Roadha Mihaaru
ފަސޭހައިން ބެޓެރި ބަދަލުކުރެވޭގޮތަށް ފޯނު ހެދޭތޯ ބަލަނީ

ސްމާޓްފޯނުތަކުގެ ބެޓެރީ ބަދަލުކުރުމަށް ފަސޭހަ ގޮތެއް އީޔޫ އިން ހޯދަނީ

01 މާޗް 2020

ސްމާޓްފޯނުތައް ބޭނުންކުރާ މީހުންނަށް، ފޯނުގެ ބެޓެރީ ބަދަލުކުރެވުނު ޒަމާނެއް ވެސް މާޒީވެ ހިނގައްޖެ އެވެ. ސްމާޓްފޯނުތަކުގައި ޒަމާނީ ސިފަ ޖައްސަން ޖެހިގެން، މިހާރު ފޯނުތައް އުފައްދަނީ، ޚާއްސަ އިލްމެއް ލިބިފައި ހުރި މީހަކަށް ނޫނީ ބެޓެރީ ބަދަލުނުކުރެވޭ ގޮތަށެވެ. ނަމަވެސް، މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ފޯނުގެ ބެޓެރީ ބަދަލުކުރަން އެދޭ ކޮންމެ މީހަކަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ، ޔޫރަޕިއަން ޔުނިއަނުން އެބަ މަސައްކަތްކުރެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޔޫރަޕިއަން ޔުނިއަނުން ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި "އިލެކްޓްރޯނިކް ކުނި" ގިނަވުން ހިމެނެ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި، ފޯނުގެ ބެޓެރީ އަމިއްލަ އަށް ބަދަލުކުރެވޭ ގޮތް ހެދިއްޖެ ނަމަ، ކޮންމެ ދެ އަހަރަކުން އާ ފޯނެއް ނުގަނެ ފަރުޖެއްސޭނެ އެވެ. އެހެނީ، ފޯނު ކިތަންމެ ރަނގަޅު ނަމަވެސް، ބާރު ދަމަހައްޓައި ދެވޭހައި ފެންވަރު ބެޓެރީގައި ނެތް ނަމަ، ފޯނު ބަދަލުކުރަން ޖެހޭތީ އެވެ. މަރާމާތުކުރާ ތަނަކުން ބެޓެރީ ބަދަލުކުރުމުގެ ބަދަލުގައި ގިނަ މީހުން އިޚްތިޔާރުކުރަނީ މި ގޮތެވެ.

މިއީ އަދި ޔޫރަޕިއަން ޔޫނިއަނުން ކުރާ ޚިޔާލެކެވެ. ސްމާޓްފޯނުތައް އުފައްދާ ކުންފުނިތަކާ އެކު ކުރެވޭ ބަހުސަކުން މެނުވީ އަމަލީ ސިފަޖެހެން ނެތް ކަމެކެވެ. އީޔޫ އަކީ އެ މީހުން ބޭނުންވެއްޖެ ނަމަ، ކުންުނިތަކުގެ ގާނޫނަށް ބޮޑެތި ބަދަލުތައް ގެނުވާ ޖަމާއަތެކެވެ. މިއީ ހަގީގަތުގައި ވެސް އީޔޫ އެދޭ ކަމެއް ނަމަ، ސްމާޓްފޯނު އުފައްދާ ކުންފުނިތަކަށް މަޖުބޫރުކުރުވައިގެން ނަމަވެސް ކުރުވާނެ އެވެ. އެހެން ނަމަވަމެސް، އަމިއްލަ އަށް ބެޓެރީ ބަދަލުކުރެވޭ ގޮތް ހަދަންޖެހިއްޖެ ނަމަ، ސްމާޓްފޯނުތަކުގެ ބައްޓަމަށް އަދި ސިފަ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ.