Roadha Mihaaru
ބްރިޖު ސައިޓަށް ވަދެ ބަލައިލުމުގެ ފުރުސަތު އާއްމުންނަށް

ބްރިޖު ސައިޓަށް ވަދެ ބަލައިލުމުގެ ފުރުސަތު އާއްމުންނަށް ދެނީ

04 އޮކްޓޯބަރ 2016

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރާ ސައިޓުގައި ތިިބެ ބަލައިލުމުގެ ފުރުސަތު އާއްމުންނަށް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރާ ސައިޓުގައި ތިިބެ ބަލައިލުމުގެ ފުރުސަތު އާއްމުންނަށް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ބްރިޖުގެ މާލެ ސައިޓާއި ހުޅެލޭ ސައިޓަށް ނޫސްވެރިންނާއި ވަޒީރުން އިއްޔެ ކުރި ޒިޔާރަތުގައި މިނިސްޓަރު ވިދާޅުވީ ބްރިޖު މަޝްރޫއު ހިނގާ ގޮތް ބަލައިލަން ވަރަށް ގިނަ ބަޔަކު ބޭނުންވާ ކަމަށެވެ. އެހެންވެ ބްރިޖުގެ މަސައްކަތް ކުރާ ދެ ސައިޓަށް އާއްމުން ވަނުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތަށް ދަތިނުވާނެ ގޮތަށް ތާވަލްކޮށްގެން ސްކޫލް ކުދިންނާއި އެކި ކަހަލަ އުމުރުފުރައިގެ މީހުންނަށް ބްރިޖު ބަލައިލުމުގެ ފުރުސަތު ދޭނަން. [ބްރިޖް] މިއީ ރައްޔިތުންގެ މަސައްކަތެއް،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސައިޓުގައި ބްރިޖުގެ ހޮޅިއެއް ވެލްޑިންކުރަނީ:  ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ ސައިޓުގައި ބްރިޖުގެ ހޮޅިއެއް ވެލްޑިންކުރަނީ: ފޮޓޯ: ނިޝާން އަލީ/މިހާރު

ލޮނުޒިޔާރަތްކޮޅުގައި ތިބެގެން ބްރިޖުގެ މަސައްކަތް ބަލައިލަން އެ ސަރަހައްދުގައި ޕްލެޓްފޯމަކާއި ރެސްޓޯރަންޓެއް ހަދަން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

އަށް މިލިއަން ރުފިޔާ ހޭދަވާ މި މަސައްކަތަކީ ބޭކާރު ހަރަދެއް ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރު ވިދާޅުވީ އެގޮތަށް ވާހަކަ ދައްކާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އެ މަސައްކަތް ނިއު ޕޯޓާ ހަވާލުކުރި ދުވަހު ވެސް އެއީ، ސަރުކާރުން އެއްވެސް ހަރަދެއް ކުރާ ކަމެއް ނޫން ކަން ސާފުކޮށްދީފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ސަރުކާރުން ކުރާ ހަރަދެއް ނުވަތަ އިސްރާފެއް ނޫން އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ހަރަދެއް ނުކޮށް އެ ޕްލެޓްފޯމުގެ ސަބަބުން، މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރަށް އާމްދަނީ ލިބޭނެ އެވެ. އެ ޕްލެޓްފޯމާ އެކު ރެސްޓޯރަންޓް ފަދަ ތަންތަން ހަދާއިރު، އެ ބިމުން މަހު ކުލި ސަރުކާރަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރަމުން އަންނަނީ ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތެވެ. ބްރިޖުގައި ޖުމްލަ ހަތް ތަނބުގައި އިންނަ 35 ހޮޅީގެ ތެރެއިން 13 ހޮޅި މިހާރު ވަނީ ޖަހައި ނިންމައިފަ އެވެ. ހޮޅި ޖެހުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމަން ވަނީ ޝެޑިއުލްކޮށްފަ އެވެ.