Roadha Mihaaru
މަނަދޫގެ 15 ސިއްހީ އެހީތެރިއަކު އެކަހެރިކޮށްފި

ކޮވިޑް-19: މަނަދޫން ޕޮޒިޓިވްވި މީހާއާ ގުޅިގެން، 15 މީހަކު އައިސޮލޭޝަނަށް

04 މެއި 2020

ނ. މަނަދޫން އެހެން ފަރުވާ އަކަށް މާލެ ގެނައި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށުގެ 15 ސިއްހީ އެހީތެރިއަކު އައިސޮލޭޓް ކޮށްފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ނ. މަނަދޫން އެހެން ފަރުވާ އަކަށް މާލެ ގެނައި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ރަށުގެ 15 ސިއްހީ އެހީތެރިއަކު އައިސޮލޭޓް ކޮށްފައިވާ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންތަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، 15 މީހަކު ގޭގައި މަޑުކުރަން އެންގީ ސިއްހީ ސަލާމަތްތެރިކަން ޔަގީން ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަނަދޫން ޕޮޒިޓިވްވީ މީހާ މާލެ ގެނައީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެންނެއް ނޫނެވެ. އެކަމަކު، އެ މީހާ ޕޮޒިޓިވް ވެފައިވާތީ އޭނާ އާ ކޮންޓެކްޓްވި ކަމަށް ބެލެވޭ މީހުން އައިސޮލޭޓް ވުމަށް އެންގީ ކަމަށް ވިދާޅުވި އެވެ.

މަނަދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އެއީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނޫނެވެ. އޭނާ މާލެ ގެނައީ ބަނޑުގައި ރިއްސާތީ ނ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު ބަލި އިތުރަށް ބޮޑުވެގެންނެވެ.

އެ މީހާގެ ފަރުވާ އަށް ފަހު، ގެ އަށް ފޮނުވައިލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރަން އައިޖީއެމްއެޗުން ނިންމި އިރު ވެސް އޭނާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް މީގެ ކުރިން އެޗްޕީއޭ އިން ބުނެފައި ވެ އެވެ. އެހެންވެ، އޭނާ ހޮސްޕިޓަލުން ދޫކޮށްލީ ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބުނީ ފަރުވާ އަށް ފަހު، އޭނާ ގެސްޓް ހައުސް އަށް ދިޔަ ފަހުން ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

މަނަދޫން މާލެ ގެނައި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މާލެ އާއި މަނަދޫގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.