Roadha Mihaaru
މާލެ ރައްޔިތުން ނިކަމެތި ކަމަށް ބުނުމުން ޒުވާބަކަށް!

މާލެ ރައްޔިތުން ނިކަމެތި ކަމަށް ބުނުމުން އަނެއްކާވެސް ބަހުސަކަށް

14 އޮކްޓޯބަރ 2019

ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ ބޮޑަށް މާލޭގެ ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގައި ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން މަޖިލީހުގައި އަނެއްކާވެސް "މާލެ، ރާއްޖެތެރެ" ބަހުސް އަނެއްކާވެސް ހިނގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ ބޮޑަށް މާލޭގެ ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލިހުގައި ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން މަޖިލީހުގައި އަނެއްކާވެސް "މާލެ، ރާއްޖެތެރެ" ބަހުސް އަނެއްކާވެސް ހިނގައިފި އެވެ.

ދިވެހިންނަށް މާލެ އާއި ރަށްރަށުން ފްލެޓު ދޫކުރުމާ ގުޅޭ ގޮތުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް މަޖިލިހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ މީހުން މާލެ ހިޖުރަ ކުރަނީ އުޅެވޭނެ ގޮތެއް ނެތިގެން ކަމަށާއި އެމީހުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ. އެކަމަކު ހިޔާލު ތަފާތުވާ މެމްބަރުންގެ ނަޒަރުގައި މާލޭގެ ރައްޔިތުން މާ ނިކަމެއްޗެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މާލެ މީހެކޭ ބުނުމުން ސިފަވަނީ 12 ބުރީގެ އިމާރާތަކާއި އެމީހާގެ ޖީބަށް ދާއިމީ ގޮތެއްގައި ބޮޑެތި އަދަދުތަކުން ކުލީގެ ފައިސާ ވަންނަމުންދާ މީހެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު، އެއީ ހަގީގަތެއް ނޫން ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އާންމު، އެވްރެޖް މާލެ މީހަކީ 12 ބުރީގެ އިމާރާތެއްގެ ވެރިއެއް ނޫން. ދާއިމީ ގޮތެއްގައި އޭނާ އަށް ކުލީގެ ގޮތުގައި ފައިސާ ލިބެމުންދާ މީހެއް ވެސް ނޫން. އެއަށް ވުރެ މާ ނިކަމެތި މީހެއް އާންމު، އެވްރެޖް މާލެ މީހަކީ،" މާލޭގެ ރައްޔިތުން ދިފާއު ކުރައްވައި މީކާއިލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކުއްލި މައްސަލަ އަށް މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގި. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކުއްލި މައްސަލަ އަށް މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގި. --- ފޮޓޯ: މަޖިލިސް

މީކާއިލް ވިދާޅުވި ގޮތުގައި މާލޭ މީހަކީ، އަމިއްލަ ރަށުގައި ވަންނާނެ ތަނެއް މީހެއް ކަމަށެވެ. އަދި އަމިއްލަ ގެދޮރުގައި އެ މީހާ އުޅެން ޖެހެނީ ކުއްޔަށް ކަމަށް މީކާއިލް ވިދާޅުވި އެވެ. އާއިލާގެ މެމްބަރުންގެ ގޯތި "ފޮތިފޮތި" ކުރަމުން ގޮސް ވަންނާނެ ތަނެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހާލަތުގައި ތިބި ބައެއް މާލޭގެ ބައެއް ރައްޔިތުންނަކީ. އަޅުގަނޑު އެއްވެސް ހާލެއްގައި މި ދައްކަނީ މާލޭގެ މަހުޖަނުންގެ ވާހަކައެއް ނޫން،" ރާއްޖޭގެ އެހެން ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ ބޮޑަށް މާލޭގައި ދިރިއުޅޭ މީހުންގެ ހާލު ބޮޑުކަން ފާހަގަ ކުރައްވައި މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވަނީ އޭނާގެ ދާއިރާގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ނުލިބިވާ ކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް، ސިނަމާލެ އާއި މާލެ ހިޔާ ފްލެޓުތަކުގެ ހާލަތު ވަރަށް ދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެމީހުންނަށް އިތުރު ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ގާސިމް ވިދާޅުވީ "ރާއްޖެތެރެ" މީހުން މާލެ އައިސް އުޅެނީ ރާއްޖެތެރޭގައި ވަސީލަތް ނެތުމުން ކަމަށާއި ކޮންމެހެން ފަސޭހަވެގެން ނޫން ކަމަށެވެ.

"ކޮންމެހެން މާލެ އައިސް އުޅުން އެއީ މާ މުހިންމު ކަމަކަށް، މާ ފަސޭހަ ކަމަކަށް ވެގެން ހިތްހަމަޖެހިގެން މިތަނަށް އައިސް އުޅެނީކީ ނޫން. އަޅުގަނޑުމެން ރަށް ރަށުގައި ހުންނަން ޖެހޭ ވަސީލަތްތައް ނެތުނީމަ މިތަނަށް އައިސް ހުރީ،" މާލޭގައި ދިރިއުޅޭ ރައްޔިތުން ފަދަ އިން ރާއްޖެތެރޭގެ ރަށްރަށުގައި ދިރިއުޅޭ މީހުން ވެސް ޓެކްސް ދައްކަމުން އަންނަކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ރަށްރަށުގައި ސިއްހީ މަރުކަޒާއި ހޮސްޕިޓަލްތަކެއް އަޅާފައި ހުއްޓަސް، ހިދުމަތްތަކެއް ނުލިބެ އެވެ. އެހެންވީމާ، ބަލިވީމާ ވެސް އަންނަން ޖެހެނީ މާލެ އަށް ކަމަށް އޭނާ ވިދާޅުވި އެވެ. ހިދުމަތްތައް ލިބޭ ނަމަ، ރަށްތައް ދޫކޮށްފައި މާލެ ނާންނާނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.

"ގިނަ މީހުން ބަލިވެގެން ގޮސް، އެ ބަލީގައި މަރުވެގެންދާ މީހުން ވަޅުލާ ތަނަކަށް ވެސް އޮތީ މާލޭގެ ސަހަރާ،" ހުސެއިން ވިދާޅުވި އެވެ.

ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބުމަކީ ރާއްޖެ އަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އެ މައްސަލަ ދިމާވީ މާލެ ސަރަހައްދު ތޮއްޖެއްސުމަށް ކުރީގެ ސަރުކާރުތަކުން ގެންގުޅުނު އަސާސީ އުސޫލެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ މާލެ އަށް ގިނަ މީހުން އަންނަން ޖެހުނީ ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ އަދި އިގްތިސާދީ ދާއިރާގެ ފުރުސަތައް ޖަމާކުރުމުގެ ސަބަބުން ކަމަށެވެ. އެހެންވެ، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ، ސިއްހީ، ތައުލީމީ ދާއިރާގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް ސައުދު ވިދާޅުވި އެވެ.

"ރައްޔިތުން މާލެ އަށް ޖަމާވަމުންދާ ދިއުން އެބަޖެހޭ ނިމުމަކަށް ގެންނަން(ޖެހޭ)،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި ރަށްރަށުގެ ރައްޔިތުން ބޭނުންވަނީ އެބައެއްގެ ފަސްގަނޑުގައި އަރާމުގައި، ސާފު ތާހިރު ދިރިއުޅުމެއް އުޅެ އާއިލާއާ އެކީގައި ވަޒަންވެރިވެގެން ތިބުމަށެވެ. ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މީހުން ތިބީ މާލެ ނޫން ގޮތެއް ހޯދަން ބޭނުންވެފައި ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ކ) ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ކ) ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މައްސަލަ ދިމާވެގެން އުޅެނީ ހުރިހާ ބާރުތަކެއް މާލެ އަށް "މަރުކަޒު" ކުރެވިގެން ދިޔައީމަ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮތީ މާލޭގައި މަރުކަޒީ އުސޫލު ހިންގަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ސައިކަލްތަކާއި އެ އޮންނަ ހަނި ދޭތެރޭގައި ހުރިހާ ރާއްޖެއެއްގެ ރައްޔިތުން އައިސް ފަތް ޖެހި އެނދުގައި އަތުރައިގެން އޮތުމަކީ އެއީ ފަސޭހަ ކަމެއްތޯ؟ އެހެން ބަޔަކަށް އުނދަގޫ ނުވާނެތޯ؟" މާލޭގައި ތޮއްޖެހިފައި އޮންނަ މިންވަރު މިސާލު ނަންގަވައި ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ތަނަކަށް ރައްޔިތުން ދަތުރު ކުރާނީ ވަކި ހަރަކާތްތަކެއް ހިނގަން ފެށީމަ ކަމަށެވެ. އިގްތިސާދީ މަސައްކަތްތަކެއް ފަށާ ނަމަ، އެ ތަނެއްގައި ބަޔަކު ހަރުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިމާލެ އިން މިސާލު ނަންގަވައި ބޮންޑޭ ވިދާޅުވީ އެ އަވަށުގެ ބީޗު ދިރާގުން ނަގާފައިވާ ކަމަށެވެ. އެކަން ބަދަލުކޮށް، އެ ތަނަކީ އާންމުން ބޭނުން ކުރެވޭ ތަނަކަށް ހަދައި އެތަނުގައި މޫދު ކުޅިވަރުތަކާއި އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި ބޯހިޔާވަހިކަން ހޯދައި ދިނުމުގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ އެމީހުންނަށް ކަމަށް ވެސް ބޮންޑެ ވިދާޅުވި އެވެ. އަތޮޅުތެރޭގެ ބައެއް މެމްބަރުން ލާމަރުކަޒީ އުސޫލުން ހިންގަން ރަށްރަށުގެ މެމްބަރުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވީ މާލޭގެ ރައްޔިތުން ވަރަށް ދަތި ހާލުގައި އުޅެމުންދާ އިރު، އަމިއްލަ ރަށް ދޫކޮށްފައި ރެފިއުޖީންގެ ގޮތުގައި އުޅޭ ވަރަށް ގިނަ ބަޔަކު ހާލުގައި ތިބި ކަމަށެވެ. އެހެންވެ ފްލެޓާއި ގޯތި ދިނުމުގައި ބަލަން ޖެހޭނީ ވަކި މީހަކަށް، ނުވަތަ ވަކި ބަޔަކަށް ނޫން ކަމަށާއި ދިވެހި ރައްޔިތެއް ކަން އަންގައިދޭ އައިޑީ ކާޑު އޮންނަ ކޮންމެ ރައްޔިތަކަށް ބިން ކަށަވަރު ކުރެވޭ ގޮތަށް ހެދުމަކީ މާ ބޮޑަށް ވެސް މުހިންމު ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.