Roadha Mihaaru
ޔޫއޭއިން ރާއްޖެއަށް 771 މިލިއަން ރުފިޔާގެ އެހީ ދެނީ

ޔޫއޭއިން ރާއްޖެ އަށް 771 މިލިއަން ރުފިޔާގެ އެހީއެއް ދޭން ސޮއިކޮށްފި

09 މާޗް 2020

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ.

ރާއްޖެ އަށް 385 މިލިއަން ރުފިޔާގެ އެހީ ދޭން ޔޫއޭއިން ވަނީ ކުރިން ނިންމައިފަ އެވެ. އެ އެހީ ދެ ގުނަކޮށް، 771 މިލިއަން ރުފިޔާ އަށް އިތުރު ކޮށްފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރަން ނޮވެމްބަރު 10، 2019 ގައިި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނީ ހިލޭ އެހީގެ ގޮތުގައި ބައެއް ގައުމުތަކުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 3.21 ބިލިއަން ރުފިޔާ ރާއްޖެ އަށް ދީފައިވާ ކަމަށެވެ.

ޔޫއޭއިން ދޭން ނިންމާފައިވާ 25 މިލިއަން ޑޮލަރު، ދެ ގުނަ ބޮޑުކޮށް 50 މިލިއަން ޑޮލަރަށް އިތުރު ކޮށްދީފައިވާ ކަމަށް ދަރުބާރުގޭގައި ބޭއްވި އެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ޔޫއޭއީ އަށް ރަސްމީ ދެ ދަތުރުފުޅު ކުރައްވާފައި ވެ އެވެ. އެންމެ ފަހުން ނޮވެމްބަރު 29، 2019 ގައި ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ޔޫއޭއީގެ ވަލީ އަހްދާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޔޫއޭއީއާ އެކު އޮންނަ ގުޅުން މިހާރު ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ. މިނިސްޓަރު ޝާހިދު، ޔޫއޭއީ އަށް ކުރެއްވި ދަތުރުގައި ކުރެވުނު މަޝްވަރާތަކާ އެކު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެ ގައުމަށް ދެވޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.