Roadha Mihaaru
ހާދަ ދެރައޭ! ދިވެހިންގެ ހިތް ހަލާކުވަނީ!

ހާދަ ދެރައޭ! ދިވެހިންގެ ހިތް ހަލާކުވަނީ!

30 ސެޕްޓެމްބަރ 2019

އެ ވާހަކަ ދައްކަވާ ދައްކަވާ އަހުމަދު އަފްއާލް ވަރުބަލި ވާހާ ދުވަސް ވެއްޖެ އެވެ. އެކަމަކު މިއަދު ވެސް، ކޮންމެ ދިމާލަކުން ކަހަލަ ގޮތަކަށް، އޭނާއަށް ފެނިވަޑައިގަންނަވަނީ ދުންފަތުގެ ދުމެވެ. އެއާ އެކު އަފްއާލަށް ވިދާޅުވެވެން އޮތީ "ދިވެހިންގެ ހިތްތައް ބަލިކަށިވެއްޖެ" ކަމަށެވެ. އޭގެ އެންމެ ފަހު ނަތީޖާއަކީ، އަފްއާލް ވިދާޅުނުވިޔަސް، އެންމެންނަށް ވެސް އެނގޭނެ ފަދައިން، ފުރާނަ ގެއްލުމެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެ ވާހަކަ ދައްކަވާ ދައްކަވާ އަހުމަދު އަފްއާލް ވަރުބަލި ވާހާ ދުވަސް ވެއްޖެ އެވެ. އެކަމަކު މިއަދު ވެސް، ކޮންމެ ދިމާލަކުން ކަހަލަ ގޮތަކަށް، އޭނާއަށް ފެނިވަޑައިގަންނަވަނީ ދުންފަތުގެ ދުމެވެ. އެއާ އެކު އަފްއާލަށް ވިދާޅުވެވެން އޮތީ "ދިވެހިންގެ ހިތްތައް ބަލިކަށިވެއްޖެ" ކަމަށެވެ. އޭގެ އެންމެ ފަހު ނަތީޖާއަކީ، އަފްއާލް ވިދާޅުނުވިޔަސް، އެންމެންނަށް ވެސް އެނގޭނެ ފަދައިން، ފުރާނަ ގެއްލުމެވެ.

އިއްޔެ ރާއްޖޭގައި ވެސް "ހިތުގެ ދުވަސް" ފާހަގަކޮށްފި އެވެ. ދެ އަތުގެ އިނގިލިތަކުން ހިތެއްގެ ނިޝާން ފެންނަ ގޮތަށް ނެގި ފޮޓޯތަކުން ފެށިގެން، ސްކޫލްތަކުގެ އެސެމްބްލީގައި ދަރިވަރުން ލައްވާ ރަތް ކުލައިގެ ހިތެއްގެ ބައްޓަމަން އެތުރުމާ ހަމައަށް، ސޯޝަލް މީޑިއާ ބަންޑުންވީ، ހިތާ ގުޅޭ މަންޒަރުތަކުންނެވެ.

ސުވާލަކީ ހިތުގެ ދުވަސް ފާހަގަކޮށްފައި، ފޮޓޯކޮޅެއް ނަގާފައި، ސޯޝަލް މީޑިއާގައި ލައިކްސްތަކެއް ހޯދުމުން ހުރިހާ ކަމެއް ނިމުނީ ހެއްޔެވެ؟ ނުވަތަ ދިވެހިންގެ "ބަލިކަށިވެފައި އޮތް ހިތަށް" ސިއްހީ ގޮތުން ރަނގަޅު ދިރުމެއް ގެނެވުނީ ހެއްޔެވެ؟

ސިއްހީ ބައެއް ތަޖުރިބާކަރުން ބުނާ ގޮތުގައި ހިތުގެ ދުވަސް ފާހަގަކުރުމަކުން ހިތްތައް ވަރުގަދައެއް ނުވާނެ އެވެ. އޭގެ ބަދަލުގައި އެ ދުވަހު ކަނޑައަޅާ އަޒުމްތަކާ އެކު، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް، އަމަލީ ގޮތުން ރަނގަޅު އާދަތައް އަށަގަންނުވަންވީ އެވެ.

މާލޭގެ އާބާދީ ބޮޑެވެ. އެކަމަކު ކަސްރަތުކުރާ މީހުން، އާބާދީގެ ނިސްބަތުން ގިނަ ކަމަކަށް ނުބެލެވެ އެވެ. ހުޅުމާލެ ފަދަ އާބާދީ 30،000 އަށް އަރާފައިވާ އަވަށްތަކުގައި ވެސް ސިއްހީ ފައިދާއަށް، ހިނގާ އަދި ދުވާ މީހުން ފެންނަނީ އެހާ މަދުކޮށެވެ. ހިލޭ ބޭނުންކުރެވޭ ގޮތަށް ހުރި ރީތި މަގުތަކާއި ޕާކްތަކަށް ނުކުންނަ މީހުން މަދު ނަމަ، ކުދިކުދި ޖިމްތަކަށް، ގަވާއިދުން ދާ މީހުންގެ އަދަދު އެހާ މަތިވާނެ ކަމަކަށް، އެއް ބަޔަކު ނުދެކެ އެވެ.

ހަރަކާތްތެރި ދިރިއުޅުމެއްގެ މަތިން ގިނަ މީހުން ހަނދާން ނައްތާލައިފަައިވާ އިރު، އަފްއާލް އަށް ދެއްކެވެން އޮތި އަދި މުޅިން އެހެން ވާހަކައެކެވެ.

""ދުންފަތުގެ ދުމަށް ހުށަނޭޅޭ މީހަކު ނެތް. މަގުމަތީ ދުންފަތުގެ އިސްތިއުމާލު ކުރާތީ ސިނގިރޭޓް ނުބޯ މީހުންނަށް ވެސް ދުމުގެ އަސަރު ކުރޭ. މީހުން އެއްވެ އުޅޭ ތަންތަނުގައި އެކަން އެބަ ކުރޭ. ޅަ އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އިތުރު،" ހެލްތު މިނިސްޓްރީގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރެއްވި އަަދި މިހާރު އޭޑީކޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަފްއާލް ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކަ އެހެން ގޮތަކަށް ނަގަމާ ހެއްޔެވެ؟ ސިނގިރޭޓް ނުބޮއި އެތައް ބަޔަކު މަގުތަކުގައި ހިނގާފައި ދަނިކޮށް އެއްކަހަލަ ދުންތައް ދޫކުރާ މީހާ އެ ހަލާކުކޮށްލަނީ އެހެން މީހުންގެ ސިއްހަތެވެ. އޭގެ ތެރޭގައި ހިތް ވެސް ހިމެނޭނެ އެވެ.

އާންމު ތަންތަނުގައި، އޭގެ ތެރޭގައި މަގުތައް ވެސް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލްކުރުން މަނާކުރަން އަފްއާލް ކަހަލަ އެތައް ބަޔަކު މަސައްކަތްކުރެއްވި އެވެ. އެކަމަކު ގާނޫނުތައް އަބަދުވެސް ހަދަނީ، ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވިސްނުން ހުންނަ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށް ވާތީ، އަދި އެފަދަ ހަރުކަށި ބަޔަކު، ސިޔާސީ މަގާމުތަކަކަށް ނާދެ އެވެ. އެހެންކަމުން ސިޔާސީ މީހުންގެ ހިތްތަކާ އެކު، އާންމު، ކުށެއް ނެތް މީހާގެ ހިތް ވެސް ހަލާކުވާނެ ފަދަ އެތައް ކަމެއް ރާއްޖޭގައި އޮތީ ހުއްދަވެފަ އެވެ.

ދިވެހިންގެ މަރާ ގުޅޭ ކުޑަކުޑަ ތަފްސީލެއް

- 84 ޕަސެންޓް: ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ ދިވެހިންގެ ނިސްބަތް.

މާނަ: ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ސިއްހަތަށް ގެއްލުންދޭ ބަލިތަކެވެ. އޭގެ ތެރޭގައި ހާޓް އެޓޭކާއި ކެންސަރާއި ސްޓްރޯލް ފަދަ ހާލަތްތައް ހިމެނެ އެވެ.

- 36 ޕަސެންޓް: އެ 84 ޕަސެންޓްގެ ތެރެއިން ހިތާއި ލޭނާރުތަކާ ގުޅުން ހުރި ބަލިތަކުގައި މަރުވާ މީހުންގެ ނިސްބަތް

މާނަ: މިއީ ހާޓް އެޓޭކް ފަދަ ނުރައްކާތެރި ސިއްހީ ހާލަތްތަކެވެ. ހާޓް އެޓޭކް ޖެހިގެން ގިނަ ދުވަހު ސިއްހީ ގޮތުން ބަލިކަށި މީހެއްގެ ގޮތުގައި އުޅެން ޖެހިފައިވާ ކިތައްމެ ބަޔަކު ދިވެހިންގެ ތެރޭގައި ހިމެނެ އެވެ. އަދި ސްޓްރޯކް ޖެހި ވާވެފައިވާ އެތައް ބައެކެވެ.

އެކަމަކު ކިތައްމެ ވަރަކަށް މި އަދަދުތަކުން މައުލޫމާތު ފެތުރިޔަސް، ނުބައި އާދަތަކުގައި އުމުރު ހޭދަކުރާ ގިނަ މީހުންނަށް ލިބޭ މެސެޖެއް ނޯވެ އެވެ. އެހެންކަމުން ހިތުގެ މައްސަލަތަކާ މެދު ހޭލުންތެރިކުރުވުމާއި ފަސޭހަކޮށް ހުރި ކަންކަން އުނދަގޫކޮށް، މަނާކުރުމުގެ މަސައްކަތް، ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ޖެހެ އެވެ.

ބައިނަލްއަގުވާމީ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ އޮތް ހަރަކާތެއްގެ ތެރެއިން .---ފޮޓޯ: ސޯޝަލް މީޑިއާ

ބައިނަލްއަގުވާމީ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ އޮތް ހަރަކާތެއްގެ ތެރެއިން .---ފޮޓޯ: ސޯޝަލް މީޑިއާ

ގުދުރަތީ ގޮތުން ދިމާވާ ހާލަތްތައް

ދިރިއުޅުމުގެ ނުބައި އާދަތަކާ އެކު ހިތުގެ މައްސަލަތައް ގިނަވާ ފަދަައިން، ގުދުރަތީ ގޮތުން ހިތަށް ކުރިމަތިވާ ނުކުޅެދުންތެރިކަން ވެސް ރާއްޖޭގައި ފުދޭވަރަކަށް ގިނަ އެވެ. އެގޮތުން އުފަންވާ އިރު ހިތުގައި އުނިކަން ހުރެގެން ޓައިނީ ހާޓްސްގައި މިހާތަނަށް 585 ކުދިން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.

އުފެދުމުގައި ހިތުގެ އުނިކަން ހުންނަ ކުދިންގެ ހައްގުގައި މަސައްކަތްކުރާ ޓައިނީ ހާޓްސްގެ ޗެއާޕާސަން ޑރ. އަސީލް ޖަލީލް ވިދާޅުވީ ކުރިއާ ހިލާފަށް މިހާރު ރާއްޖޭގައި ތިބެގެން ވެސް ހިތުގެ ބައެއް މައްސަލަތަކަށް ވަގުތުން ފަރުވާ ދެވޭތީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވާ ކަމަށެވެ. އޭނާ އެ ފާހަގަކުރެއްވީ 2016 ގައި އައިޖީއެމްއެޗުގައި ހުޅުވި ނެޝަނަލް ކާޑިކް ސެންޓަރުގެ ހިދުމަތްތަކެވެ. އޭގެ ފަހުން މިދިއަ އަހަރު އޭޑީކޭގައި ވެސް ވަނީ ހިތުގެ ހާއްސަ ޑިޕާޓްމަންޓެއް އުފައްދައި، ޕައިޕާސް ކަހަލަ ހިތުގެ ބޮޑެތި އޮޕަރޭޝަންތައް ވެސް ކުރަން ފަށައިފަ އެވެ.

ޑރ. އަސީލް ވިދާޅުވި ގޮތުގައި ކުރިއާލައި، ހިތުގެ މައްސަލަ ފާހަގަކުރެވި، ފަރުވާ ލިބެން ހުރުމަކީ ވަރަށް ބޮޑު ފަސޭހައެކެވެ.

އައްޑޫ ހިތަދޫ ނޫރާނީ ސްކޫލްގައި އިއްޔެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ފޮޓޯއެއް

އައްޑޫ ހިތަދޫ ނޫރާނީ ސްކޫލްގައި އިއްޔެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ފޮޓޯއެއް

އެކަމަކު ދިވެހިންގެ ތެރޭގައި އޮތް ނުރަނގަޅު އާދަތަކާ މެދު އޭނާ ވެސް ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފަ އެވެ. ޑރ. އަސީލް ފާހަގަކުރެއްވި އެއް މައްސަލައަކީ "ކުޑަކުދިން ހަރަކާތްތެރިކޮށް ގެންގުޅޭވަރު މަދުވުމެ"ވެ.

"ސްކޫލް ކިތަންމެ ކައިރި ނަމަވެސް މިގެންދަނީ ވެހިކަލެއްގައި. ކުދިން ސްކްރިންތަކާ [ފޯނު، ޓެބްލެޓް، ކޮމްޕިއުޓަރު، ޓީވީ] ދުރުކޮށް ހަރަކާތްތެރި ކުރުވަން ޖެހޭ،" ޑރ. އަސީލް ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ ފަސޭހަތަކާ އެކު ގިނަ ބެލެނިވެރިން ދަރިންނަށް ދެނީ ޓެބްލެޓް ކަހަލަ އެއްޗިއްސެވެ. ޓީވީ ގޭމްތަކުގެ ފެންވަރު މަތިވެ، ޝައުގުވެރިކަން ބޮޑުކޮށްފައި ވާތީ، ގިނަ ވަގުތު ޓީވީ ދޮށުގައި ކުޅެނީ ގޭމެވެ. އެހެންކަމުން ހަރަކާތްތެރިކަމާ އެކު އުޅުމަށް ވުރެ ބޮޑަށް ގިނަ ކުދިންނަށް ތިބެވެނީ އިށީދެގެންނެވެ. ނުވަތަ އޮށޯވެގެންނެވެ.

ހަރަކާތްތެރިކަން ބޮޑު ދިރިއުޅުމާ އެކު ދެން ގެންނަން ޖެހޭ އަނެއް ބަދަލަކީ، ޑރ. އަސީލް ވިދާޅުވި ގޮތުގައި، ހަކުރު ގިނަ ބާވަތްތައް ކެއުން/ބުއިން ކޮންޓްރޯލްކުރުމެވެ.

"ޅަ އުމުރުގައި ހިތުގެ މައްސަލަތައް ދިމާވާނެ ތައްޔާރީ ކާނާތައް ކުދިންނަށް ގިނައިން ދިނުމުން ވެސް، ހަކުރު ހިމެނޭ ބުއިންތަކާއި ކެއުންތައް ދީގެން ވެސް،" ޑރ. އަސީލް ވިދާޅުވި އެވެ.

ބަދަލުވާން ޖެހެނީ މުޅި ނިޒާމް!

ހިތުގެ ދުވަސް ފާހަގަކޮށް، ނިންމާލިޔަސް، ފެންނަން އޮތް އަނދިރި މަންޒަރަކަށް ބަދަލެއް ނާދެ އެވެ. އެހެންކަމުން އަފްއާލް ގަބޫލުކުރައްވާ ގޮތުގައި، މި މައްސަލަ ހައްލުކުރެވެން އޮތީ "މުޅި ނިޒާމަށް ބަދަލުތަކެއް ގެނެސްގެންނެ"ވެ.

އޭނާ ވިދާޅުވަނީ ރަނގަޅަށެވެ. "ބަލިވީމާ ބޭސްކުރެވޭނެ ނޫންހޭ" ގިނަ މީހުން ބުނާ ބުނުން ހުއްޓާލަން ޖެހެ އެވެ. ބުނެލަން ފަސޭހަ އެ ޖުމްލަ މިހާރު ދޫކޮށްލަންވީ މާޒީއަށެވެ. މިވަގުތު ގިނަ ދިވެހިންގެ ހިތުގެ ސިއްހަތު ހުރީ އެހާ ސަމާސާ ފެންވަރަކު ނޫނެވެ. ކުއްލިއަކަށް އެ ޖެހެނީ ހާޓް އެޓޭކެވެ. ކުއްލިއަކަށް އެ ކުރިމަތިވަނީ ސްޓްރޯކެވެ.

"މިހާރު ބޭނުންވަނީ ކުރިއާލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ރަނގަޅު ވައްޓަފާޅިއަކަށް ދިރިއުޅުން ބަދަލުކޮށްލުން،" އަފްއާލް ވިދާޅުވި އެވެ. އެ ބަދަލަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 29، "ދުނިޔޭގެ ހިތުގެ ދުވަސް"ގެ ގޮތުގައި، ހަމައެކަނި ފާހަގަކޮށްލުމެއް ނޫނެވެ. ދެ އަތުގެ އިނގިލިތަކުން ކިތައްމެ ވަރަކަށް ވެސް ހިތުގެ ބައްޓަމަށް ސިފައެއް ގެނެވިދާނެ އެވެ. އެ ފޮޓޯ ސޯޝަލް މީޑިއާއަށް ވެސް ލެވިދާނެ އެވެ. އެކަމަކު ހަގީގީ ބަދަލަކީ އަދި އެ ދުވަހުން ލިބުނު ހަގީގީ މެސެޖަކީ، ތިމާގެ ހިތުގެ ސިއްހަތު ރަނގަޅުކޮށްލުމުގެ ފިޔަވަޅެވެ.