Roadha Mihaaru
ހުޅުދޫ/މީދޫ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް

ހުޅުދޫ/މީދުއާ ގުޅޭ ޕެޓިޝަން މަޖިލީހުގެ ރައީސާއި އެލްޖީއޭ އަށް

22 ޖެނުއަރީ 2020

އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދު އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ބުނެ، ރަށު ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައި މިހާރު ސޮއިކުރަމުން އަންނަ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ލޯކަލް ގަވަމަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދު އަށް ބޭނުން ވަނީ ރަށު ކައުންސިލެއް ކަމަށް ބުނެ، ރަށު ކައުންސިލެއް އިންތިހާބު ކުރަން ގޮވާލައި މިހާރު ސޮއިކުރަމުން އަންނަ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ލޯކަލް ގަވަމަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.

މި ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ކޮމިޓީން ބުނީ މަޖިލީހުގެ ރައީސާއި އެލްޖީއޭ އާއި އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުޅުދު އާއި މީދޫ ތަމްސީލުކުރައްވާ މެމްބަރުންނާ ވެސް ޕެޓިޝަން ހިއްސާކޮށްފައިވާ ކަމަށެވެ.

މި ޕެޓިޝަން އިއްޔެ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ފޮނުއްވައިފަ އެވެ.

"އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ސޮއިކުރަމުން އަންނަ ޕެޓިޝަނުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ގާތުން ލިބިގަތުމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ދެ ރަށަށް ވަކި ރަށު ކައުންސިލްތަކެއް ހޮވަން ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުން ވޯޓް ވެސް ލާން ބޭނުން ވަނީ ރަށު ކައުންސިލަކަށް ކަމަށެވެ.

އޭގައި ބުނީ އައްޑު އަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތަސް ފުރިހަމަ ސިޓީއެއްގެ ގޮތުގައި އައްޑޫ ނުހިނގާ ކަމަށާއި ކައުންސިލެއްގެ ކަންކަން ތަރުތީބުވެފައި ހުރި ގޮތަށް ބަލާ އިރު، ހުޅުދު އާއި މީދު އަށް މިދިޔަ ނުވަ އަހަރުގެ ތެރޭގައި ހާސިލުވާން ޖެހޭ ކަންކަން ހާސިލު ވެސް ވެފައި ނުވާ ކަމަށެވެ.

"...[އެހެންވެ] މިކަންކަމަށް ރިއާޔަތްކޮށް ހުޅުދު އާއި މީދޫގެ ރައްޔިތުން މިހާރު އެދެނީ އެކަހެރިކަމާއި ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުދު އާއި މީދު އަށް ރަށުގެ ހައިސިއްޔަތު އަލުން ލިބުމެވެ. އަދި ހަމައެއާ އެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މި ދެ ރަށުގައި ވެސް ރަށު ކައުންސިލެއް އުފެދުމެވެ،" ޕެޓިޝަނުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި މި ޕެޓިޝަނުގައި މިހާތަނަށް 500 އެއްހާ މީހުން ސޮއިކޮށްފައިވެ އެވެ.