Roadha Mihaaru
ބިރުވެރި ދެ ރިޕޯޓް، އެކަމަކު އެޅޭނެ ފިޔަވަޅެއް ނެތް!

ބިރުވެރި ދެ ރިޕޯޓް، އެކަމަކު އެޅޭނެ ފިޔަވަޅެއް ނެތް!

26 ނޮވެމްބަރ 2019

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބޮޑު ދެ ރިޕޯޓެއް ނެރުމާ އެކު ގައުމުގައި ދީނީ/ލާދީނީ ބަހުސް އުފެދި، އެއް ބަޔަކު އަނެއް ބަޔަކު ގޯސްކުރުން މި އޮތީ އިންތިހާއަށް ގޮސްފަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑު މައްސަލައަކީ އެ ދެ ރިޕޯޓާ ގުޅުވައިގެން މާ ބޮޑު ފިޔަވަޅުތަކެއް އެޅެން ނެތުމެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބޮޑު ދެ ރިޕޯޓެއް ނެރުމާ އެކު ގައުމުގައި ދީނީ/ލާދީނީ ބަހުސް އުފެދި، އެއް ބަޔަކު އަނެއް ބަޔަކު ގޯސްކުރުން މި އޮތީ އިންތިހާއަށް ގޮސްފަ އެވެ. އެކަމަކު އެއަށް ވުރެ ބޮޑު މައްސަލައަކީ އެ ދެ ރިޕޯޓާ ގުޅުވައިގެން މާ ބޮޑު ފިޔަވަޅުތަކެއް އެޅެން ނެތުމެވެ.

ގާނޫނީ ގޮތުން އެތައް ބާރުތަކެއް ލިބިދީފައިވާ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްތަކަށް ބިނާކޮށް ފިޔަވަޅެއް އެޅޭ ގޮތް ނުވުން މި އޮތީ ކަންބޮޑުވުމަކަށް ވެފަ އެވެ.

ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ދައުވާކޮށް ފިޔަވަޅު އެޅޭނީ އެ ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި އެކަންޏެވެ. މިހާތަނަށް ރިޔާސީ ކޮމިޝަނުން އެގޮތަށް އެދިފައެއް ނުވެ އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންގެ ނަންތަކާ އެކު ނެރުނު ރިޕޯޓަށް ފަހު މާލެ އާއި އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރި އެވެ. ނަމަވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ދެން ނެރުނީ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ތަހުގީގީ ރިޕޯޓެވެ. އެ ގަތުލުގައި ތުހުމަތުކުރެވޭ މީހުންގެ ނަންތައް ހިމެނުނަސް، އެއިން މީހަކާ ދެކޮޅަށް ވެސް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހަށް މިއަދު ހާޒިރުކޮށް ސުވާލު ކުރުމުން ވިދާޅުވީ އެއްވެސް މީހަކު ހައްޔަރުކޮށް، ދައުވާ ކުރުމުގެ ޖާގައެއް ނެތް ކަމަށް ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ކަމާ ގުޅޭ އެހެން އިދާރާތަކުން ބުނެފައިވާ ކަމަށެވެ.

މުޅި ގައުމުގައި ބިރުވެރިކަން އުފެދޭ ފަދަ މައުލޫމާތުތައް ހުރި ރިޕޯޓްތައް އާންމުކުރުމަށް ފަހު، އެއްވެސް މީހަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ނެތް ނަމަ އެއީ އަދި މާ ބޮޑު މައްސަލައެކެވެ.

ކުރީގެ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް "މިހާރު" އަށް ވިދާޅުވީ އަފްރާޝީމް މައްސަލައިގެ ރިޕޯޓްގައި 14 ސިއްރު ހެއްކާއި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ ލިޔެކިޔުންތައް ހިމެނޭއިރު އެއީ ދައުވާ އުފުލައި ފިޔަވަޅުތައް އެޅޭނެ ހެކިތަކެއް ކަމަށެވެ.

ގާނޫނީ ދާއިރާގެ ކަންކަން ދިރާސާ ކުރައްވަމުން ގެންދަވާ ފާއިޒް ވިދާޅުވި ގޮތުގައި ޖިނާއީ ދައުވާގެ އިތުރުން އިދާރީ ގޮތުން ވެސް އެޅިދާނެ ފިޔަވަޅުތައް އެބަ ހުއްޓެވެ.

"ހެއްކާއި ރަސްމީ ލިޔުންތަކުގެ މައްޗަށް ހޯދާފައި ހުރި ރިޕޯޓެއްގެ މައްޗަށް އަޅާނެ ފިޔަވަޅެއް ނެތޭ ބުނީމަ ކީކޭތޯ އަޅުގަނޑުމެން ދަންނަވާނީ؟ ސުވާލަކީ މިއީ ބިލާހެއްތޯ؟ އަޅުގަނޑަށް ގަބޫލެއްނުކުރެވޭ މިއީ ބިލާހެއް ކަމަކަށް،" ފާއިޒް ވިދާޅުވި އެވެ.

Afrasheem aai Rilwan ge massalaiga fiyavalhu alhaane meeheh commission akah  bune eh nudhevey: Imran

Afrasheem aai Rilwan ge massalaiga fiyavalhu alhaane meeheh commission akah bune eh nudhevey: Imran

The most trusted news source in the Maldives

Mihaaru

ފިޔަވަޅެއް އަޅަން ނާންގާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުން---

ދައުވާކޮށް ފިޔަވަޅު ނާޅާ ނަމަ ވަކި ބައެއްގެ ނަން ހާމަކޮށް ރިޕޯޓެއް ނެރުނީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލުކުރެއްވި އެވެ.

"އެގޮތަށް [ކޮމިޝަނުން] ހޯމް މިނިސްޓްރީއަށް އަންގާފައި ވާ ނަމަ ކޮމިޝަންގެ މަސައްކަތާ ދޭތެރޭ ސުވާލު އުފެދޭނެ،" ފާއިޒް ވިދާޅުވި އެވެ.

ރިޔާސީ ކޮމިޝަންތައް އުފައްދަނީ ރައީސަށް އޮންނަ ބާރުގެ ދަށުންނެވެ. އެހެންކަމުން ކޮންމެ ރިޕޯޓަކާ ގުޅިގެން ވެސް އަޅުއްވާނެ ފިޔަވަޅުތަކާ މެދު ރައީސް ގޮތްތަކެއް ނިންމަވަން ޖެހޭ ކަމަށް ފާއިޒް ގަބޫލުކުރައްވަ އެވެ.

ރިޕޯޓްތަކުގައި ހުންނަ ވާހަކަތައް ވަރުގަދަ އެވެ. އެކަމަކު ފިޔަވަޅެއް ނޭޅޭ ކަމަށް ވަންޏާ އެ ރިޕޯޓާ މެދު ޝައްކު އުފައްދާނެ ޖާގަ، ރިޔާސީ ކޮމިޝަންގެ މަސައްކަތްތަކާ ހިތްހަމަނުޖެހޭ މީހުންނަށް ލިބެ އެވެ. އެގޮތުން މިހާރުގެ އިދިކޮޅު ފަަރާތްތަކަށް މިނިސްޓަރު އިމްރާންގެ ވާހަކަ ނެގުނީ، ރިޔާސީ ކޮމިޝަންގެ ތަހުގީގު ފުރިހަމަ ނޫން ކަމެއްގެ ގޮތުގަ އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯމް މިނިސްޓަރު ދެއްވި ޖަވާބުން އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ހެދި ރިޕޯޓް ފުރިހަމަ ނުވާކަން ހާމަވެއްޖެ ކަމަށެވެ.

"މަރު ކޮމިޝަނުން މި މައްސަލަ އަލުން ތަހުގީގު ކުރުމަށް ގޮވާލަން. ފުރިހަމަ ނުވާ ރިޕޯޓަކަށް ފިޔަވަޅެއް ނޭޅޭނެ،" އޭނާ ލިއުއްވި އެވެ.

ރިލްވާން ގެއްލުވާލުމާއި އަފްރާޝީމް އަވަހާރަކޮށްލުން، ދެ ރިޕޯޓްގައި ގުޅުވާފައި ވަނީ ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކާ އެވެ. ރިލްވާންގެ ބޯ ބުރިކޮށް މަލާރާލައިފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބީ އޭނާ ދެއްކެވި ވާހަކަތަައް ކުފުރުކޮށް، ރަސޫލާގެ ސުންނަތަށް ފުރައްސާރަ ވާ ކަމަށް ގަބޫލުކުރާ ދީނީ ހަރުކަށި ވިސްނުމުގެ ބައެއް ކަމަށް، ރިޕޯޓުން އެނގެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ނަންތައް ހާމަކޮށްފައިވެ އެވެ. އެކަމަކު އެއިން މީހަކު ހައްޔަރެއް ނުކުރެ އެވެ.

ރިޕޯޓްތަކާ ގުޅިގެން ބައެއް މީހުންގެ ޕާސްޕޯޓް ހިފަަހައްޓާފައިވާ ކަމަށްވެ އެވެ. ނަމަވެސް ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލަތައް އާންމުކޮށް ހާމަނުކުރާތީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

މިހާރު އޮތް އެއް ސުވާލަކީ، ނުރައްކާތެރި ދެ ހާދިސާއާ ގުޅޭ ރިޕޯޓްތައް ބޭކާރު އެއްޗަކަށް ވީ ހެއްޔެވެ؟ މިސާލު ބަހަކުން ނަމަ އެއީ "ޖަމަލު ޖެހި ފޮޑިއެއް" ހެއްޔެވެ؟ ނުވަތަ އޭގެ ބާރެއް އޮތް ނަމަ އަޅާނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ އިތުރު ތަހުގީގުތަކަކަށް ދާންވީ ހެއްޔެވެ؟

މިއިން އެއްވެސް ސުވާލަކަށް ކޮމިޝަނުން އަދި ޖަވާބެއް ނުލިބެ އެވެ. ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު މިވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި އެމެރިކާގަ އެވެ.