Roadha Mihaaru
ސިޓީބިޓީއެއް ނޫން، ސޯޝަލް މީޑިއާ!

ސިޓީބިޓީއެއް ނޫން، ސޯޝަލް މީޑިއާ!

29 ސެޕްޓެމްބަރ 2019

ސޯޝަލް މީޑިއާގެ ބާރު ރާއްޖޭގައި ވެސް ގަދަކަން އެނގޭ އެތައް ކަމެއް ދިމާވެ އެވެ. ދައުލަތުގެ މުއައްސަސާތަކަށް ސިޓީބިޓީ ފޮނުވައިގެން، އޭގެ ޖަވާބު ހޯދަން ހިނގާތާ އެތައް ދުވަހެއް ވާއިރު ޖަވާބު ނުލިބުނަސް، ސޯޝަލް މީޑިއާގައި އެވާހަކަ ފަތުރާލާ ހިސާބުން ކަމާ ބެހޭ މުއައްސަސާތަކުން ޖަވާބުދާރީވާން ފަށަ އެވެ. ސޯޝަލް މީޑިއާގައި ހަމަ އެއްޗެއް ބުނެލާ އިރަށް އެއަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ތެޅިގަންނަގަތުމާ މެދު އެކި މީހުންގެ ހިޔާލު ތަފާތެވެ. މުއައްސަސާތަކުން ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި ސޯޝަލް މީޑިއާ އިން ކަމެއް ސަމާލުކަމަށް ގެނައިމާ ނޫން ކަމަށް، އެތައް ބަޔަކު ގަބޫލުކުރެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސޯޝަލް މީޑިއާގެ ބާރު ރާއްޖޭގައި ވެސް ގަދަކަން އެނގޭ އެތައް ކަމެއް ދިމާވެ އެވެ. ދައުލަތުގެ މުއައްސަސާތަކަށް ސިޓީބިޓީ ފޮނުވައިގެން، އޭގެ ޖަވާބު ހޯދަން ހިނގާތާ އެތައް ދުވަހެއް ވާއިރު ޖަވާބު ނުލިބުނަސް، ސޯޝަލް މީޑިއާގައި އެވާހަކަ ފަތުރާލާ ހިސާބުން ކަމާ ބެހޭ މުއައްސަސާތަކުން ޖަވާބުދާރީވާން ފަށަ އެވެ. ސޯޝަލް މީޑިއާގައި ހަމަ އެއްޗެއް ބުނެލާ އިރަށް އެއަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ތެޅިގަންނަގަތުމާ މެދު އެކި މީހުންގެ ހިޔާލު ތަފާތެވެ. މުއައްސަސާތަކުން ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި ސޯޝަލް މީޑިއާ އިން ކަމެއް ސަމާލުކަމަށް ގެނައިމާ ނޫން ކަމަށް، އެތައް ބަޔަކު ގަބޫލުކުރެ އެވެ.

އަހްމަދު އަޝްރަފް (ޝުމްބާ) އަކީ ސޯޝަލް މީޑިއާގައި ސިޔާސީ ހަރަކާތްތެރިއެކެވެ. ޓްވިޓާ ފަދަ ވަސީލަތްތަކުގެ ބާރު އޭނާއަށް ރަނގަޅަށް އެނގެ އެވެ. އަދި އޭނާ ފަތުރާ ސިޔާސީ އަޑުތަކުގެ އިތުރުން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ބައެއް ކަންކަން ގެންނަން އޭނާ ލައްވާ މެސެޖް ބޭރުކުރަން ބައެއް މީހުން އެދެމުން ވެސް ދެ އެވެ.

"ރަސްމީ ގޮތުން ސިޓީ ލައިގެން ހިނގާހިނގާ ޖަވާބު ނުލިބިގެން، ސޯޝަލް މީޑިއާގައި މައުލޫމާތު ހިއްސާކުރަން މީހުން އެދެނީ،" ޝުމްބާ ބުންޏެވެ.

"އާއްމު މަސްލަހަތު ހިމެނޭ ކަންކަމުގައި މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނަން ވެސް މިހާރު ގިނަ ބަޔަކު އިޚްތިޔާރު ކުރަނީ ސޯޝަލް މީޑިއާ."

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވެސް އެގޮތަށް ގަބޫލުކުރައްވަ އެވެ. އެކަމަކު އޭނާ ވިދާޅުވީ މައްސަލަތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނީ ހަމައެކަނި ސޯޝަލް މީޑިއާއިން އެކަމެއްގެ ވާހަކަ ފެތުރުމުން ނޫން ކަމަށެވެ.

"ސޯޝަލް މީޑިއާގައި ވެސް މުއައްސަސާތަކުން، އެއީ ސަރުކާރުގެ މުުއައްސަސާއެއް ނުވަތަ މިނިވަން މުއައްސަސާއެއް ކަމަށް ވިޔަސް، ޖަވާބުދާރީ ވުން އެއީ ރަނގަޅު ކަމެއް. އެކަމަކު މައްސަލައަކީ ރަސްމީކޮށް މީހުން ހުށަހަޅާ ކަންތައްތަކަށް، ސިޓީ ބިޓީއަށް ޖަވާބުދާރީ ނުވުން،" އޭނާ ވިދާޅުވި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަވްތާ ރަޝީދު ވިދާޅުވީ ރަސްމީކޮށް ސިޓީ ލައިގެން ޖަވާބު ނުލިބުމުގެ ޝަކުވާ އޭނާގެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ވިދާޅުވީ ސްޓޫޑެންޓް ލޯނާ މެދު އުފެދުނު ޝަކުވާތަކާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދަރިވަރުން ލީ ސިޓީތަކަށް ޖަވާބު ނުލިބުނު މައްސަލަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު. ފައިލް ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު. ފައިލް ފޮޓޯ/މިހާރު

"އެންމެ ފަހުން އަޅުގަނޑު އެތައް މަސައްކަތެއް ކޮށް ރައީސުލް ޖުމްހޫރިއްޔާއާ ހިސާބަށް މައްސަލަ ގެންގޮސްގެން ޖަވާބު ހޯދަން ޖެހުނީ،" އޭނާ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ "ގެއްލުނު" ކުޑަކުއްޖާގެ މައްސަލައިގައި ފުލުހުންގެ ބަހެއް ނޫސްވެރިންނަށް ނުލިބިގެން ނޫސްވެރިން އެތައް ފަހަރަކު ފުލުހުންގެ ރަސްމީ ޗެނަލުން މައުލޫމާތު ހޯދަން ސުވާލުކުރި އެވެ. އެކަމަކު ރަސްމީ މީޑިއާތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ޕޮލިސް ކަމިޝަނާ މުހައްމަދު ހަމީދު ޖަވާބު ދެއްވީ ސޯޝަލް މީޑިއާގަ އެވެ. ކުޑަކުއްޖާގެ މައްސަލާގައި ޖޫން 20 އިން ފެށިގެން ނޫސްވެރިން ގެންދިޔައީ ފުލުހުންނާ ގުޅަމުންނެވެ. ފުލުހުން ހަމަ އެއްވެސް އެއްޗެކޭ ނުބުނެ މައުލޫމާތު ސިއްރުކުރީ އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ ރަސްމީ ގޮތުން ހުށައަޅާ ކަންކަމަށް ރަސްމީ އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ޖަވާބު ނުދިނުމަކީ އޭނާގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އެ ދާއިރާގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެކި މިނިސްޓްރީތަކަށް ފޮނުވާފައިވާ ގިނަ ސިޓީތަކަކަށް ޖަވާބު ނުލިބި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ހުރިހާ މައްސަލަތަކެއްގެ ތަފްސީލު ސޯޝަލް މީޑިއާއަށް ދޫނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ފިއްޓޭ ދެކެވަޑައިގަންނަވާ ގޮތުގައި، ދައުލަތުގެ އިދާރާތަކުން ކަންކަމުގައި އަވަސް ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އާންމުންގެ ތެރޭގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް، ބަހުސެއް ފެށުމުގެ ކުރިން، މައްސަލައިގެ ތެރެއަށް ކަމާ ބެހޭ ފަރާތްތަކުން ވަންނަން ޖެހޭނެ ކަމަށް ފިއްޓޭ ގަބޫލުކުރައްވަ އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ކޮންމެ ކަމެއް ސޯޝަލް މީޑިއާގައި ހިއްސާއެއްނުކުރެވޭނެ އެވެ. އެނޫން ގޮތް ގޮތަށް ވެސް ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

"މިސާލަކަށް އަޅުގަނޑަކީ ތައުލީމީ ދާއިރާގައި 35 އަހަރު އުޅެފައި ހުރި މީހެއް. އެހެންވީމާ ވަރަށް ބޮޑު އިހުތިރާމަކާއި ލޯތްބެއް އޮންނަ ދާއިރާއެއް އެއީ. ދެން އަޅުގަނޑު ކިހިނެއްތޯ ސޯޝަލް މީޑިއާގައި އެ ދާއިރާއާ ބެހޭ ގޮތުން ހުރިހާ ވާހަކައެއް ދައްކާނީ؟،" ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ޑިފެންސް މިނިސްޓަރުކަން ކޮށްފައި ހުރި މީހެއް، އެހެންވީމާ އެ ދާއިރާގެ ކަންކަމުގައި ވެސް އަޅުގަނޑު ބޭނުންވާނީ ކަންބޮޑުވުމެއް އޮތަސް ރަސްމީކޮށް ހިއްސާކޮށް ޖަވާބުތަކެއް ހޯދަން."

ޝަރީފް ވިދާޅުވީ ގައުމީ މުގައްރަރަށް ގެންނަ ބަދަލާ މެދު ހުރި ކަންބޮޑުވުންތަކެއް، އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ފަރާތުން އެޑިއުކޭޝަން މިިސްޓަރާ ހިއްސާކުރަން އެޕޮއިންޓްމެންޓަކަށް އެދުނުތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. ނަމަވެސް އަދި ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ މިހާރު އޮތް މުގައްރަރު އެކުލަވައިލުމުގައި އިސްކޮށް މަސައްކަތްކުރި މީހެއް. އެހެންވީމާ އަޅުގަނޑުމެންނަށް އެކަމުގައި ޚިޔާލު ދެވޭނެ ކަމަށް ގަބޫލުކުރެވޭތީ އަޅުގަނޑު އިސްވެ ހުރެ މި އެދުނީ ވެސް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް، ބައެއް މީހުން، ބޮޑެތި ކަންކަމުގެ ވާހަކަ ވެސް ތިލަކޮށްލަނީ، ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި އަޅާލުން ނެތީމާ ކަމަށް ބެލެވެ އެވެ.

އެކަމަކު ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކަމިޝަނަރު އަބްދުﷲ ރިޔާޒްގެ ޚިޔާލު ތަފާތެވެ. އޭނާ ވިދާޅުވީ ޖަވާބުދާރީ ނުވުމުގެ މައްސަލައެއް އޭނާއަށް ކުރިމަތިނުވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގޭ ޖަވާބުދާރީ ނުވާކަމެއް. އަޅުގަނޑުގެ ހުރިހާ ރިކްއެސްޓަކަށް ޖަވާބު ލިބޭ. އަޅުގަނޑުގެ ދާއިރާއަކުން ވެސް ނާދޭ ޝަކުވާއެއް،" ރިޔާޒު ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދައްކަވަނީ އަދި މުޅިން އެހެން ވާހަކައެކެވެ. ސޯޝަލް މީޑިއާގައި އެމްޑީޕީގެ ހަރަކާތްތެރިންގެ "އުނދަގޫ" އޭނާއަށް ވަނީ ތަޖުރިބާކުރެއްވިފަ އެވެ. އެހެންކަމުން ވިދާޅުވީ "އެމްޑީޕީ ވެރިކަމަށް އައީ ވެސް ސޯޝަލް މީޑިއާގައި ވާހަކަ ފަތުރައިގެން" ކަމަށެވެ.

ސައީދަށް ސޯޝަލް މީޑިއާ ފެނިވަޑައިގަންނަވަނީ، "ނުސާފު" ގޮތަކަށެވެ.

"މީހުންގެ އަބުރު ކަތިލުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުމާ، މިކަހަލަ އެތައް ކަމެއް. ދެން އެހެންވީމާ ހައިރާންވާންވީ ކަމެއް ނޫން އެއީ. ސަރުކާރުން ސޯޝަލް މީޑިއާގައި އަވަހަށް ޖަވާބުދާރީ ވުން،" ރަސްމީ ގޮތުން ކަންކަން ހާމަކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާއާ، މިހާރުގެ ބައެއް ވެރިން ދޯޅުވުމާ ބެހޭ ގޮތުން، ސައީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިތުރުން ކައުންސިލްތަކުގެ ބައެއް ވެރިންނަށް ވެސް ސޯޝަލް މީޑިއާ ފެންނަނީ، ރަސްމީ ގޮތުން ކަމެއް ކުރުމަށް ވުރެ، މާ ފަސޭހަ ވަސީލަތެއްގެ ގޮތުގަ އެވެ. އެމްޑީީޕީގެ މެޖޯރިޓީ އޮންނަ ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވި ގޮތުގައި "ސަރުކާރުން ޖަވާބުދާރީ ވަނީ ސޯޝަލް މީޑިއާގަ" އެވެ.

"ސިޓީބިޓީއަށް އޮފީސްތަކުން ޖަވާބު ލިބުން އަދިވެސް ވަރަށް ލަސް،" އިބްރާހިމް ވިދާޅުވި އެވެ.

"ހަމަ ވަރަށް ލަސް އަޅުގަނޑުމެން ފޮނުވާ ސިޓީތަކަށް ޖަވާބު ލިބޭލެއް."

ރަސްމީ ގޮތުން އަޅާލުން ކުޑަވުން

އާންމުން ކަންބޮޑުވާ ކަންކަމަށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަން މިހާރު ބޮޑަށް ލިބެނީ ސޯޝަލް މީޑިއާގައި ކަމެއްގެ ވާހަކަ ބުނުމުން ކަމަށް، ބައެއް އާންމުން މީހުން ގަބޫލުކުރެ އެވެ.

"މިސާލަކަށް ނެއްލައިދޫގެ ފުޓްބޯޅަ ދަނޑު އެ ހަދަނީ. އެކަމަކު ޔޫތު މިނިސްޓަރު މަހްލޫފާ އެކީ ފޮޓޯއެއް ނަގާފައި ޓްވިޓާގައި ނޫނީ ފޭސްބުކްގައި އަޅުގަނޑު ނުޖަހައިފިއްޔާ ދާއިރާގެ މީހުން ގަބޫލެއް ނުކުރާނެ އެކަމާ އަޅުގަނޑު އުޅުނު ކަމަކަށް،" މެމްބަރު ފިއްޓޭ ވިދާޅުވި އެވެ.

ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި ޓީޗަރަކު ބުނީ މަޖިލީހުގެ މެމްބަރުންގެ ވިސްނުމަށް ސޯޝަލް މީޑިއާގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ސޯޝަލް މީޑިއާ ސިފަކުރީ "ބައެއް މީހުން ވިސްނަން ބޭންކުރާ ސިކުނޑީ"ގެ ގޮތުގަ އެވެ.

"މިހާރު ބައެއް މީހުން އެމީހުންގެ އަމިއްލަ ވިސްނުމުގެ ގާބިލުކަން ބޭނުމެއް ނުކުރޭ. ސޯޝަލް މީޑިއާއިން ފެންނަ މައުލޫމާތު ފަސޭހައިން ގަބޫލުކުރޭ. ތިމާގެ އަމިއްލަ ނަފުސުގައި ހުރި މައުލޫމާތަށް ވުރެ ވެސް އެބަ އިސްކަންދޭ މިހެން ފަތުރާ މައުލޫމާތަށް،"، ދޮގު މައުލޫމާތު ވެސް ތެދު އެއްޗެއް ކަމަށް ގަބޫލުކުރެވޭހާ ބޮޑަށް ސޯޝަލް މީޑިއާއަށް، މަޖިލިހުގެ ބައެއް މެމްބަރުން ހެއްލިވަޑައިގެންފައިވާކަން ދެއްކުމުގެ ގޮތުން އޭނާ ބުންޏެވެ.

ޝުމްބާ ގަބޫލުކުރާ ގޮތުގައި އެގޮތަށް އާންމުންގެ ވިސްނުން ބަދަލުވަނީ ރަސްމީ އިދާރާތަކުން އަމަލުކުރާ ގޮތުންނެވެ.

"ސިޓީއެއް ލީމާ ގިނަ ފަހަރަށް ވާ ގޮތަކީ މޭޒު މަތީގައި އެ ސިޓީ ނުކަނޑާ އެތައް ދުވަހެއް ވަންދެން އޮންނަނީ. ދެން މިހާރު މީހުންނަށް ގަބޫލުކުރެވެނީ އަވަހަށް ސޯޝަލް މީޑިއާއަށް ދޫކޮށްލީމައޭ މުއައްސަސާތަކުން އެކަމާ އުޅެނީ. އެއީ އާއްމުންގެ ސަމާލުކަމަށް ގެނައިމަ،" އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާއަށް އަރުވަން ކޮންމެ ދުވަހަކު ވެސް އެތައް ލިިއުމަކާއި ފޮޓޯތަކެއް ޝުމްބާމެން ކަހަލަ ހަރަކާތްތެރިންނަށް ލިބެ އެވެ.

ވަރަށް ކުޑަކުޑަ ކަންކަމުގެ ވާހަކަ ވެސް ސޯޝަލް މީޑިއާގައި ލިއެ އެވެ. މިސާލަކަށް ރަށު ކައުންސިލްގެ މެމްބަރެއް ކައިރީގައި ފޯނުން ބުނެލައި، ނުވަތަ ކައުންސިލަށް ވަދެލާފައި އަންގާލެވެން ހުންނަ ކަންކަން ވެސް ސޯޝަލް މީޑިއާގަ އެވެ.

"ބަނދަރު ދިގަށް އަޅާފައިވާ މި ދޯންޏާ ހެދި މީހުންނަށް އުނދަގޫ ނުވޭބާ؟ މިކަން ކައުންސިލަށް ނޭނގެނީތަ؟" މިފަދަ ޕޯސްޓްތައް ވެސް ފޭސްބުކުން ފެނެ އެވެ. އެގޮތަށް ޕޯސްޓްކުރާ މީހާއަށް އެ ދޯނީގެ ވެރިމީހާ ވެސް އެނގެ އެވެ. ކައުންސިލަރުން ވެސް ހަމަ ދެކެފަރިތަ އެވެ. އެކަމަކު ބޭނުންކުރަނީ ސޯޝަލް މީޑިއާ އެވެ.

"ތިއީ ވަރަށް ގިނައިން ދިމާވާ ކަމެއް. ހަމަ ވަރަށް ފަސޭހައިން އޮޅުން ފިލުވައިލެވެން އޮންނަ ކަމެއް ވެސް އޮޅުންފިލުވާ ނުލައި ލިޔެފާނެ ފޭސްބުކްގައި. އޭގެ ސަބަބުން މީހުންނަށް އެތައް އޮޅުމެއް އަރައި، ފިތުނަ އުފެދޭ،" ހުޅުދުއްފާރު ކައުންސިލްގެ ރައީސް އިބްރާހީމް ވިދާޅުވި އެވެ.

މައުލޫމާތު ފަތުރަން ޓެކްނޮލޮޖީގެ ބޭނުން ހިފުން ވަރަށް މުހިންމެވެ. ހެޔޮ ގޮތުގައި ބޭނުންކުރާ ނަމަ އެއީ ފައިދާ ބޮޑު ވަސީލަތްތަކެވެ.

"ފަސޭހައިން ކަންތައްތައް އެނގި ދުނިޔެ ކުޑަ އަވަށަކަށް ބަދަލުވެފައި މިއޮތީ މި ވަސީލަތްތަކުގެ ސަބަބުން ނޫންތޯ؟" މެމްބަރު ރަޝީދު ވިދާޅުވި އެވެ.

ރަސްމީ ގޮތުން ޖަވާބުދާރީ ނުވުން ކުށަކަށް!

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގައި ވެސް އިންނަވާ ރަޝީދަކީ މައުލޫމާތު ހާމަކުރަން ވަރަށް ބޮޑަށް ބާރު އަޅުއްވާ ބޭފުޅެކެވެ. އެ ކޮމިޓީއަށް ގިނަ މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިން ހާޒިރުކޮށް ސުވާލު ކުރުމަށް އެންމެ ބޮޑަށް ބާރު އެޅުއްވި އެއް މެމްބަރަކީ ވެސް އޭނާ އެެވެ.

"އަޅުގަނޑުމެންނާ ދިމާލަށް ބުނީ ކޮމިޓީން ސަރުކާރު ހިންގަނީއޭ. އެކަމަކު ހަގީގަތުގައި އަޅުގަނޑުމެން ކުރި ކަމަކީ ޖަވާބު ނުދީ އޮޅުން ފިލުވައި ނުދީ ހުރި ކަންތައްތަކަށް ޖަވާބު ހޯދުން. އެ ގޮތުން ހުންނާނެ ވަކިވަކި ފަރުދުންނަށް ޖަވާބު ނުދީގެން ހުށަހެޅި މައްސަލަތައް ވެސް،" އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ މުއައްސަސާތައް ޖަވާބުދާރީ ކުރުވާނެ ނިޒާމެއް މަޖިލީހުން ގާއިމްކުރާނެ ކަމަށެވެ. އެއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރާނެ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މި ދައްކަނީ ސަރުކާރުގެ ވާހަކަ އެކަންޏެއް ނޫން. ތިން ބާރުން ވެސް، ހުރިހާ ދާއިރާއަކުން ވެސް ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ޖަވާބުދާރީ ވުމަކީ، ރަޝީދު ގަބޫލުކުރައްވާ ގޮތުގައި، އުނދަގޫ ކަމެއް ވެސް ނޫނެވެ. ބައެއް ކަންކަމަށް ޖަވާބުދާރީވުން ތަންކޮޅެއް ލަސްވިޔަސް، އޭނާ ވިދާޅުވީ، މީހުން "ވާނުވާ"ގައި ބައިތިއްބައިގެން ނުވާނެ ކަމަށެވެ.

"ހަމައެކަނި ސޯޝަލް މީޑިއާގައި ނޫން އަވަހަށް ޖަވާބުދާރީ ވާން ޖެހޭނީ. ރަސްމީ ގޮތުން ޖަވާބުދާރީ ވުން ލަސްކުރުމަކީ ކުށަކަށް ހަދާނަން އަޅުގަނޑުމެން،" ރަޝީދު ވިދާޅުވި އެވެ.