Roadha Mihaaru
ޔާމީނަކީ ކުށްވެރިއެއް، ކަފާލާތު ދޭނީ ކިހިނެއް؟

ޔާމީނަކީ ކުށްވެރިއެއް، ކަފާލާތު ދޭނީ ކިހިނެއް؟

12 ޖެނުއަރީ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކުރަން ހައި ކޯޓުގައި އެދިވަޑައިގަތުމުން އެކަން ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރެއްވުމާ އެކު، ގާނޫނީ ބަހުސެއް މި ވަނީ އުފެދިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކުރަން ހައި ކޯޓުގައި އެދިވަޑައިގަތުމުން އެކަން ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރެއްވުމާ އެކު، ގާނޫނީ ބަހުސެއް މި ވަނީ އުފެދިފަ އެވެ.

ކަފާލާތުގެ ދަށުން ދޫކޮށްފައި ހުންނަނީ ނުވަތަ އެ ފުރުސަތު ލިބެނީ ކުށެއް ސާބިތުވުމުގެ ކުރިން އޮންނަ ޝަަރުއީ މަރުހަލާތަކުގަ އެވެ. ކުށް ސާބިތުވުމުން ކަފާލާތުގެ ދަށުން މީހުން ދޫކުރުމަކީ، އާންމު އުސޫލެއް އަދި ޝަރުއީ ދާއިރާގެ ހަމައެއް ވެސް ނޫން ކަމަށް، ގާނޫނީ ބައެއް ވަކީލުން ބުނެ އެވެ.

ޔާމީންގެ ވެރިކަމުގައި ސިޔާސީ އެތައް ލީޑަރުން ފުލުފުލުގައި ހައްޔަރުކޮށް، ފުލުފުލުގައި ހުކުމް އިއްވި އެވެ. އަދި ކުށް ސާބިތުވެ ޖަލުގައި ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް، ހައި ކޯޓުން ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ.

މައްސަލަ އުފެދެނީ އެ ހިސާބުންނެވެ. އަދި ކަފާލާތުގެ ދަށުން ދޫކޮށްލަން ޔާމީން އެދިވަޑައިގަތީ ވެސް އެހެންވެ އެވެ.

ރިޔާސީ އިންތިހާބުން ޔާމީން ބަލިވިތާ އެންމެ ހަތް ދުވަހުގެ ތެރޭގައި ސެޕްޓެމްބަރު 30، 2018 ގައި، ހައި ކޯޓުން އެ ތިން ބޭފުޅުން ދޫކޮށްލީ، އިސްތިއުނާފުން ގޮތެއް ނިންމަންދެނެވެ.

އެކަމަކު އެއީ އޭރު ވެސް އަދި މިހާރު ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް، ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ޔާމީނަށް ކަފާލާތުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް، އެމަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރއީސް ޑރ. މުހައްމަދު ޖަމީލްގެ ޓްވީޓްގައި ވިދާޅުވުމާއި އެއީ "ގާނޫނީ ހައްގު ކަށަވަރުކޮށްދިނުން" ކަމަށް ލިއުއްވުމަކީ، ގޯހެއް ކަމަށް، އެއް ބަޔަކު ބުނެ އެވެ.

ޖަމީލަށް އެންމެ ސީދާކޮށް ރައްދު ދެއްވި އެއް ބޭފުޅަކީ، ގާނޫނީ ވަކީލެއްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުށެއް ސާބިތުވުމަށް ފަހު އޮންނަ ކަފާލާތަކީ، ކުށެއް ސާބިތުވުމުގެ ކުރިން ލިބިދޭ ކަފާލާތު ފަދަ "ދުސްތޫރީ ހައްގެއް ނޫނެ"ވެ.

"އެ އުސޫލު ކުރިން ވެސް އަދި މިހާރު ވެސް ރާއްޖޭގައި ނެތް،" އިންތި ލިއުއްވި އެވެ.

"ޔާމީން އަބްދުލް ގައްޔޫމް ބުނެގެން ނުހައްގުން ހުކުމް އިއްވުނު ސިޔާސީ ބައެއް ބޭފުޅުން ރާސްލާފައި ދޫކޮށްލީ ވެރިކަން ވެއްޓުނީމާ ކޯޓުތަކުން ދެން ހަދާނެ ގޮތެއް ނެތިގެން."

އޭނާގެ މި ޓްވީޓަށް އިތުރު ތަފްސީލެއް ދެއްވަން ދެވަނަ ޓްވީޓެއް ވެސް ކުރެއްވި އެވެ. އޭގައި އިންތި ވިދާޅުވީ ހައި ކޯޓުން އޭރު ވެސް އެ ބޭފުޅުން ދޫކޮށްލީ ރާއްޖޭގައި "ޕޯސްޓް-ކޮންވިކްޝަން ބެއިލް އޮންނާތީ ނޫން" ކަމަށެވެ.

"އެ އުސޫލެއް އޭރު ވެސް ނެތް. ކޯޓުތަކުން އޭރު ހޭވުނު ހަޑި ރަނގަޅު ކޮށްލަން ކޮންމެވެސް ގޮތެއް ހަމަ އެ ކޯޓުތަކުން ހަދާލީ،" އިންތި ވިދާޅުވި އެވެ.

ތަޖުރިބާކާރު އެހެން ވަކީލެއް ކަމަށްވާ އަދި ކުރީގެ ޕީޖީ އަހުމަދު މުއިއްޒު، އާންމުންނަށް މެސެޖް ދެއްވީ ސީދަލަށް ވުރެ ބޮޑަށް ނުސީދާކޮށެވެ. އެކަމަކު އޭނާގެ ވެސް މައިގަނޑު ޕޮއިންޓަކީ، ބެލެވޭ ގޮތުގައި، ކުށް ސާބިތުވެފައި ތިބޭ މީހުން ކަފާލާތުގެ ދަށުން ދޫކުރުމަކީ ރާއްޖޭގައި އޮންނަ އާންމު އުސޫލެއް ނޫން ކަމެވެ. އަދި ޔާމީންގެ "ހުކުމުގެ ބާވަތަށާއި މަައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް" އޭނާ ސުވާލު ކުރެއްވީ ކަފާލާތުގެ ދަށުން ހައި ކޯޓުން "ޔާމީން ދޫކުރުމުގެ ފުރުސަތު އެބަ އޮތް ބާ؟" އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ރާއްޖޭގެ އިސް ވަކީލަކު ވިދާޅުވީ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ކުށަށް ބަލާއިރު، ކަފާލާތުގެ ދަށުން ދޫކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. ބައެއް ގައުމުތަކުގައި ހުކުމަށް ފަހު ކަފާލާތުގެ ފުރުސަތު ދީފައި ހުންނަނީ، ޔާމީންގެ މައްޗަށް ސާބިތުވި ފަދަ މިޒަމާނުގެ ބޮޑެތި ކުށްތަކުގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ކުށް ސާބިތުވެ ހައި ކޯޓުން އޭރު ބަޔަކު ދޫކޮށްލުމަކީ ވެސް ގޯހެއް. އެއީ ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ގާނޫނުތަކުން އެ ފުރުސަތެއް ނުދޭ،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ފުރުސަތު ދިނަސް، ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ކުށް ކަހަލަ ކުށެއްގެ ހުކުމުގައި ހުރި މީހަކަށް އެ ފުރުސަތު އޮވެގެން ނުވާނެ."

ގާނޫނު ބުނަނީ ކީކޭ؟

ހައި ކޯޓުން އޭރު އަމަލްކުރީ، އެ ކޯޓުގައި އޮންނަ ގަވާއިދެއްގެ ދަށުންނެވެ. އެ ގަވާއިދު ބުނާ ގޮތުން ދަށު ކޯޓުން ކުށްވެރިވާ ކަމަށް ހުކުމް ކޮށްފައިވާ މީހަކު ވެސް ހައި ކޯޓުން ގަބޫލުކުރާ ފަދަ ކަފާލާތެއް ހުށަހަޅައިފި ނަމަ، އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހަކު ބަންދުން ދޫކޮށްފައި ބެހެއްޓުމުގެ ބާރު އެ ކޯޓަށް އޮންނާނެ އެވެ.

އެކަމަކު ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެކު، ޝަރުއީ އިޖުރާއަތަކާ ބެހޭ ގޮތުން ހަދާފައިވާ ހުރިހާ ގަވާއިދެއް ބާތިލްވެ އެވެ. އެހެންކަމުން، ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ހައި ކޯޓަށް އެ ގަވާއިދު މިހާރު ވެސް އަދި، މައުމޫންމެން ދޫކުރި އިރު ވެސް، ބޭނުންކުރެވިގެން ނުވާނެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން، ތުހުމަތެއްގައި ހައްޔަރުކުރެވޭ މީހަކު ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވިދާނެ އެވެ. އެގޮތުން ކޯޓުން ކަނޑައަޅާ އަދަދެއް ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށް ފަހު، ނުވަތަ އެހެން މީހަކު ޔަގީންކަން ދީގެން ވެސް ކަފާލާތުގެ ދަށުން ދޫކުރެވިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

މީގެ އިތުރުން، ދަށު ކޯޓުން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރާ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމަށް ފަހު، އިސްތިއުނާފް ނިމެންދެން އެ މީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތަށް އެދެވިދާނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ. އަދި އެފަދަ މީހަކު ބަންދުކުރަން ހައި ކޯޓުން ނިންމައިފި ނަމަ ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން އެ މީހަކަށް ކޯޓުގައި އެދެވިދާނެ ކަމަށް އެ ގާނޫނުގައި ވެ އެވެ.

އެކަމަކު ކުށްވެރިވާ ކަމަށް ދަށު ކޯޓުން ހުކުމް ކޮށްފައިވާ މީހާ އަށް އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދިނުމާ ބެހޭ ގޮތުން އެ ގާނޫނުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޖިނާއީ އިޖްރާއާތާ ގުޅޭ ގޮތުން ކުރިން ކޯޓުތަކުން ބޭނުންކުރި ހުރިހާ އުސޫލުތަކެއް، ގާނޫނާ އެކު ބާތިލްވެގެން ދިޔަޔަސް، ހައި ކޯޓުގެ ގަވާއިދުގެ ކަފާލާތާ ގުޅޭ މާއްދާ އޭގެ ތެރޭގައި ހިމެނޭ ކަން ނުވަތަ ނޫން ކަން ސާފެއް ނޫނެވެ. އެކަމަކު މައުމޫން އާއި ގާސިމް އަދި ފާރިސްގެ މައްސަލާގައި ހައި ކޯޓުން އަމަލުކުރި ގޮތަށް ބަލާ ނަމަ، އެ މާއްދާއަށް އެ ކޯޓުން އެ އޮތީ އަމަލްކޮށްފަ އެވެ. އެކަމަކު މިއީ، އިންތި ފަދަ ބައެއް ވަކީލުންގެ ނަޒަރުގައި، ހައި ކޯޓަށް ކުރެވޭނެ ކަމެއް ނޫނެވެ.