Roadha Mihaaru
ޔާމީންގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ޔާމީނަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

30 ނޮވެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް ހުކުމްކޮށްފަ އެވެ. އެ ހުކުމާ ގުޅިގެން ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.

ޕީޕީއެމް/ޕީއެންސީން ބުނީ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރި އިރު، ދެ ކަމަކަށް އެދިފައިވާނެ ކަމަށެވެ. އެއީ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް ދިނުމަށާއި އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރަކަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގުޅިގެން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާތަނަށް އައިއިރު، ޔާމީން ބަހައްޓަނީ މާފުށީ ޖަލުގެ ކޮން ގޮޅިއެއްގައި ކަން ސާފުވެފައި ނުވާތީ އެ ކަން ބަލަމުންދާ ކަމަށެވެ.

ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ މެޑިކަލް އެސެސްމަންޓް އަދި އެހެނިހެން އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ބޭނުމުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔާމީން ހުންނެވީ މާލެ ޖަލުގަ އެވެ. އަދި އެމަނިކުފާނު ހުންނެވި ގޮޅީގެ ހާލަތު ދަށް ކަމަށް ބުނެ، ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް އިއްވި ހުކުމް އިދިކޮޅު ފަރާތްތަކުން ބަލައެއް ނުގަންނާނެ އެވެ. ޔާމީންގެ މައްޗަށް ޝަރީއަތް ކުރީ ސިޔާސީ މަގްސަދެއް އޮވެގެން ކަމަށާއި އެމަނިކުފާނަށް ހުކުމް ކުރީ އެމަނިކުފާނުގެ އޮތް ތަރައްގީގެ ވިސްނުންފުޅުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެމަނިކުފާނު (ޔާމީން) ގެ ތަރައްގީގެ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތުން، އެމަނިކުފާނު ތަރައްގީ ކުރެއްވުމުގައި ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެމަނިކުފާނު އިހްތިޔާރު ކުރެއްވި މަގުގެ ސަބަބުން (ހުކުމް ކުރީ)،" ފޮނަދޫ ދާއިރާގެ މެމްބަރު ކަން ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ މައްޗަށް ހުކުމް އިއްވީ ސަރުކާރު ކޯލިޝަންގައި ތިއްބެވި ޕާޓީތަކުގެ ބޭފުޅުން ފަހަތުގައި ތިބެގެން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ޔާމީން މިނިވަން ކުރުމަށް މެދުނުކެނޑި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރު ފެށުނު ފަހުން، ޔާމީނަށް ވަރަށް ބޮޑަށް އަނިޔާވެރިވެފައިވާ ކަމަށާއި ޔާމީންގެ މައްސަލައިގެ ކޮންމެ މަރުހަލާއަކަށް ވެސް ސަރުކާރުން ނުފޫޒު ފޯރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ވަނީ އަންނަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފަ އެވެ. އަދި ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ރެއަކު މުޒާހަރާ ކުރާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.