Roadha Mihaaru
އައިޖީއެމްއެޗަށް ވަގުތީ ނަރުހުން ހޯދަން އިއުލާނުކޮށްފި

އައިޖީއެމްއެޗަށް ވަގުތީ ނަރުހުން ހޯދަން އިއުލާނުކޮށްފި

11 މެއި 2020

އައިޖީއެމްއެޗަށް ވަގުތީ ނަރުހުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗަށް ވަގުތީ ނަރުހުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ، ކޮންޓްރެކްޓް އުސޫލުން، ތިން މަސް ދުވަހަށް މަސައްކަތް ކުރާނެ 35 ނަރުހުން ބޭނުންވާ ކަމަށެވެ.

އެ ނަރުހުން މަސައްކަތް ކުރަން ޖެހޭނީ ހަފުތާގެ ފަސް ދުވަހު، ދުވާލަކު އަށް ގަޑިއިރަށެވެ. މުސާރައިގެ ގޮތުގައި މަހަކު 9،060ރ. އާއި ސާވިސް އެލަވަންސަށް 188ރ. ލިބޭނެ އެވެ.

ނާސިން ދާއިރައިން ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށް، އައިޖީއެމްއެޗުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރި މީހުންނަށް އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން [email protected] އަށް ހުށަހެޅޭނެ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ނަރުހުން ހޯދަން އިއުލާނުކުރިއިރު، ކޮވިޑް-19 ގެ ސަބަބުން އެ ހޮސްޕިޓަލްގެ ނަރުހުންގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ބުރަވެފަ އެވެ. ފަރުވާ ދިނުމުގެ ތެރޭގައި އެ ހޮޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވިޔަސް އެއް ޑިޕާޓްމަންޓެއްގެ 16 ނަރުހަކު ވަނީ އައިސޮލޭޓްކޮށްފަ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިގޮތުގައި ރާއްޖޭގެ 55 ޕަސެންޓް ނަރުހުންނާއި ޑޮކްޓަރުން ހަރަކާތްތެރިވާނީ ކޮވިޑް-19 ގެ ކަންކަމުގަ އެވެ. ބާކީ ތިބި 45 ޑޮކްޓަރުންނާއި ނަރުހުންނަކީ، އާއްމު ބަލިތަކަށް ފަރުވާދޭނެ ހިދުމަތްތެރިން ކަމަށް ވިދާޅުވި އެވެ.