Roadha Mihaaru
ގުރުއާން ހިތުދަސްކުރުމަށް އާދަޔާހިލާފު ހިތްވަރެއް!

ގުރުއާން ހިތުދަސްކުރުމަށް އާދަޔާހިލާފު ހިތްވަރެއް!

14 ނޮވެމްބަރ 2019

ގުރުއާން ހިތުދަސް ކުރުމަށް ވަރަށް ކުޑައިރު މާޒިނާ އަބްދުއްރަހީމް ފެށި ދަތުރު ނިންމާލަން ކިތަންމެ ފަހަރަކު ހިތަށް އެރި އެވެ. ދަސްކުރި އެއްޗެހި އަލުން ކިޔައިދިނުމަށް މުރާޖަޢާ ކުރި އިރު ކުށް ޖެހެން ފެށުމުން އެއީ އޭނާއަށް ވާވަރު ކަމެއް ނޫން ކަމަށް ގަބޫލު ކުރެވުނެވެ. އެކަމަކު ގުރުއާން ހިތުދަސްކޮށްގެން އާއިލާގެ ފުރަތަމަ ހާފިޒާއަށް ވުމަށް އޭނާ ކަނޑައެޅި އަޒުމު އެހާ ފަސޭހައިން ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ، ކަށިން ހިތްވަރު ނެރެގެން، އުމުރުން 18 އަހަރުގެ މާޒިނާ ވަނީ ގުރުއާން ހިތުދަސްކޮށް އެކަމުގެ ސަނަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހާސިލްކޮށްފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގުރުއާން ހިތުދަސް ކުރުމަށް ވަރަށް ކުޑައިރު މާޒިނާ އަބްދުއްރަހީމް ފެށި ދަތުރު ނިންމާލަން ކިތަންމެ ފަހަރަކު ހިތަށް އެރި އެވެ. ދަސްކުރި އެއްޗެހި އަލުން ކިޔައިދިނުމަށް މުރާޖަޢާ ކުރި އިރު ކުށް ޖެހެން ފެށުމުން އެއީ އޭނާއަށް ވާވަރު ކަމެއް ނޫން ކަމަށް ގަބޫލު ކުރެވުނެވެ. އެކަމަކު ގުރުއާން ހިތުދަސްކޮށްގެން އާއިލާގެ ފުރަތަމަ ހާފިޒާއަށް ވުމަށް އޭނާ ކަނޑައެޅި އަޒުމު އެހާ ފަސޭހައިން ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ، ކަށިން ހިތްވަރު ނެރެގެން، އުމުރުން 18 އަހަރުގެ މާޒިނާ ވަނީ ގުރުއާން ހިތުދަސްކޮށް އެކަމުގެ ސަނަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހާސިލްކޮށްފަ އެވެ.

ގުރުއާން ހިތުދަސްކޮށްގެން 14 މީހަކު ވަނީ އެ ރޭ ސަނަދު ހޯދާފަ އެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނެ އެވެ. މިއީ ގުރުއާން ހިތުދަސްކުރުމަށް އެ ކުދިން ކުރި މަސައްކަތުގެ ވާހަކަ އެވެ. އާދަޔާހިލާފަށް ވިސްނުން ތޫނު، އެ ކޮންމެ ކުއްޖެއްގެ ހިތްވަރަށް ސާބަސް ދޭހާވެ އެވެ.

ގުރުއާން ހިތުދަސްކުރަނީ އާއިލާ އެކުގައި

ގޭގެ ފުރަތަމަ ހާފިޒާއަށް ވުމަށް މާޒިނާ އަޒުމުކަނޑައެޅި ހިސާބުން ފެށިގެން އޭނާއާ އެކު އެކަން ކުރާނެ ބަޔަކު ވެއްޖެ އެވެ. އެއްބަނޑު އެއްބަފާ ދެ ދައްތަ އާއި ކޮއްކޮއާ އެކު، ގުރުއާން ހިތުދަސްކުރަން ފެށިއިރު، އެކަމުގެ ވާދަވެރިކަން ގޭތެރޭގައި ވަނީ ބޮޑުވެފަ އެވެ. އެކަމަކު އަށް ކުދިން ތިބޭ އެ އާއިލާގެ އެންމެ ހަގު ހަތަރު އަންހެން ކުދިންގެ ތެރެއިން ހާފިޒާކަމުގެ ސަނަދު އެންމެ ފުރަތަމަ ހޯދީ މާޒިނާ އެވެ. އޭނާއާ އެކު ދައްތަ، އުމުރުން 21 އަހަރުގެ މާއިޝާ އަބްދުއްރަހީމް ވެސް ވަނީ ގުރުއާން ހިތުދަސްކޮށް ސަނަދު ހޯދައިފަ އެވެ.

"ދެން ތިބީ އަނެއް ދައްތަ އާއި ކޮއްކޮ. އެ މީހުން ވެސް ވަރަށް ބޮޑަށް މިހާރު [ގުރުއާން] ދަސްކޮށްފި،" އަރަބިއްޔާ ސްކޫލުން މި އަހަރު ކިޔެވުން ނިންމި މާޒިނާ ބުންޏެވެ.

އޭނާ ގުރުއާން ހިތުދަސްކުރަން ފެށީ އުމުރުން އެންމެ 11 އަހަރުގަ އެވެ. އޭގެ ކުރިން ވެސް ހުރިހާ ގުރުއާން މުބާރާތްތަކެއްގައިހެން ބައިވެރިވަމުން އައިސްފައިވާތީ ގުރުއާން ކިޔެވުމާއި ހިތުދަސްކުރުމަށް އޭނާ ހުރީ ވަރަށް ބޮޑަށް ހިތްޖެހިފަ އެވެ.

މާޒިނާ (މެދުގައި) އޭނާގެ ދައްތަ އާއި ކޮއްކޮ އާއެކު ގުރުއާން ހިތުދަސް ކުރާއިރު އެހެން ކޮއްކޮއެއް ކައިރީގައި ކުޅެނީ

މާޒިނާ (މެދުގައި) އޭނާގެ ދައްތަ އާއި ކޮއްކޮ އާއެކު ގުރުއާން ހިތުދަސް ކުރާއިރު އެހެން ކޮއްކޮއެއް ކައިރީގައި ކުޅެނީ

ގުރުއާނާ ބެހޭ މަރުކަޒުގައި ހިންގާ "500 ހާފިޒުން"ގެ ޕްރޮގްރާމްގައި މާޒިނާ ބައިވެރިވި އިރު އޭނާ އަށް ހިތުދަސްކުރެވެނީ ދުވާލަކު ސަފްހާ އެކެވެ. އެކަމަކު ފަހުން ހަތަރު ސަފުހާ އަށް އިތުރުކޮށް، ތިން އަހަރުގެ ތެރޭގައި ގުރުއާން ހިތުން ކިޔަން އެނގޭވަރުކުރަން އޭނާ ނިންމި އެވެ.

ނަމަވެސް މިއީ މާޒިނާ އަށް ފަސޭހަ ދަތުރެއް ނޫނެވެ. ގުރުއާނުގެ 11 ފޮތް ކިޔެވުމަށް ފަހު، ދެން ނުވާނެ ކަމަށް ނިންމައި ހިތުދަސްކުރުން ހުއްޓާލަން ވެސް އޭނާ އުޅުނެވެ. ހިތުދަސްކޮށްފައިވާ ބައި އަލުން ކިޔައިދޭއިރު ނުވަތަ މުރާޖައާ ކުރާއިރު ގިނައިން މާ ގިނައިން ކުށް ކިޔެނީ އެވެ.

"މައްސަލަ ޖެހެނީ މުރާޖައާގައި. [މުރާޖައާ]ކޮމެޓީގެ ބޭފުޅުން ބުނާނެ މާޒިނާ ހިތުދަސްކުރުން ހުއްޓާލާފައި ފުރަތަމަ މުރާޖައާ ކުރަން ފަށާށޭ. އޭރު ހިތަށް އެރި ނުވާނޭ،" ނ. ލަންދުއަށް އުފަން މާޒިނާ ބުންޏެވެ.

އޭނާގެ އެންމެ ބޮޑު ހިތްވަރަކަށް ވީ އާއިލާގައި އެންމެން އެކުގައި ކިޔެވުމެވެ. ވާދަވެރިކަމާއެކު ކިޔަވަމުން އައިސް ފަހަތަށް ޖެހޭ މީހަކަށް ވާކަށް ބޭނުމެއް ނުވި އެވެ.

އެހެންވެ އިތުރު ހިތްވަރެއް ލައިގެން ތިން އަހަރު ދުވަހުގެ ތެރޭގައި އޭނާ ގުރުއާން ހިތުދަސްކޮށް ނިންމާލި އެވެ. ހާފިޒާ ކަމުގެ ސަނަދު ހޯދީ އިތުރު ތިން އަހަރު މުރާޖައާ ކުރުމަށް ފަހު އެވެ.

މާޒިނާ ބޭނުން ވަނީ ގުރުއާނުގެ ތަފްސީރު އިލްމު އުނގެނޭށެވެ. މަދީނާގެ ޔުނިވަސިޓީއަކުން އެ ފުރުސަތު ހޯދަމުން އަންނައިރު، ގުރުއާން ހިތުދަސްކުރި އޭނާގެ ދައްތަ މާއިޝާ މިހާރު އަންނަނީ މަދީނާގައި ޑޮކްޓަރުކަން ކިޔަވަމުންނެވެ.

ކިޔެވީ ރާއްޖޭން ބޭރުން، އަހަރެއް ތެރޭގައި ހިތުދަސްކޮށްފި

ގުރުއާން ހިތުދަސްކުރުމަކީ އުމުރުން 12 އަހަރުގެ މޫސާ މާއިޝް މާޖިދުގެ ވެސް ވަރަށް ބޮޑު ހުވަފެނެކެވެ. އެކަމަކު އެ މަސައްކަތް ފެށިތާ މާގިނަ ދުވަހެއް ނުވެ، މާއިޝްގެ މަންމަ ފާތުމަތު ނާޝިދާ ބަލިވެގެން އިންޑިއާއަށް ދާން ޖެހުނީ އެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރުގައި ތިބެން ޖެހުމަކީ މާއިޝްގެ ހުވަފެން ހަގީގަތަކަށް ނުވާނެ ކަމެއް ކަމަކަށް އެ މީހުން ނުދެކެ އެވެ. އެހެންވެ، ބޭނުންވީ އިންޑިއާގައި އެކަމަށް ހާއްސަ ކޮލެޖެއްގައި މާއިޝްއަށް ކިޔަވައިދޭށެވެ.

ގުރުއާން ހިތުދަސްކޮށް ސަނަދު ހާސިލް ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މާއިޝަށް އެވޯޑް ހަވާލު ކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް

ގުރުއާން ހިތުދަސްކޮށް ސަނަދު ހާސިލް ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މާއިޝަށް އެވޯޑް ހަވާލު ކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑަށް ގަބޫލުކުރެވުނު ގޮތުގައި މާލޭގައި މިހެން އާއިލާއާ އެކުގައި އުޅޭއިރު ވަރަށް ބޭކާރު ކަންކަން ވެސް ކުރެވޭނެ. ކޮމްޕިއުޓަރާ ފޯނުން ގޭމުކުޅެވެން ހުންނާތީ އެ ތަކެތި ބޭނުން ކުރާނެ. އެހެންވެ، އެތަކެތިން ދަރިފުޅު ދުރުކޮށް، ހަމައެކަނި ގުރުއާން ހިތުދަސް ކުރުމަށް ފޯކަސް ކުރުމަށް އަޅުގަނޑުމެން ނިންމީ އޭނާ ބޯޑިން ސްކޫލަކަށް ފޮނުވަން،" ނާޝިދާ ބުންޏެވެ.

އިންޑިއާގެ ދާރުއްސަލާމް ގުރުއާން ކޮލެޖުގައި މާއިޝް ކިޔަވަމުން ދިޔައިރު އެންމެ ބޮޑު ގޮންޖެހުމަކަށްވީ ވިސާ ހަމަނުޖެހުމެވެ. ޓޫރިސްޓު ވިސާގައި ތިބެ ތިން މަސް ވާންދެން ކިޔެވުމަށް ފަހު، ވިސާއާ ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަން ކާމިޔާބު ނުވި ދެން އޭނާ ކިޔެވީ މެޑިކަލް ވިސާ ހައްދައިގެންނެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި މާއިިޝް ގުރުއާން ހިތުދަސްކުރި އެވެ. އަދި މުރާޖައާ ކުރުމަށް ފަހު މިދިޔަ ރޯދަ މަހު އެ ކޮލެޖުގައި އިމާމުވެ ތަރާވީސް ކުރީ ވެސް އުމުރުން 12 އަހަރުގެ މާއިޝް އެވެ.

ރާއްޖެ އައިސް އަލުން މަހެއްހާ ދުވަހުގެ ތެރޭގައި ގުރުއާން މުރާޖައާ ކުރުމަށް ފަހު، އޭނާ ވަނީ ހާފިޒްކަމުގެ ސަނަދު ހޯދާފަ އެވެ.

ކ. ކާށިދުއަށް އުފަން، އުމުރުން 14 އަހަރުގެ މުހައްމަދު ޒާއިން އަޝްރަފް ވެސް، ސްރީލަންކާގެ އަލްހައްގާނިއްޔަ އަރަބިކް ކޮލެޖުން ގުރުއާން ހިތުދަސްކޮށް ނިންމާލީ އެންމެ 11 މަސް ދުވަހުންނެވެ.

ގުރުއާން ހިތުދަސްކޮށް ސަނަދު ހާސިލް ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒާއިނަށް އެކަމުގެ އެވޯޑު ހަވާލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ގުރުއާން ހިތުދަސްކޮށް ސަނަދު ހާސިލް ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒާއިނަށް އެކަމުގެ އެވޯޑު ހަވާލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ކާށިދޫ ސްކޫލުގައި ގްރޭޑް ދޭއްގައި އޭނާ ކިޔެވި އިރު ރަށަށް ގެނައި ހާފިޒަކާ އެކު ހިތުދަސް ކުރުމުގެ މަސައްކަތް ފެށި ޒާއިން ލަންކާއަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ވަރަށް ކުރިއްސުރެ ހިތުދަސް ކުރަން ފެށި ނަމަވެސް ގުރުއާނުގެ ބޮޑުބައި އޭނާ ދަސްކުރީ ބޯޑިން ސްކޫލުގައި އޭނާ ހޭދަ ކުރި އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.

ކިޔެވުން ފުރިހަމަކޮށް ސަނަދު ލިބުމުގެ ކުރިން، ލަންކާގައި މިދިޔަ އަހަރު ދިން ބޮމުގެ ހަމަލާއާ ގުޅިގެން އޭނާ މާލެ އަންނަން ޖެހުނީ އެވެ. އެކަމަކު މާލެ އައިސް، މަހެއްހާ ދުވަހު ގުރުއާން މުރާޖައާ ކުރުމަށް ފަހު ޒާއިން ވަނީ ސަނަދު ހާސިލްކޮށްފަ އެވެ.

މުރާޖައާ ކުރުމުގެ ގޮތުން މިހާރު ވެސް އޭނާ ކޮންމެ ދުވަހަކު ފަސް ފޮތް ކިޔަވަ އެވެ. އަހުމަދިއްޔާ ސްކޫލުން ކިޔަވާ ނިންމުމަށް ފަހު ދެން އޭނާ ބޭނުންވަނީ ގުރުއާނުގެ އިލްމު އުނގެނެން މަދީނާއަށް ދާށެވެ.

އުރުޖުވާންގެ ފަހަތުން މަންމަ ވެސް ހިތުދަސް ކުރަނީ

ގުރުއާން ކިޔެވުމުގައި އައިމިނަތު މުނާ ނަމޫނާއަކަށް ބަލަނީ އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅު އުރުޖުވާން މުހައްމަދެވެ. އުމުރުން ހަތް އަހަރުން ފެށިގެން ގުރުއާން ހިތުދަސް ކުރަމުން އަންނަ އުރުޖުވާނަކީ މިހާރު ހާފިޒާ އެކެވެ. ދަރިފުޅު މިސާލަކަށް ބަލައިގެން މުނާ ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސް ކުރަމުންނެވެ.

އުރުޖުވާން (ވ) އޭނާގެ އާއިލާއާ އެކުގައި: އުރުޖުވާންގެ މަންމަ އާއި ކޮއްކޮ ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސް ކުރަމުން

އުރުޖުވާން (ވ) އޭނާގެ އާއިލާއާ އެކުގައި: އުރުޖުވާންގެ މަންމަ އާއި ކޮއްކޮ ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސް ކުރަމުން

އުރުޖުވާން އެންމެ ފުރަތަމަ ގުރުއާން ކިޔަވަން ފެށީ ގޭގައި އޭނާގެ މަންމައާއެކުގަ އެވެ. އެންމެ ތުއްތު އިރުއްސުރެ ހިތްއަލި އަދި ގުރުއާން ކިޔެވުމަށް ޝައުގުވެރިކަން ހުންނަ އުރުޖުވާން، ހިފްޒު ކުލާހުގައި ބައިވެރިވުމުގެ ކުރިން ގޭގައި ތިން ފޮތް ހިތުދަސްކުރި އެވެ. އެކަމަކު އެއީ ބުރަ މަސައްކަތެއްކަން އޭނާގެ މަންމަގެ ވާހަކައިން އެނގެ އެވެ.

މުނާ ބުނިގޮތުގައި ގުރުއާން ހިތުދަސްކުރުމަކީ ގިނަ ވަގުތު ނަގާ ކަމެކެވެ. ފަތިހުގެ ބަންގިއާ އެކު ދަރިފުޅު ނަގައި ގުރުއާން ކިޔަވައިދެ އެވެ. މަޣްރިބް ނަމާދަށް ފަހު ވެސް ދަސްކުރެ އެވެ. ސްކޫލުގެ ފިލާވަޅުތައް ހަދަމުން، ގުރުއާން ހިތުދަސް ކުރުމަކީ ވަރަށް ހިތްވަރު ހުރެގެން ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ދަރިފުޅުގެ އުމުރުން 11 އަހަރުގައި ގުރުއާން ހިތުދަސްކުރުވައި، ދެން ހަގަށް ހުރި ފަސް އަހަރުގެ ދަރިފުޅަށް ހިތުދަސް ކުރުމުގެ މަސައްކަތް އޭނާ އަންނަނީ ކޮށްދެމުންނެވެ.

"ހަގީގަތުގައި މިއީ ވަރަށް ބުރަކަމެއް. އެކަމަކު މަސައްކަތްކޮށްފިއްޔާ ކޮންމެ މީހަކަށް ވެސް ވާނެ." މުނާ ބުންޏެވެ.

އޭނާ ބުނީ އުރުޖުވާން އަށް ގުރުއާން ކިޔަވައިދިނުމުގެ ތެރޭގައި އޭނާއަށް ވެސް ވަރަށް ބޮޑަށް ގުރުއާން ދަސްވެފައިވާ ކަމަށާއި އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭގައި ދަރިފުޅު ފަދަ ހާފިޒާއަކަށް ވުން ކަމަށެވެ.

16 މާއްދާއިން އޭ ރިޕޯޓު، ގުރުއާން ހިތުދަސް

އާހިލް (މެދުގައި) އޭނާގެ އާއިލާއާ އެކުގައި

އާހިލް (މެދުގައި) އޭނާގެ އާއިލާއާ އެކުގައި

ގުރުއާން ހިތުދަސް ކުރުމަށް ހަސަން އާހިލް މެންދަމު ތިނެއް ޖަހާއިރު ތެދުވެ އެވެ. މެންދުރު ސްކޫލަށް ދިޔުމުގެ ކުރިން، ދަސްކުރި ބައި މުރާޖައާ ކުރެ އެވެ. ގިނަ ވަގުތުތަކެއް ގުރުއާން ކިޔެވުމަށް ހާއްސަކުރި ނަމަވެސް އޭނާއަކީ ސްކޫލުގެ އެހެން މާއްދާތަކުން ވެސް އާދަޔާހިލާފަށް މޮޅު ދަރިވަރެކެވެ.

އަރަބިއްޔާ ސްކޫލުގެ ގްރޭޑް އަށެއްގައި ކިޔަވާއިރު، ކިޔަވާ 16 މާއްދާއިން އޭނާ އަބަދު ވެސް ހޯދަނީ އޭ ރިޕޯޓު ނުވަތަ އޭ ޕްލަސް އެވެ. އެކަމަކު މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ.

"އުނދަގޫ ވެގެން އާހިލަށް ބައެއް ދުވަސް ދުވަހު ރޮވޭނެ. އެކަމަކު އޭނާ ހިތްވަރެއް ދުލެއް ނުކުރޭ،" ތ. ގުރައިދުއަށް އުފަން އާހިލްގެ މަންމަ، އައިމިނަތު މަނިކެ ބުންޏެވެ.

ގުރުއާން ހިތު ދަސްކުރަން އާހިލް އުޅޭއިރު މަންމަ ވެސް އޭނާއާ އެކު ހުރިހާ ވަގުތެއްގައި ބައިވެރިވެ އެވެ. މަރިޔަމް މަނިކެ ބުނިގޮތުގައި ބައެއް ފަހަރު ހުރިހާ މަސައްކަތެއް ހުއްޓާލާފައި ވެސް އާހިލް ކިޔަވާއިރު އަޑު އަހައި، ކުށްތައް ފިލުވަ އެވެ. އެހެންވެ، ދަރިފުޅު ހާފިޒްކަމުގެ ސަނަދު ހޯދައި، ރައީސްގެ އަތްޕުޅުން އެވޯޑު ހޯދުމުން އޭނާ ހުރީ އުފަލުން ފޮޅިފަ އެވެ.

ގުރުއާން ހިތުދަސް ކުރާ އެހެން ކުދިންގެ މައިންބަފައިންނަށް މަރިޔަމް މަނިކެ ދޭން އޮތް ނަސޭހަތަކީ މިއެވެ: ގުރުއާން ކިޔަވަން ދަރިފުޅު ޝައުގުވެރިވާނަމަ ބެލެނިވެރިން ހިތްވަރު އެލުވާ ނުލާށެވެ. ކޮންމެ ގޮތަކުން ނަމަވެސް ދަރިފުޅަށް އެކަން ކޮށްދޭށެވެ.