Roadha Mihaaru
ލަފާތައް ގަބޫލުނުކޮށް އިންތިހާބު އިންސާފުވެރިއެއް ނުވާނެ

ލަފަޔަށް އަމަލު ނުކުރާ ނަމަ ކައުންސިލް އިންތިހާބު އިންސާފުވެރިއެއް ނުވާނެ: އިދިކޮޅު އިއްތިހާދު

17 އޮކްޓޯބަރ 2016

އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ކައުންސިލް އިންތިހާބުގެ ލަފާ ދޭ ކޮމެޓީގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލަފާތައް އަޑު ނާހާ ނަމަ، އަންނަ ޖެނުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ކައުންސިލް އިންތިހާބުގެ ލަފާ ދޭ ކޮމެޓީގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލަފާތައް އަޑު ނާހާ ނަމަ، އަންނަ ޖެނުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ޕީޕީއެމް ފިޔަވައި ހުރިހާ ޕާޓީތަކުން ބައިވެރިވި ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުން ވަރަށް ގިނަ ލަފާތައް ދީފައިވާނެ ކަމަށެވެ. އަދި ބައެއް ކަންކަމަށް އިލެކްޝަނުން ޖަވާބުދާރީ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބު ފަސްކުރަން ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެން އެކަމާ މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް މި ވަގުތަށް ފަސް ކުރުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅޭ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި މަހުގެ 26 ވަނަ ދުވަހު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، ކުރިމަތިލުމަށް 14 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އިލެކްޝަނުން ބުނި ނަމަވެސް، އެއީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ނިޔާޒް ވިދާޅުވި އެވެ. އެހެންވެ، އިންތިހާބުގައި ވާދަކުރަން އެކަށީގެންވާ ވަގުތެއް ދޭން ވަނީ އެދިފަ އެވެ.

"އިލެކްޝަންސް ކޮމިޝަނުން އެންގީ ގާނޫނީ ހުރަސްތަކެއް ނެތް ނަމަ، މުއްދަތު އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށް،" އިދިކޮޅު މައި ޕާޓީގެ ޗެއާޕާސަންގެ ނައިބު ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން ވޯޓާސް ލިސްޓް އާންމުކުރިއިރު، އައިޑީ ކާޑުގެ މައުލޫމާތު ނެތި ލިސްޓު އާންމުކުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނިޔާޒް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އެއްވެސް ކޮމިޝަނަކުން އަމަލު ކުރި ގޮތެއް ނޫނެވެ.

ހަމައެއާ އެކު ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓާފައި އޮތް އޮތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުންތައް ވެސް ހިއްސާ ކޮށްފައި ވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީތަކަށް ފައިސާ ނުދީ ހިފެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައި އޮތް ބާރެއް ނޫނެވެ.

"އޮޑިޓް ރިޕޯޓު ނުވަތަ އަހަރީ ރިޕޯޓު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަނާޅައިފި ނަމަ، ޕާޓީތައް ޖޫރިމަނާ ކުރެވޭނީ. ސަރުކާރުގެ އެކި އެކި އިދާރާތަކުގެ ފައިސާ މައްސަލަތައް ފާހަގަ ކުރައްވާ އޮޑިޓާ ޖެނެރަލް، އެކަމަކު ސަރުކާރުގެ އެއްވެސް އިދާރާއަކަށް ފައިސާ ދޫނުކޮށް ނުހުރޭ، އެހެންވީމަ ވަކި ސިޔާސީ ޕާޓީތަކަށް އެކަން އެގޮތަށް އޮވެގެން ނުވާނެ،" ނިޔާޒް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތައް ހިންގާ ގޮތާ މެދު އިލެކްޝަނުން ހިތްހަމަނުޖެހުން ފާޅުކޮށް، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް މި އަހަރު ކަނޑައަޅާފައިވާ ފައިސާ ދިނުން ފަސް ކުރަން ނިންމީ މިދިޔަ ހަފުތާގަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އަސާސީ ގަވާއިދުތަކާ ހިލާފުވެ ޕާޓީތައް ހިންގާ ގޮތާ މެދު އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވާ ކަމަށް ބުނެ އެ ސިޓީގައި ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އިންތިހާބުގެ ލަފާ ދޭ ކޮމެޓީއަށް ހުށަހަޅާ ކަންކަމަށް އަމަލުކޮށްފި ނަމަ، އިންތިހާބަކީ ދެފުށް ފެންނަ އިންސާފުވެރި އިންތިހާބަކަށްވާނެ އެވެ. އެކަމަކު އެންމެ ޕާޓީއެއްގެ އަޑު އަހައިގެން ކުރިއަށް ގެންދާ ނަމަ، އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބަށް ލަފާ ދޭ ކޮމެޓީގެ މަޝްވަރާގެ މަތިން އިންތިހާބު ކުރިއަށް ގެންދިއުމަށް އެދެން. އަޅުގަނޑުމެން މިތިބީ އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދޭން،" ނިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީ އާއި އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގެ ރަސްމީ ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ޕާޓީތަކަށް ފައިސާ ނުދިނުމަކީ އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް އިއްތިހާދުން ބުންޏެވެ. އަދި ހެޔޮ އެދޭ މީހުންގެ އެހީތެރިކަމާއެކު އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވެސް އިއްތިހާދުން ބުންޏެވެ.