ޖެހޭ ބަޔަކަށް ވާން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، މީގެ 27 އަހަރު ކުރިން އެމަނިކުފާނު މަސައްކަތް ކުރެއްވީ "ރިސޯޓު ބޯއި" އެއްގެ ގޮތުގައި ކަމަށާއި މި މުއްދަތުގައި މި ދާއިރާ އަށް އައިސްފައިވާ ކުރިއެރުން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.

ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރަނީ، ކުޑަ އަތޮޅެއް ބޮޑު އަތޮޅެއް ތަފާތު ނުކޮށް، ރާއްޖޭގެ ރައްޔިތުންނަށް އެއް ހަމައެއްގައި ހިދުމަތްތައް ހޯދައިދިނުން ކަމަށް އެމަނިކުރާނު ވިދާޅުވި އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު ވައުދު ކަމުގައި ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، ރާއްޖޭގެ އެންމެ އާބާދީ ކުޑަ އަތޮޅުތަކުގައި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތާ ގުޅޭ ދުވަސް ފާހަގަކުރުމަކީ އޭގެ މިސާލެއް ކަމަށެވެ.

"އެއީ ސިޔާސީ މަސައްކަތްތަކަށް ވިޔަސް، އިޖްތިމާއީ މަސައްކަތްތަކަށް ވިޔަސް، އިގްތިސާދީ މަސައްކަތްތަކަށް ވިޔަސް އެކަންކަން ކުރާނީ، ހަމަހަމަ ގޮތެއްގައި. އެކުއެކީގައި. ޖެންޑާ ބެލެންސް އަދި ޖެންޑާ އީކުއަލިޓީއަކީ އެއީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް،" އޭނާ ވިދާޅުވި އެވެ.

މިއަދު ވޯލްޑް ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ވ. އަތޮޅުގައި ފެށީ ޖަޒީރާ ކެނޯ ރޭހުންނެވެ. މި ހަރަކާތުގެ އިތުރުން ވެސް ކުރިއަށް އޮތް ދެ ދުވަހުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވެ އެވެ. އެގޮތުން ހުކުރު ދުވަހު ޖޮބް ފެއާއެއް މާލޭގައި އޮންނާނެ އެވެ.