Roadha Mihaaru
އެމްއީއެސް އިމާރާތް ހުސްކުރަން އަންގައިފި

އެއްދަންފަޅީގެ ސްކޫލެއް ހިންގަން އެމްއީއެސްގެ އިމާރާތް ހުސްކުރަން އަންގައިފި

12 އޮކްޓޯބަރ 2019

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކޯސްތައް ހިންގަމުން އަންނަ ކުރީގެ އެމްއީއެސްގެ އިމާރާތް ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކޯސްތައް ހިންގަމުން އަންނަ ކުރީގެ އެމްއީއެސްގެ އިމާރާތް ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ މަހުގެ 14ގެ ކުރިން އެމްއީއެސް އިމާރާތް ހުސްކުރަން މި މަހުގެ ކުރީކޮޅު އަންގާފައިވާ ކަމަށެވެ. އެގޮތަށް އެންގީ ސަރުކާރުން އެއްދަންފަޅީގެ ސްކޫލެއް ހިންގަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެ ސްކޫލާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އެމްއީއެސް އިމާރާތުގައި ހިންގަމުން އަންނަނީ ފައުންޑޭޝަނާއި ޝަރީއާގެ ކޯސްތަކެވެ.

ޝަރީފް ވިދާޅުވީ ކޯސްތަކާއި ދަރިވަރުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް އެމްއެންޔޫގެ އިމާރާތުގެ ޖާގަ އަށް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އެހެންވެ، ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫގެ ކޯސްތައް ހިންގަމުން ދިޔަ ބައެއް އިމާރާތްތަށް ބާ ވެގެން މިހާރު ބޭނުމެއް ނުކުރެ އެވެ. އެގޮތުން ،ބާ ޖަމާލުއްދީން ސްކޫލްގައި ވެސް ކިޔަވައިދެމުން ދަނިކޮށް އެ ތަން ހުސްކޮށް އެ ދަރިވަރުން ދެން ބަދަލުކުރީ އެމްއީއެސް އިމާރާތަށެވެ. އެ އިމާރާތަށް އެމްއެންޔޫގެ ބައެއް ބަދަލުކުރީ، އެތަނުގައި މަންދު ކޮލެޖު ނުހިންގޭނެ ކަމަށް ބުނެ 2015 ވަނަ އަހަރު އެތަން ސަރުކާރުން އަތުލުމުންނެވެ.

ސޮލާހުއްދީން އިމާރާތަކީ ވެސް އެމްއެންޔޫ އިން ބޭނުންކުރި ތަނެކެވެ. އެކަމަކު އެތަން ބާވެގެން މިދިޔަ އަހަރު ވަނީ ހުސްކޮށްފަ އެވެ.

"ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައި މިވަނީ މިހާރު،" ޝަރީފް ވިދާޅުވި އެވެ.

އެއްދަންފަޅި އަށް ކިޔަވައިދޭ ސްކޫލެއް އެމްއީއެސްގެ އިމާރާތުގައި ހިންގަން ސަރުކާރުން ނިންމިއިރު، މާލޭގައި މިވަގުތު އެއްދަންފަޅި އަށް ކިޔަވައިދޭ ސްކޫލެއް ނެތެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސްކޫލެއް ވެސް އެއްދަންފަޅި އަށް ބަދަލުކުރުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މާލޭގެ ސްކޫލުތައް އެއްދަންފަޅި އަށް ބަދަލުކުރަން އިތުރު 10 ސްކޫލް ބޭނުންވެ އެވެ.