Roadha Mihaaru
ފިހުނު އެންމެންގެ ހާލު ވެސް ރަނގަޅު: އައިޖީއެމްއެޗް

އަލިފާނުގެ ހާދިސާގައި ފިހުނު އެންމެންގެ ހާލު ވެސް ރަނގަޅު: އައިޖީއެމްއެޗް

01 އޮކްޓޯބަރ 2019

ލޯންޗެއްގައި ރޯވެގެން އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރޭގައި ހާލު ސީރިއަސް އެކަކު ވެސް ނެތް ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލޯންޗެއްގައި ރޯވެގެން އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރޭގައި ހާލު ސީރިއަސް އެކަކު ވެސް ނެތް ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އިސްމާއިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގައި ފިހިގެން އެ ހޮސްޕިޓަލަށް ގެންދިޔަ އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އެ ހާދިސާގައި ނުވަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ދެ މީހަކަށް ފަރުވާ ދިނުމަށްފަހު އިއްޔެ ދޫކޮށްލި އެވެ. އެތަނުން މިހާރު ފަރުވާ ދެމުން އަންނަނީ ދެ ބިދޭސީންނާއި ހަ ދިވެހިންނަށެވެ.

މާލޭގެ ޓީޖެޓީ ސަރަހައްދުގައި އޮތް އެ ލޯންޗުގައި ރޯވީ، ބައުޒަރަކުން ތެޔޮ އަޅަމުން ދަނިކޮށެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ ހާދިސާ ހިނގީ، ބައުޒަރުގެ ހޮޅީގައި ރޯވެ ބައުޒަރާއި ލޯންޗުގަ އާއި އެހެން ބައުޒަރުތަކުގައި ވެސް ރޯވުމުންނެވެ.

އިސްމާއިލް ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދިވެހި ފިރިހެން މީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އެ މީހާ އައިސީޔޫގައި ބާއްވަނީ އޭނާގެ ހާލު ސީރިއަސްވެގެން ނޫން ކަމަށާއި ކުއްލި ހާލަތެއްގައި އޭނާގެ ހާލު ގޯސްވެދާނެ ކަމުގެ ފުރުސަތު އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހާގެ ހަށިގަނޑުން 50 ޕަސެންޓުގެ ބައެއް ފިހިފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 25 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި އަނިޔާވި އެހެން މީހުންގެ ހަށިގަނޑުން ފިހިފައި ވަނީ 20-35 ޕަސެންޓެވެ. އޭގެ ތެރެއިން ދެ ދިވެހިންނަށް ފަރުވާ ދެމުން އަންނަނީ ހައި ޑިޕެންޑެންސީ ޔުނިޓުގައި ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި ދެ ބިދޭސީންނާއި ދެ ދިވެހި ފިރިހެނުންނަށް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ ސާޖިކަލް ވާޑުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު ކުރީކޮޅު ހިނގި އެހެން ހާދިސާއެއްގައި ނޯތު ހާބަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެގެން އޭގައި މަސައްކަތްކުރި ބައެއް ފަޅުުވެރިންނަށް ބޮޑެތި އަނިޔާތަކެއްވި އެވެ. އެ ހާދިސާގައި އެކި ވަރުގެ ގެއްލުން ލިބުނު ހަ މީހަކު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނެވެ. އޭގެ ތެރެއިން އެއް ބިދޭސީއެއްގެ ހަށިގަނޑުން 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް ފިހުމުން އައިސީޔޫގައި ފަރުވާ ދިނެވެ. އެ ހާދިސާގައި އަނިޔާވި އެންމެންގެ ހާލު ވެސް ރަނގަޅު ވަމުން އަންނަ ކަމަށް އިސްމާއިލް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.