ދެ އަހަރު ނުފުރޭ ކުއްޖެއްގެ ރޭޕުން ރޮއްވާލީ މުޅި ގައުމެވެ. ބައްޕަ އާއި މަންމަ، މަސްތުގެ ދުނިޔޭގައި ވަނިކޮށް، ކާފަ އާއި މުނިކާފަގެ ޝިކާރައަކަށް ވި ކުއްޖާ އަށް ހަމްދަރުދީއާ އެކު އެންމެންގެ ލޭ ކެކި އަރައިގަތީ އެވެ. ހަވަރަށް މީހުން އެއްވާ ގޮތަށް، ހުޅުމާލޭގައި ކުއްޖާގެ ބައްޕަ އޮތް ގޭ ކައިރި އަށް ގޮސް ހަމަނުޖެހުން ވެސް ހިންގި އެވެ.
21 ޖެނުއަރީ 2020
ދެ އަހަރު ނުފުރޭ ކުއްޖެއްގެ ރޭޕުން ރޮއްވާލީ މުޅި ގައުމެވެ. ބައްޕަ އާއި މަންމަ، މަސްތުގެ ދުނިޔޭގައި ވަނިކޮށް، ކާފަ އާއި މުނިކާފަގެ ޝިކާރައަކަށް ވި ކުއްޖާ އަށް ހަމްދަރުދީއާ އެކު އެންމެންގެ ލޭ ކެކި އަރައިގަތީ އެވެ. ހަވަރަށް މީހުން އެއްވާ ގޮތަށް، ހުޅުމާލޭގައި ކުއްޖާގެ ބައްޕަ އޮތް ގޭ ކައިރި އަށް ގޮސް ހަމަނުޖެހުން ވެސް ހިންގި އެވެ.
އިހުމާލާއި ޒިންމާ އަދާނުކުރުމުގެ ފާޑުކިއުން އަމާޒުވި މި މައްސަލައިގެ ކަވަރޭޖަށް، ގއ. ކަނޑުހުޅުދު އަށް ދިޔަ ދަތުރުމަތީގައި، އަހަރެމެން ފުރަތަމަ މަޑުކުރީ މި އަތޮޅުގެ އެއާޕޯޓު އޮންނަ ރަށް، ކޫއްޑޫގަ އެވެ. ލޯންޗުގެ އިންތިޒާރުގައި އެ ރަށުގެ ބަނދަރުމަތީގައި ހޭދަކުރި ކުޑަ ވަގުތުކޮޅުގައި ވެސް އެތަނުގައި ތިބި އެންމެން ދެއްކީ ރަހުމެއް، ކުލުނެއް، އިންސާނިއްޔަތު ކަމެއް ނެތް ބައެއްގެ އަނިޔާގައި އެ ކުއްޖާގެ "ދިރިއުޅުން މަރާލި" ވާހަކަ އެވެ. ކޫއްޑޫން ކަނޑުހުޅުދު އަށް ދިޔަ ދަތުރުމަތީގައި ގއ. ވިލިނގިއްޔަށް ފައިބައި، ވަން ކެފޭ ތެރޭގައި ތިބި މީހުން ވެސް މި ރަށުގައި ހިނގި ކަންކަން އެ މީހަކަށް ފެންނަ ގޮތަކަށް މާނަކޮށްގެން ނުރުހުން ފާޅުކުރި އެވެ.
ކަނޑުހުޅުދޫގައި އެއް އަހަރާއި ނުވަ މަހުގެ ކުއްޖަކަށް އެހާ ބޮޑު އަނިޔާއެއް ދިނީ ކީއްވެގެން ހެއްޔެވެ؟ ވަރިހަމަ ރައްޔިތުންތަކެއް ދިރިއުޅެނީ ހެއްޔެވެ؟ މުއައްސަސާތަކުން ޒިންމާ އަދާކުރޭ ހެއްޔެވެ؟
ކަނޑުހުޅުދޫ: މި ރަށުގައި ހިނގި ހާދިސާ އިން މުޅި ގައުމު ރޮއްވާލި. --ފޮޓޯ: ނިޝާން އަލީ/މިހާރު
މި ކަންބޮޑުވުންތަކާ އެކު އަހަރެމެން މިދިޔަ ހޮނިހިރުދުވަހު މި ރަށަށް ފޭބިއިރު، މި ރަށުގެ މީހުންގެ ކަންބޮޑުވުން އަދި މާ ބޮޑެވެ. ފޮޓޯގްރާފަރު ނިޝާން އަލީގެ ކެމެރާ ފެނި، އަހަރެމެން މި ރަށަށް އައި ބޭނުން ވެސް އެ މީހުންނަށް އެނގުނެވެ. ހަމައެކަނި ކޮން މީޑިއާއެއްތޯ އަހާލައި، ވާހަކަ ފަށަނީ ވެސް ގިނަ މީހުން އަމިއްލަ އަށެވެ.
ތުހުމަތު ކުރެވުނު ދެ މީހުންގެ ތެރެއިން ޖިންސީ ގޯނާގެ ރެކޯޑު އޮންނަ މުނިކާފަ ރަށުގެ ކުއްޖަކާ ބެހިފާނެ ކަމާ މެދު އެ މީހުންގެ ހިތުގައި ޝައްކެއް ނެތެވެ.
"އެކަމަކު ކާފަ އާއި މުނިކާފަ ވެގެން ދެ އަހަރުގެ ދަރިފުޅަށް އެވަރު ކޮށްފިއޭ ބުނީމަ ގަބޫލެއް ނުކުރެވުނު،" މި ރަށުގެ މީހަކު ބުންޏެވެ.
އަހަރެމެންނަށް ވެސް އެއީ، އަޑު އަހަން އުނދަގޫ، ހިތާއި ސިކުނޑި ބަރުކުރި، ގަބޫލުކުރަން ބޭނުން ނުވި ވާހަކަތަކެކެވެ. ދެ އަހަރު ނުވާ ކުއްޖާގެ ދެ ބޮޑުދައިތައަކު ގިސްލައި ރޮމުން އެ ވާހަކަތައް ކިޔައދިން އިރު އަހަރެމެން ތިބީ ހުއްޓުން އަރައިފަ އެވެ.
އެ ކުއްޖާ އަށް ކުރި މި އަނިޔާއާ ގުޅުވައި އަހަރެމެން ސުވާލުކުރި މީހުން، އިތުރު ކަމެއް އޮޅުންފިލުވަން ނުޖެހޭ ވަރަށް މި ރަށުގެ ހާލަތު ކިޔައިދިނެވެ.
ދެ އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވުމުން ގިނަ ބަޔަކަށް އުފެދުނީ މި ސުވާލެވެ. މިއީ، ޖިންސީ ގޯނާގެ މައްސަލަތަކުގައި އަރާ އޮތް ރަށެއް ހެއްުޔެވެ؟ އެ ކުއްޖާގެ މައްސަލައާ ގުޅުވައި، ކުރިން މި ރަށުގައި ހިނގާފައި ހުރި މައްސަލަތައް ވެސް ސޯޝަލް މީޑިއާ އަށް ދޫކޮށްލުމުން އެހެން ހީވެ އެވެ.
އެހެން ރަށްތަކެކޭ އެއްގޮތަށް، ހިމޭންކޮށް އޮންނަ މި ރަށުގެ އާބާދީއަކީ 960 އެވެ. އެކަމަކު ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 500 މީހުންނެވެ. މަސްވެރިކަމުގެ އާމްދަނީ އަށް ބަރޯސާވެފައި އޮންނަ ރަށުގައި ވެސް ގެތައް ހުންނަނީ ޖެހިޖެހިގެންނެވެ. ގިނަ ގެތަކުގައި ބޭރު ފާރު ރާނައި ދޮރޯށި ލާފައި ހުއްޓަސް އެއް ގޭގައި ހިނގާ ކަންކަން، އަނެއް ގެއަކުން ބަލަ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އަޅާލަ އެވެ.
ކަނޑުހުޅުދޫގައި ކުދިންތަކެއް މަގުމަތީގައި: ރަށުގެ ގިނަ މީހުން ބުނަނީ ކަންކަން ސިއްރު ނުކުރާ ކަމަށް --ފޮޓޯ: ނިޝާން އަލީ/މިހާރު
މި ރަށުގެ ކައުންސިލުން ބުނިގޮތުގައި، އެހެން ރަށްތަކާ އަޅާބަލާ އިރު މި ރަށުގައި ޖިންސީ ގޯނާގެ މައްސަލަތައް ގިނައެއް ނޫނެވެ. ދޭތެރެ ދޭތެރެ އިން ހިނގި މައްސަލަތަކުގެ ތަފްސީލްތަކެއް ވެސް ކައުންސިލުން ދިނެވެ. އޭގެ ތެރޭގައި މި ރަށުގައި ދިރިއުޅުނު އެހެން ރަށެއްގެ މީހަކު [މިހާރު ޖަލުގައި] މިދިޔަ ޖެނުއަރީ ކުއްޖަކާ ބެހެން އުޅުމާއި ފިރިހެނަކު، މި ރަށުގެ އެހެން ފިރިހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކުން ހިމެނެ އެވެ. ކައުންސިލުން ދެން ދެއްކީ، މި ފަހުން ދެ އަހަރުގެ ކުއްޖާ އަށް ޖިންސީގޯނާކުރި މީހުންނަށް ތުހުމަތުކުރާ މައްސަލަތަކެވެ.
ކައުންސިލްގެ މި ވާހަކައާ ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެއްބަސްވެ އެވެ. އެކަމަކު މަދު އާބާދީއަކާ ބަލާއިރު ނިސްބަތުން އެފަދަ މައްސަލަތައް ގިނަ ކަމަށް ދެކޭ މީހުން ވެސް އެބަ ތިއްބެވެ.
"ހުކުމް ތަންފީޒުކުރަން ޖަލުގައި އެބަ ތިބި ބަޔަކު. މިނިވަންވެފައި ވެސް ތިބޭނެ. އަނެއްކާ ތުހުމަތު ކުރެވޭ ކޭސްތަކެއް އެބަހުރި. އެހެންވީމަ މަދެކޭ ނުބުނެވޭނެ،" މި ރަށުގައި ސަރުކާރުގެ ވަޒީފާގައި އުޅޭ މީހަކު، ނަން ނުޖަހަން އެދި ވާހަކަ ދައްކަމުން، ބުންޏެވެ.
މި ރަށުގައި ހިންގި ޖިންސީ ގޯނާގެ އަމަލުތައް މުއައްސަސާތަކުން ތަހުގީގު ކުރަމުން އަންނަ އިރު، މިކަމުގައި ބޮޑު ތުހުމަތު އެޅިފައި ވަނީ އެއް އާއިލާއެއްގެ ބަޔަކަށެވެ. ދެ އަހަރުގެ ކުއްޖާގެ ކާފަ އާއި މުނިކާގެ އިތުރުން ވެސް ޖިންސީ ގޯނާގެ މައްސަލައެއް ސާބިތުވި މީހަކު އަންނަނީ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އޭނާ އަކީ އާއިލީ ކުއްޖާގެ ގޮތުން ކާފަ އާއި މުނިކާފައާ ގުޅުން އޮންނަ މީހެކެވެ.
ދެ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަކުރާ ތިން މީހުންގެ ގެ --ފޮޓޯ: ނިޝާން އަލީ/މިހާރު
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިދިޔަ އަހަރުގެ ފަހުކޮޅު ސަސްޕެންޑްކުރި، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ މި ރަށުގެ އިސް މެޖިސްޓްރޭޓަކީ އެ ކުއްޖާގެ މުނިކާފަ އަށް ބޮޑުބޭބެ ކިޔާ ބޭފުޅެކެވެ. ކޯޓު ހިންގެވުމާ ހަވާލުވެ އޭނާ ހުންނެވި އިރު، މި ރަށުގެ ތިން އަހަރުގެ ކުއްޖަކަށް ކުރިމަތިވި ޖިންސީ ގޯނާގެ މައްސަލަ ނުބަލައި ކޯޓުގައި ދިގުދެންމީ އޭނާގެ ބޮޑުބޭބެ އަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީ ކަމަށް މި ރަށުގެ ބައެއް މީހުން ދެކެ އެވެ.
އެ މޭރުމުން އޭނާ ބައެއް މީހުން ކައިރީ ބައެއް ވާހަކަތައް ދައްކަވާފައި ހުރި ކަމަށް ވެސް، ރަށުގެ ބައެއް މީހުން ބުނެ އެވެ.
"އެ އާއިލާ ތެރޭގައި ބޮޑަށް އެ ކަންތައް އެ އޮތީ. ސިސްޓަމްގެ ތެރޭގައި ނުފޫޒު ގަދަކޮށްގެން އެ މީހުން މައްސަލަތަކެއް ނުބެލޭ،" އެކަކު ބުންޏެވެ.
މި އާއިލާ އިން ނޫނަސް މިފަދަ މައްސަލަތައް ފެންމަތިވެ، އެކި މީހުން ހިމެނޭކަން ތަފާސްހިސާބުތަކުން އެނގެ އެވެ. އެހެންކަމުން އެއީ އެންމެ އާއިލާއެއްގެ ތެރޭގައި އޮތް ކަމެކޭ ބުނެ ނިންމާލެވޭކަށެއް ވެސް ނެތެވެ.
މި ސުވާލަށް ރަށު ކައުންސިލުން ވެސް އަދި އަހަރެމެންނާ ވާހަކަ ދެއްކި ގިނަ ރައްޔިތުން ވެސް އެއްބަހެއް ނުވި އެވެ.
"ނޫން، މި ރަށުގެ ރައްޔިތުންނަކީ ހޭލުންތެރި ބައެއް، ސިއްރެއް ނުކުރޭ. މި ފަހުން ހިނގި ކަންކަން ވެސް ހަމަ މުއައްސަސާތަކަށް ރިޕޯޓްކުރި. ދެ އަހަރުގެ ކުއްޖާގެ ކޭސްގައި އާއިލާ އިން ރިޕޯޓްކުރުމާ އެކު ކައުންސިލް އެ ދުވަހު [ހުކުރުދުވަހު] ހުޅުވައި މަސައްކަތް ކުރި. އޭގެ ކުރިން [މުނި ކާފަގެ ފަރާތުން އެހެން ކުއްޖަކަށް] ދިމާވި ކޭސްގައި ވެސް ކައުންސިލާ ހިއްސާކުރުމާ އެކު ފުލުހުންނާ އެކު ބައްދަލުވުމެއް ބާއްވައި މަޝްވަރާކުރިން،" ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވި އެވެ.
އަމިއްލަ ދަރިފުޅަށް ދެ ފަހަރެއްގެ މަތިން ޖިންސީ ގޯނާ ކުރިމަތިވި މުސްލިމާ ހަސަން ވެސް ބުނީ މި ރަށުގައި ޖިންސީ ގޯނާގެ އަމަލުތައް ސިއްރުނުކުރާ ކަމަށެވެ. ރައްކާތެރި ކުރެވެން އޮތް ގޮތަކަށް ކުދިން ވެސް ރައްކާތެރިކުރާ ކަމަށް ބުންޏެވެ.
އޭނާގެ ކަންބޮޑުވުމަކީ ރިޕޯޓްކޮށް ތަހުގީގު ކުރާ މައްސަލަތަކުގައި ފިޔަވަޅު ނޭޅުމެވެ. ގިނަ ފަހަރަށް ކުށްވެރިވަނީ މައްސަލަ ހުށަހަޅާ މީހާ ކަމަށް ބުންޏެވެ. ނަތީޖާ ވަރަށް ގޯހެވެ؛ މައްސަލަ ހުށަހަޅަން ބައެއް މީހުން ފަސްޖެހެ އެވެ. އިންސާފު ނުލިބޭނެ ކަމުގެ ނާއުއްމީދުގައި ހުށަހެޅުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިސްނޭ ފަހަރުތައް މުސްލިމާ އަށް ވެސް އާދެ އެވެ.
ކަނޑުހުޅުދޫގެ ކުއްޖަކު އެރަށުގެ މަގަކުން ހިނގާލާފައި ދަނީ--ފޮޓޯ: ނިޝާން އަލީ/މިހާރު
މިގޮތަށް ކަން ހިނގާތީ، އަޅާނުލާ މީހުން ވެސް ތިބެދާނެ އެވެ. މަސްތުވާތަކެތި ބޭނުންކުރާ ދެ މީހަކާއި ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ބައެއްގެ ތެރޭގައި ހުރެގެން ދެ އަހަރުގެ ކުއްޖަކަށް ރައްކާތެރިކަމެއް ނެތް ކަމަށް މި ރަށުގެ އެންމެންނަށް އެނގެ އެވެ. އެކަމަކު ރިޕޯޓްކުރިއަސް މައްސަލަ ނުބެލޭނެ ކަމަށް ބުނެ، އެ މީހުން ވަރިހަމަކޮށްގެން ތިބީ އެވެ. ކުޑަ އާބާދީއެއްގައި އުޒުރު ދައްކައި ތިބުމަކީ ރަނގަޅު ގޮތެއް ހެއްޔެވެ؟ މި މައްސަލަތައް ހުއްޓުވަން މުޅި ރަށް އަތުގުޅާލައިފި ނަމަ، ހައްލު ލިބޭނެ ގޮތެއް ފެންނާނެ އެވެ.
މައްސަލަތައް ރިޕޯޓްކޮށް، ގާނޫނީ މަރުހަލާތައް ކަޑައްތުކުރެވެމުންދާ ވަރުން އާއިލާތަކަށް އޮންނަ ހައްގުތަކާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ ހޭލުންތެރިކަން މި ރަށުގައި އުފައްދަން ޖެހެ އެވެ. ރަށުގެ ރައްޔިތުންނަށް އޮޅުން ނުފިލަނީ މިކަމެވެ.
މި ހުރިހާ ކަންބޮޑުވުމެއް އެ މީހުންގެ އެބަ ހުއްޓެވެ. ދެ އަހަރުގެ ކުއްޖާ އަށް ކުރި އަނިޔާ އެހެން ކުއްޖަކަށް ތަކުރާރުވާކަށް މި ރަށުގެ ރައްޔިތުން ބޭނުމެއް ނުވެ އެވެ.
އަހަރެމެން ކައިރީގައި އެ މީހުން އެދުނީ، މި ވާހަކަތައް ލިޔެ މުއައްސަސާތަކަށް ފޯރުކޮށްދިނުމަށެވެ؛ އެ މީހުންގެ ވާހަކަތަކުންނާއި އަހަރެމެންގެ ދަތުރުގައި މަޑުކުރި އަނެއް ދެ ރަށުންނާއި ބައްދަލުވި މި އަތޮޅުގެ އެހެން ރަށްތަކުގެ މީހުންގެ ފަރާތުން އެނގުނީ، ފިޔަވަޅު ނާޅައިފި ނަމަ މި ރަށުގައި މި ހިނގި ކަމެއް މި އަތޮޅުގެ އެހެން ރަށެއްގައި ހިނގުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމެވެ!
އެންމެންގެ ލޯ ހުޅުވާލަދީ މިފަހަރު ސަމާލުކަމަށް މި އައީ، ކަނޑުހުޅުދު އެވެ؛ މި ހާލަތުގައި ދެން އޮތީ ކޮން ރަށެއް ހެއްޔެވެ؟
ކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވަން އަޑުއުފުލައިފި
ކުއްޖާ އަށް އަނިޔާވިތޯ ސުވާލު އުފެއްދި މައްސަލަ ބަލަނީ
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
ހައްޔަރުކުރި މުދިމުގެ އަނބި ފިޔަވަތިން ސަސްޕެންޑްކޮށްފި
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!
ޖިންސީ ގޯނާގެ ތުހުމަތަށް ދޮންބައްޕައަކު ހައްޔަރުކޮށްފި
11 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް