Roadha Mihaaru
"ކްރެޑިޓް ރޭޓިންއާ އެކު ރާއްޖެއަށް އިތުބާރު ލިބިއްޖެ"

ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ ސަބަބުން އިންވެސްޓަރުންނަށް އިތުބާރު ލިބިއްޖެ: އެންޑްރޫ

24 ސެޕްޓެމްބަރ 2016

ރާއްޖެ އަށް ލިބިފައިވާ ކްރެޑިޓް ރޭޓިންގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބޭނެ ކަމަށާއި އެހެންވެ މިއީ އިންވެސްޓްމަންޓް ގެނައުން އިތުރު ކުރަންވީ ވަގުތު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖެ އަށް ލިބިފައިވާ ކްރެޑިޓް ރޭޓިންގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބޭނެ ކަމަށާއި އެހެންވެ މިއީ އިންވެސްޓްމަންޓް ގެނައުން އިތުރު ކުރަންވީ ވަގުތު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އެންޑްރޫ ހީލީ މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިން ޓައިޓްލް ސްޕޮންސަރުކަން ނަގާފައިވާ ރާއްޖޭގެ ފުރަތަމަ ގެސްޓްހައުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެންޑްރޫ ވިދާޅުވި ގޮތުގައި ރާއްޖެ އަށް ދީފައިވާ "ބީ2"ގެ ރޭޓިން އަކީ ފަށައިގަންނަން ރަނގަޅު ވަރެކެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ހާލަތާ މެދު ތިންވަނަ ފަރާތަކުން ދެކޭ ގޮތް އެނގިގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ރަނގަޅު ފެށުމެއް،" އެންޑްރޫ ވިދާޅުވި އެވެ.

"ދެން މަސައްކަތް ކުރަންވީ މި ރޭޓިން ދެމެހެއްޓުމުގެ އިތުރަށް، މި އަށް ވުރެ ރަނގަޅުކުރުން."

މިއަދު ކުރިއަށް ގެންދާ ގެސްޓްހައުސް ކޮންފަރެންސްގެ ތެރެއިން ފިނޭންސް މިނިސްޓަރު މުނައްވަރު (ވ)، ބީއެމްއެލްގެ ސީއީއޯ އެންޑްރޫއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ކުރިއަށް ގެންދާ ގެސްޓްހައުސް ކޮންފަރެންސްގެ ތެރެއިން ފިނޭންސް މިނިސްޓަރު މުނައްވަރު (ވ)، ބީއެމްއެލްގެ ސީއީއޯ އެންޑްރޫއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންޑްރޫ ފާހަގަކުރެއްވި ގޮތުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން އަންނައިރު މިއީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިއްމު ދުވަސްވަރެކެވެ. އެހެންވެ، ޓޫރިޒަމާއި އެ ނޫން ވެސް ދާއިރާތަކުން ރާއްޖެ އަށް އިންވެސްޓްމަންޓުތައް ގެނައުން ކުރިއަށް ގެންދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބީއެމްއެލް އިން އަބަދު ވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެންޑްރޫ ދެއްވި އެވެ. އެ ގޮތުން، އޭޓީއެމް އާއި ކްރެޑިޓް ކާޑާއި އެ ނޫން ވެސް ގިނަ ހިދުމަތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރަން އަބަދު ވެސް މަސައްކަތް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން ރާއްޖެ އަށް ދިނީ "ބީ2"ގެ ރޭޓިން އެކެެވެ. އެއީ ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް ދަރަންޏާއި އެ ނޫން ވެސް މާލީ ގޮތުން އަދާކުރަންޖެހޭ އެހެން ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ލިބިފައިވާ ގައުމުތަކަށް ދޭ ރޭޓިން އެކެވެ. އެކަމަކު، އެކަން ކުރެވޭނީ، އެ ރޭޓިންގެ ތަފްސީލުގައިވާ ގޮތުން، މުޅި އިގްތިސާދަށް ގެއްލުން ނުވާ ގޮތަށް އިގްތިސާދީ އަދި މާލީ ސިޔާސަތު ބައްޓަންކޮށްގެންނެވެ.

ކްރެޑިޓް ރޭޓިން އާއްމުކޮށް ބޭނުންކުރަނީ އިންވެސްޓްކުރަން ބޭނުުންވާ ފަރާތްތަކުންނެވެ. އެ ގޮތުން، އިންވެސްޓްމަންޓުތަކުގެ ފައިދާ ލިބޭނެ މިންވަރާއި ދަރަންޏަށް ނަގާ ފައިސާ ދެއްކޭނެކަން މި ރޭޓިން އަށް ބިނާކޮށް ދެނެގަނެވޭނެ އެވެ.