Roadha Mihaaru
އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި

އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި

30 ސެޕްޓެމްބަރ 2019

ލޯންޗެއްގައި ރޯވެ މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވެގެން ގެންދިޔަ ނުވަ މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯންޗެއްގައި ރޯވެ މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވެގެން ގެންދިޔަ ނުވަ މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.

މާލޭގެ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވީ، ބައުޒަރަކުން ތެޔޮ އަޅަމުން ދަނިކޮށެވެ. ބައުޒަރުގެ ހޮޅީގައި ރޯވެ ބައުޒަރާއި ލޯންޗުގައި ރޯވެ އަދި އެހެން ބައުޒަރުތަކެއްގައި ވެސް ރޯވީ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

މި ހާދިސާގައި ފިހުނީ ހަތް ދިވެހިންނާއި ދެ ބިދޭސީއެކެވެ. އެކަކު އައިސީޔޫގައި އޮތް އިރު ހަ މީހަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ދެ މީހަކު ފަރުވާ އަށް ފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ފިހުނު ބައެއް މީހުންގެ ފޮޓޯތަކުން ފެންނަ ގޮތުގައި ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހި ހަންތައް ނެއްޓިފައި ހުއްޓެވެ. އޭގެތެރޭގައި އަތާއި ފައިގެ އިތުރުން މޫނު ހިމެނެ އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފަރުވާދޭން ގެންދިޔަ އެކެއްގެ ފައި އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ.

މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް މި ހިނގީ، ކެމިކަލް ގުދަނެއްގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރޯވެ، ހަތް ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވެފައި ވަނިކޮށެވެ. ލޯންޗުގައި މިއަދު ރޯވިތާ ގިނަ އިރުތަކެއް ނުވަނީސް އެމްއެންޑީއެފުން ވަނީ ފޯމު ޖަހައިގެން ކޮންޓްރޯލްކޮށްފަ އެވެ.