Roadha Mihaaru
އުދައްޔުގެ މަރު: ފަހު ވަގުތާ ހަމައަށް ދެއްކީ ހިތްވަރު

އުދައްޔުގެ މަރު: ފަހު ވަގުތާ ހަމައަށް އާއިލާއިން ދެއްކީ ހިތްވަރު

25 ނޮވެމްބަރ 2019

މި ވޭތުވެ ދިޔަ ދޮޅު އަހަރު ދުވަހު، އައިމިނަތު ނަޝްފާ ހުސެން އާއި އޭނާގެ ފިރިމީހާ މުހައްމަދު ޝުޖާއުގެ ދިރިއުޅުން އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެ މީހުންގެ ހުރިހާ ސަމާލުކަމަކާއި ހަކަތައެއް ހުސްކުރީ ނުރައްކާތެރި ބައްޔެއް ތަހައްމަލު ކުރަމުން ދިޔަ ތުއްތު އުދައްޔު ދާވޫދަށާއި އޭނާގެ ފަރުވާ އަށެވެ. އުއްމީދު ކަނޑާލަން ޖެހޭ ކިތަންމެ ވަގުތެއް އަ އެވެ. އެކަމަކު، އިއްޔެ ފަތިހު، އިންޑިއާގެ ހޮސްޕިޓަލެއްގައި ދަރިފުޅު މަރުވުމާ ހަމައަށް އެ މީހުން ހިތްވަރު ދުލެއް ނުކުރެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ވޭތުވެ ދިޔަ ދޮޅު އަހަރު ދުވަހު، އައިމިނަތު ނަޝްފާ ހުސެން އާއި އޭނާގެ ފިރިމީހާ މުހައްމަދު ޝުޖާއުގެ ދިރިއުޅުން އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. އެ މީހުންގެ ހުރިހާ ސަމާލުކަމަކާއި ހަކަތައެއް ހުސްކުރީ ނުރައްކާތެރި ބައްޔެއް ތަހައްމަލު ކުރަމުން ދިޔަ ތުއްތު އުދައްޔު ދާވޫދަށާއި އޭނާގެ ފަރުވާ އަށެވެ. އުއްމީދު ކަނޑާލަން ޖެހޭ ކިތަންމެ ވަގުތެއް އަ އެވެ. އެކަމަކު، އިއްޔެ ފަތިހު، އިންޑިއާގެ ހޮސްޕިޓަލެއްގައި ދަރިފުޅު މަރުވުމާ ހަމައަށް އެ މީހުން ހިތްވަރު ދުލެއް ނުކުރެ އެވެ.

"ވަރަށް އާދަޔާހިލާފު ހިތްވަރު ގަދަ ބައެއް އެއީ. އަބަދުވެސް ގަބޫލުކުރީ ބޭބީ ރަނގަޅު ވާނެ ކަމަށް،" އާއިލާގެ ގާތް މީހަކު ކިޔައިދިނެވެ.

އުދައްޔުގެ ބައްޔަކީ "ހައިޕައޮގްޒާލޫރިއާ ޓައިޕް-1" އެވެ. މިއީ ދުނިޔޭގައި ވެސް މަދުން ނޫނީ ނުފެންނަ ވައްތަރުގެ، ޖެނެޓިކް ބައްޔެކެވެ. އުމުރުން ހަތަރު މަހުގައި ޖެހުނު އެ ބަލީގައި އުދައްޔު ދުނިޔެ ދޫކުރީ ވޭތުވެ ދިޔަ ދެ އަހަރު ވަރަށް ވޭނުގައި އުޅުމަށް ފަހު އެވެ.

ހީކުރީ އާދައިގެ ރޯގާއެއް ކަމަށް، އެކަމަކު ލިވާ އަދި ކިޑްނީ ފެއިލްވީ

ނަޝްފާ އެންމެ ފުރަތަމަ ހީކުރީ އޭރު އޭނާގެ ހަތަރު މަހުގެ ދަރިފުޅަށް ޖެހުނީ އާދައިގެ ރޯގާއެއް ކަމަށެވެ. ހޮސްޕިޓަލަށް ދިޔުމުން، ވަރަށް ތުއްތު ކުއްޖަކަށް ވާތީ ޑޮކްޓަރުން ފުރަތަމަ ދިނީ ނޭފަތަށް އަޅާ އާދައިގެ ބޭހެކެވެ. އެކަމަކު އޭގެ އެއް ދުވަސް ފަހުން އޭނާ އަލުން އޭޑީކޭ ހޮސްޕިޓަލަށް ދިޔައީ، ދަރިފުޅު އެއްވެސް ގޮތަކަށް ހީސް ނުލާތީ އެވެ.

ޓެސްޓުތަކުން ދެއްކީ އުދައްޔުގެ ކިޑްނީގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. ވަގުތުން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭން ފެށި ނަމަވެސް، ހަށިގަނޑުން އެއްޗެއް ބޭރު ނުވުމުގެ ސަބަބުން ދަރިފުޅު ދުޅަވާން ފެށީ އެވެ.

އުދައްޔުގެ ފަރުވާ ދެން ބަދަލު ކުރީ އިންޑިއާއަށެވެ. އެކަމަކު އެތަނުން ހެދި ޓެސްޓުތަކުން ވެސް އެނގުނީ އެ ތުއްތު ކުއްޖާގެ ކިޑްނީ އެއްކޮށް ހަލާކުވެފައިވާ ކަމެވެ.

"ޑޮކްޓަރުން ބުނީ މިއީ ވަކި ކަމެއް ދިމާވެގެން ޖެހުނު ބައްޔެއް ނޫން ކަމަށް. އުފަންވި އިރު ވެސް ހުރި ޖެނެޓިކް ބައްޔެއް ކަމަށް،" މިދިޔަ އަހަރު "މިހާރު"އަށް ދިން އިންޓަވިއުއެއްގައި ނަޝްފާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަލީގެ ގޮތުން ދަރިފުޅުގެ ކިޑްނީއާ އެކު މޭ ވެސް ވަނީ ހަލާކުވެފަ އެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ތުއްތު އުދައްޔު ގެންގުޅުނީ ޑަޔަލިސިސް ހަދައިގެންނެވެ. ފަރުވާ ދިނުމަށް އާއިލާ ލަންކާއަށް ބަދަލުވާން ޖެހުނު އިރު، ކޮންމެ ދުވަހަކު 19 ގަޑިއިރު އުދައްޔު ޑައިލިސިސް އަށް ހޭދަކުރެ އެވެ. ގިނަ ދުވަސް ދުވަހު އޮންނަން ޖެހެނީ ހޮސްޕިޓަލުގަ އެވެ. އެ ހުރިހާ ކަމަކަށް ކޮންމެ ހަފުތާއަކު 11 ވަރަކަށް ހާސް ރުފިޔާ ހަރަދުވި އެވެ.

ދިރިއުޅުމަށް ކުރަމުން އައި މަސައްކަތްތައް ހުއްޓާލާފައި، ދަރިފުޅުގެ ފަރުވާއަށް ހުސްވާން ޖެހުމުން، ނަޝްފާގެ ދެމަފިރިންގެ އަތްމަތި ވަރަށް ދަތިވި އެވެ. އެކަމަކު ލޯތްބާ އެކު، ގިނަ ބަޔަކު އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

"އާއްމުންގެ ފަރާތުން ލިބުނު އެހީތެރިކަމެއް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ. އެކަމަކު ދަރިފުޅު އެހާ ހާލުގައި އޮންނަތަން ބަލަން އޭނާގެ މައިންބަފައިންނަށް ވަރަށް އުނދަގޫވި. ކިތަންމެ ދުވަހަކު ރޮއެ ހަދާ. އެކަމަކު އެ މީހުން އުއްމީދު ކަނޑައެއް ނުލާ،" އާއިލާއިން ވާހަކަަ ދެއްކި މީހާ ބުންޏެވެ.

އުދައްޔު އޭނާއަށް ލިވާ ހަދިޔާ ކުރި ދައްތައާ އެކުގައި

އުދައްޔު އޭނާއަށް ލިވާ ހަދިޔާ ކުރި ދައްތައާ އެކުގައި

އުދައްޔުއަށް ދާއިމީ ފަރުވާއެއް ލިބެން އޮތީ ލިވާއެއް ލިބިގެންނެވެ. ކިޑްނީ އާއި ލިވާއެއް ހޯދުމަށް އާއިލާއިން ވަރަށް މަސައްކަތް ކުރި އެވެ. އެންމެ ފަހުން އެ އެހީތެރިކަން ފޯރުކޮށްދިނީ އުދައްޔުގެ ދައްތައެކެވެ.

ދައްތަ ހަދިޔާ ކުރި ލިވާއާ އެކު އުދައްޔުއަށް އުއްމީދެއް ލިބުނު ނަމަވެސް، އެ ހިތްހަމަޖެހުން ދެމި އޮތީ ކުޑަ ދުވަސްކޮޅަކަށެވެ. އަނެއްކާވެސް ހާލަތު ދަށަށް ދާން ފެށި އެވެ. އުދައްޔުގެ ބޭސް ފަރުވާގެ ހުރިހާ ކަމެއް، ދުވަހުން ދުވަހަށް، އެ އާއިލާއިން ފޭސްބުކްގައި އަޕްޑޭޓް ކުރަމުން ދިޔައިރު އާއްމުންގެ ދުއާ އާއި ލޯބި އެ ކުއްޖާއަށް ލިބުނެވެ.

އެކަމަކު އިއްޔެ ރޭ ދިހައެއް ޖަހާކަންހާއިރު އާއިލާއިން އެންގީ އުދައްޔުގެ ހާލަތު ދަށަށް ދާ ކަމާއި އެންމެން ވެސް ދުއާކޮށްދިނުމަށެވެ. އެތައް ވޭނެއް ތަހައްމަލު ކުރުމަށް ފަހު އުދައްޔު މި ދުނިޔެ ދޫކުރީ ގިނަ ބަޔަކު ރޮއްވާލައިފަ އެވެ.

"ދަރިފުޅު ނެތަސް، އަހަރުމެންގެ ހިތްތަކުގައި އަބަދުވެސް ވާނެ. އުދައްޔުއަށް ދިން ލޯތްބާއި ކުރި ދުއާއަށް އެންމެންނަށް ޝުކުރު އަދާކުރަން،" އާއިލާއިން ފޭސްބުކްގައި ލިޔެފައިވެ އެވެ.