Roadha Mihaaru
އެމްޑީއެންގެ ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއް ހަދަނީ

އެމްޑީއެންގެ ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއް މިދަނީ ހަދަމުން: ފުލުހުން

20 އޮކްޓޯބަރ 2019

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅޭ ތަފްސީލީ އިލްމީ ދިރާސާއެއް ތައްޔާރު ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅޭ ތަފްސީލީ އިލްމީ ދިރާސާއެއް ތައްޔާރު ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ދީނީ ތިން އިލްމުވެރިއަކު މެދުވެރިކޮށް، އެމްޑީއެންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ވަކިވަކިން ދިރާސާކޮށް، އޭގައި ހުރި އިސްލާމީ އަގީދާ އާއި އިސްލާމީ ޝަރީއަތާ ހިލާފު ވާހަކަތަކާއި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށްފައިވާ ކަމަށް ބެލެވޭ ކޮންޓެންޓުގެ މައްޗަށް އިލްމީ ގޮތެއްގައި ރިޕޯޓެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވެސް އެމްޑީއެންގެ ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއް ހުށަހަޅަން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެ ޖަމިއްޔާ އިން އާއްމުކުރި ރިޕޯޓުގައި، ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ، އެ މައްސަލަ ހުށަހެޅިއިރު އެ ރިޕޯޓުގެ މުސައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ އަދި އެ މައްސަލައިގެ ތުހުމަތުކުރެވޭ މީހުން ރާއްޖޭން ބޭރުގައި ތިބުމުން، އެމީހުން ތަހުގީގަށް ހާޒިރު ކުރުމަށާއި މައްސަލައާ ގުޅޭ ތަހުގީގަށް ސުވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައެއް މީހުންނަށް ޗިޓް ފޮނުވާއިރު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވާން އަންގާފައި ވަނީ އާއްމުކޮށް އިއުލާން ކޮށްގެން ކަމަށް ވެސް ބުންޏެވެ.

އެމްޑީއެންގެ ރިޕޯޓުގައި ވަނީ، ރައްޔިތުންގެ މަސްހަލަތާ ގުޅިފައިވާ މައްސަލައަކަށް ވާއިރު، އެ މައްސަލައިގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން ކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހާއްސަކޮށް ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ވާހަކަ ފަތުރައި ފިތުނަވެރިކަމަށް ހިތްވަރު ލިބޭގޮތަށް ކަންތައްތައް ކުރަމުންދާތީ ކަންބޮޑުވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

ފުލުހުންގެ ބަޔާން

"ވަކިން ހާއްސަކޮށް އާއްމު ތަންތަނުގައި މީސްމީހުންގެ ފުރާނަ އާއި ނަފްސަށް ގެއްލުން ދިނުމަށް ގޮވާލާ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާއްމުކޮށް ހަދަމުންދާކަން ދަނީ ފާހަގަކުރެވިފަ އެވެ. މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި ސާވިސް އިން އިލްތިމާސްކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ. "އަދި ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުން ވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވާ ރައްޔިތުންގެ ނަފްސާ މެދު ރައްކާތެރިކުރުމުގައި މި ސާވިސް އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ."

އިލްމުވެރިންގެ ލަފައާއި އިރުޝާދާ އެކު އެކުލަވާލާ ދިރާސާ ރިޕޯޓު ނިމުމުން އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އިދާރީ ގޮތުން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.