Roadha Mihaaru
ބާސްކެޓްބޯޅަ: ކިންގްސް އާއި ކުއީންސް ފައިނަލަށް

ބާސްކެޓްބޯޅަ: ކިންގްސް އާއި ކުއީންސް ފައިނަލަށް

23 ފެބުރުއަރީ 2020

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް ބާސްކެޓްބޯލް ކްލަބުން އަދި އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުއީންސް ބާސްކެޓްބޯލް ކްލަބް ހޯދައިފި އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް ބާސްކެޓްބޯލް ކްލަބުން އަދި އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ކުއީންސް ބާސްކެޓްބޯލް ކްލަބް ހޯދައިފި އެވެ.

ގައުމީ ލީގު ކާމިޔާބުކުރި ކިންގްސް އާއި ކުއީންސް ފައިނަލުން ފުރުސަތު ހޯދީ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލަށް ކިންގްސް ދަތުރުކުރީ ރޭ ކުޅުނު ދެ ވަނަ ސެމީގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބް އަތުން 86-77 އިން މޮޅުވެގެންނެވެ. ގައުމީ ލީގުގެ ފުރަތަމަ ބުރުގައި ކިންގްސް އިން ޓީރެކްސް ބަލިކުރި އެވެ. އެކަމަކު ދެ ވަނަ ބުރުގައި ޓީރެކްސް އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކިންގްސް ބަލިކޮށްފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ކުރީގައި އޮތީ ޓީރެކްސް އެވެ. އެގޮތުން ދެ ވަނަ ކުއާޓާ ނިމުނުއިރު އެ ޓީމު ކުރީގައި އޮތީ 35-48 އިންނެވެ. އެކަމަކު ތިން ވަނަ ކުއާޓާ ނިމުނުއިރު ކިންގްސް އިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމު މި ކުއާޓާ ނިންމާލީ 62-61 އިން އެއް ޕޮއިންޓުގެ ލީޑެއްގަ އެވެ. ފަހު ކުއާޓާގައި ކިންގްސް އިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ލީޑު ދަމަހައްޓައި މެޗުން މޮޅުވެފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ 20 ޕޮއިންޓް އެއްކުރި ޓީރެކްސްގެ އިސްމާއިލް ވިލްދާން އެވެ. ކިންގްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދި އަންފާލް އިބްރާހިމް އެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ކިންގްސްއާ ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމެއް އެނގޭނީ މާދަމާރޭ ކުޅޭ ތިން ވަނަ ސެމީ ފައިނަލް މެޗުންނެވެ. އެ މެޗުގައި ދެ ވަނަ ސެމީން ބަލިވި ޓީރެކްސް ބައްދަލުކުރާނީ ފުރަތަމަ ސެމީގައި މޮޅުވި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އެވެ. ސްޓިންގާސް އެ ސެމީގައި ރެޑްވިންގްސް އަތުން މޮޅުވީ 71-75 އިންނެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުން ކުއީންސް ފުރުސަތު ހޯދީ އެލީޓް ސްޕޯޓްސް ކްލަބް 69-62 އިން ބަލިކުރުމަށް ފަހު އެވެ. އެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދި ކުއީންސްގެ ފާތިމަތު ރިޝްމާ (ރިޝްޓޯ) އެވެ. ފުރަތަމަ ސެމީން މޮޅުވި ބެންޗް ސްޕޯޓްސް ކްލަބް މިރޭ ކުޅޭ ތިން ވަނަ ސެމީގައި ބައްދަލުކުރާނީ އެލީޓްއާ އެވެ. މިރޭ މޮޅުވާ ޓީމެއް ބުދަ ދުވަހުގެރޭ ފައިނަލުގައި ކުއީންސްއާ ބައްދަލުކުރާނެ އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ ކިންގްސް އެވެ. އަދި އަންހެން ތަށި އުފުލާލީ ސައިކްލޯން ބާސްކެޓްބޯލް ކްލަބް އެވެ.