Roadha Mihaaru
އޮންލައިންކޮށް ސިންގަޕޫރްގައި އަލަށް މަރުގެ ހުކުމެއް

އޮންލައިންކޮށް ސިންގަޕޫރްގައި ފުރަތަމަ ފަހަރަށް މަރުގެ ހުކުމެއް

21 މެއި 2020

ސިންގަޕޫރްގައި އޮންލައިންކޮށް ކޯޓުގެ އަޑުއެހުންތަކެއް ހިންގައި މީހަކަށް މަރުގެ ހުކުމެއް އިއްވައިފި އެވެ. މިއީ މިގޮތަށް ހިންގި މައްސަލައެއްގައި މީހަކަށް މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިންގަޕޫރްގައި އޮންލައިންކޮށް ކޯޓުގެ އަޑުއެހުންތަކެއް ހިންގައި މީހަކަށް މަރުގެ ހުކުމެއް އިއްވައިފި އެވެ. މިއީ މިގޮތަށް ހިންގި މައްސަލައެއްގައި މީހަކަށް މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.

ކޮރޯނާވައިރަހާ ގުޅިގެން ކޯޓުގެ މަސައްކަތްތައް މި ވަގުތު އޮންލައިންކޮށް ކުރިއަށް ގެންދާ އިރު، ވީޑިއޯ ކޮންފަރެންސް އެޕް ޒޫމް މެދުވެރިކޮށް ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް އިއްވާފައި މީގެ ނުވަ އަހަރު ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާކުރި މެލޭޝިއާގެ ޕުނިތަން ގެނަސަން، 37، އަށެވެ.

އޭނާގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން، އިންސާނީ ހައްގުތަކަށް މަސައްތަކުރާ ޖަމާއަތްތަކުން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ކޮރޯނާވައިރަހުގެ މި ދަތި އަދި ނުރައްކާތެރި ހާލަތުގައި މީހަކަށް މަރުގެ ހުކުމް އިއްވުމަކީ ދެރަ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ނަމަވެސް އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ފާހަގަކުރެވޭ ސިންގަޕޫރަކީ އަބަދު ވެސް ގާނޫނުތައް ތަންފީޒުކުރުމުގައި މުޅި ދުނިޔެ އަށް ނަމޫނާ ދައްކާ ގައުމެކެވެ. އަދި އެ ގައުމަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި "ޒީރޯ ޓޮލެރަންސް" ގެންގުޅޭ ގައުމެކެވެ.

ޒޫމް މެދުވެރިކޮށް މަރުގެ ހުކުމެއް އިއްވާފައި މި ވަނީ ކޮވިޑް-19 ގެ ސަބަބުން، އަންނަ މަހުގެ 1 އާ ހަމައަށް ސިންގަޕޫރްގައި ލޮކްޑައުން އިއުލާންކޮށްފައިވާތީ، ކޯޓުތައް ހުޅުވައިގެން މަސައްކަތްކުރުން މެދުކަނޑާލައިފައި އޮއްވަ އެވެ.

ޕުނިތަންގެ ދިފާއީ ވަކީލު ޕީޓާ ފެނާންޑޯ ވިދާޅުވީ އޭނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފުކުރާނެ ކަމަށެވެ.