Roadha Mihaaru
ބިލިއަނެއްހާ އެންޑްރޮއިޑް ފޯން ނުރައްކަލުގައި

އަޕްޑޭޓް ނުކުރާތީ ބިލިއަނެއްހާ އެންޑްރޮއިޑް ފޯން ނުރައްކަލުގައި

10 މާޗް 2020

ސެކިއުރިޓީ އަޕްޑޭޓްތައް ނުކުރާތީ، އެންޑްރޮއިޑް އޯއެސްގައި ހިންގާ ބިލިއަނެއްހާ ފޯން މިހާރު އޮތީ ހެކްކޮށްފާނެކަމުގެ ނުރައްކަލުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސެކިއުރިޓީ އަޕްޑޭޓްތައް ނުކުރާތީ، އެންޑްރޮއިޑް އޯއެސްގައި ހިންގާ ބިލިއަނެއްހާ ފޯން މިހާރު އޮތީ ހެކްކޮށްފާނެކަމުގެ ނުރައްކަލުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސިިލާތުގެ ކުންފުނި ވިޗް؟ އިން ބުނިގޮތުގައި މި ސަބަބާ ހުރެ އެތައް ބައެއްގެ ޒާތީ މައުލޫމާތުން ވައްކަންކުރުމާއި ޑިވައިސްތަކަށް އެކި ފެންވަރުގައި، އެކި ކަހަލަ ތުރާތައް ޖެއްސުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ވަކިން ހާއްސަކޮށް މިކަމުގެ ނުރައްކާ ބޮޑީ 2012 ގައި ނުވަތަ އޭގެ ކުރިން ނެރެފައިވާ އެންޑްރޮއިޑްގެ ފޯނުތަކަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން އެންޑްރޮއިޑްގެ ބެލިެނިވެރި ފަރާތް ކަމަށްވާ ގޫގްލްއިން އެއްވެސް އެއްޗެއް ނުބުނެ އެވެ. ބީބީސީން ބުނެފައިވާ ގޮތުގައި ވިޗް އިން ފާޅުކޮށްފައިވާ ކަންބޮޑުންތަކާ ގުޅިގެން އެ ތަނުން ވެސް ވަނީ ގޫގްލްގެ ބަހެއް މި މައްސަލާގައި ލިބޭތީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ކުންފުނިން އިޖާބައެއް ނުލިބޭ ކަމަށް ބުންޏެވެ.

ގޫގުލް އިން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުތަަކަށް ބަލާ އިރު އެންޑްރޮއިޑަށް ބަރޯސާވާ 42.1 ޕަސެންޓް މީހުންނަކީ މިހާރު އެންޑްރޮއިޑް 6.0 ނުވަތަ އެއަށް ވުރެ ދަށް އޯއެސް ބޭނުންކުރާ މީހުންނެވެ. އަދި މިދިޔަ އަހަރު ނެރުނު 7.0 ވާޝަނަށް ވުރެ ދަށް އޯއެސްތަކަށް ސެކިއުރިޓީ ޕެޗްތަކެއް ހަމަޖެހިފައެއް ނެތެވެ.

އެހެންވެ މި ވަގުތަށް އޮތް އެންމެ ރައްކާތެރި ގޮތަކީ ވިޗުން ދޭ ލަފައާ އެއްގޮތަށް އަމަލުކުރުމެވެ. ހާއްސަކޮށް މޮޓޮރޯލާ އެކްސް އާއި ސެމްސަންގް ގެލެކްސީ އޭ5 އާއި ސޮނީ ޒެޕީރިއާ ޒީ2 އާއި އެލްޖީ/ގޫގްލް ނެކްސަސް 5 އަދި ސެމްސަންގް ގެލެކްސީ އެސް6 ބޭނުންކުރާ މީހުންނެވެ.

އެގޮތުން ވިޗުން ލަފާ ދެނީ މައިގަނޑު ފަސް ކަމަކަށް ސަމާލުވުމަށެވެ. އެއީ ފޯނު ގެންގުޅޭތާ ދެ އަހަރު ވެފައިވާ ނަމަ އޭގެ އޯއެސް އަޕްޑޭޓްވެފައިވޭތޯ ކަށަވަރުކުރުމާއި ނުވާ ނަމަ އެކަން ކުރެވޭތޯ ބެލުމާއި އެންޑްރޮއިށް 4 އަށް ވުރެ ދަށް ވާޝަނެއް ގެންގުޅޭ ނަމަ ފޯން ހެކްކޮށްފާނެކަމުގެ ފުރުސަތު ބޮޑުކަމަށްޓަކައި ގޫގުލް ޕްލޭ ސްޓޯރު ނޫން ތަނަކުން އެޕްތައް ޑައިންލޯޑްނުކުރުމާއި އެސްއެމްއެސް އާއި އެމްއެމްއެސްތަކަށް ފާރަވެރިވުމާއި އަބަދު ވެސް ޑާޓާތައް ބެކަޕްގައި ބަހައްޓަން (މިސާލަކަށް ހާޑް ޑްރައިވާއި ކްލައުޑް ސާވިސް) އިސްކަން ދިނުމުގެ އިތުރުން ފޯނަށް ކުޅެދޭ ވަރުގެ އެންޓި-ވައިރަސް އެޕެއް އިންސްޓޯލްކުރުމެވެ.