Roadha Mihaaru
ހަނިމާދޫން ހޮނޑާފުށި ރިސޯޓަށް ދިއުމުން ހައްޔަރުކޮށްފި

ހަނިމާދޫން، ހޮނޑާފުށި ރިސޯޓަށް ދިޔަ މީހަކު ހައްޔަރުކޮށްފި

26 މާޗް 2020

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން ފިޔަވައި އެހެން މީހުން އަރައި ފޭބުން މަނާ ކޮށްފައި ވަނިކޮށް ހދ. ހަނިމާދޫން، އެ ރަށާ ކައިރީގައި އޮންނަ ހޮނޑާފުށި ރިސޯޓަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓްތަކަށް ޓޫރިސްޓުން ފިޔަވައި އެހެން މީހުން އަރައި ފޭބުން މަނާ ކޮށްފައި ވަނިކޮށް ހދ. ހަނިމާދޫން، އެ ރަށާ ކައިރީގައި އޮންނަ ހޮނޑާފުށި ރިސޯޓަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް، ހޮނޑާފުށި ރިސޯޓް މެނޭޖްމަންޓުގެ ހުއްދައެއް ނެތި އެ ރިސޯޓަށް އަރައި ތަކެތި ހިފައިގެން ހަނިމާދޫ އަށް ދިޔަ 22 އަހަރުގެ ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެންގުމާ ހިލާފަށް ރިސޯޓަށް އެރި މުވައްޒަފަކު ހައްޔަރު ކުރިއިރު މީގެ ކުރިން ވެސް ރިސޯޓް މުވައްޒަފުންތަކެއް ބައެއް ރަށްރަށަށް ދިއުމުން އެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން އައްޑު އަތޮޅުގެ ރިސޯޓަކުން ފަތާފައި މީދޫއަށް ދިޔަ މީހަކާއި އެހެން ރިސޯޓެއްގެ ދެ މުވައްޒަފަކު ފުވައްމުލަކަށް ދިއުމުން ހައްޔަރުކޮށްފައި ވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ސިނގިރޭޓު ގަންނަން ދިޔަ މީހެއް ވެސް ހައްޔަރުކޮށްފި އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހަށް ޕޮޒިޓިވް 13 މީހަކު ރާއްޖޭން މިހާތަނަށް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން މިހާރު ވަނީ އަށް މީހަކު ރަނގަޅުވެފަ އެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްކާތެރިކަމުގެ ވަރަށް ގިނަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.